ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭނޭ ކަމަށް އުއްމީދު ކުރި އެތައް މި ލިއަން ރުފިޔާއެއް އިދިކޮޅު ފަރާތްތަކާ ހެދި ގެއްލިގެންދާ ކަމުގައި އިބޫ ވިދާޅުވެއްޖެ

ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭނޭ ކަމަށް އުއްމީދު ކުރި އެތައް މި ލިއަން ރުފިޔާއެއް އިދިކޮޅު ފަރާތްތަކާ ހެދި ގެއްލިގެންދާ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސް އެއް ގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ފާސްވުމުން ގައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ފުދުންތެރި ކަމަށް ހެޔޮ އަސަރުކުރާނޭ ކަމަށާއި، އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކަށް ދޫދިނުމުގެ ސަބަބުން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީން އެތައް މިލިޔަން ރުފިޔާ ގެއްލުން ވެފައިވާ ކަމަށާއި، އެ ފައިސާ އަކީ ވެސް ރަށްރަށުގެ އުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޭނުންކުރެވިދާނޭ ފައިސާ ކަމަށެވެ.
” އިދކޮޅު ފަރާތްތަކުގެ ސަބަބުން މިލިޔަނުން ގެއްލުންވާނެ. އެއީ ޖީއެސްޓީ ބިލުގަ އެ ފަރާތްތަކަށް ދޫދިނުމުގެ ސަބަބުން. އެހެން ނޫން ނަމަ މިލިޔަނުން އެ ގެއްލިގެންދާ ފައިސާ އަކީ ވެސް ރަށްރަށުގެ ބަނދަރު ހެދުމާއި، ނަރުދަމާ އެޅުން ފަދަ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުން ކުރެވޭނޭ ފައިސާ. ” އިބޫ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި، ޕާލަމެންޓްރީ ގްރޫޕްގެ 2 ނައިބު ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނެވި މި ނޫސް ކޮންފަރެންސް ގައި އިބޫ އިތުރަށް ވިދާޅުވީ ސަރުކާރުގެ އިޤްތިސާދީ އެޖެންޑާއަށް ފަހު އެމްޑީޕީން ދެން އެންމެ ބޮޑަށް މަޖިލީހުގައި ސަމާލުކަންދީގެން ކުރިޔަށް ގެންދާނީ ސިޔާސީ ޕާޓީތަކުގެ ބިލު ކަމަށާއި، މަޖިލިސް ހުޅުވެންވާއިރަށް އެ ބިލަށް އެމްޑީޕީން ގެންނަނަ ބޭނުންވާ އިޞްލާޙްތައް ފައިނަލްކުރާނީ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ވިސްނުން ހިމަނައިގެން ކަމަށެވެ. އަދި ދައުލަތުގެ ފައިސާ ސިޔާސީ ޕާޓީތަކަށް ދެމުންދާ އުސޫލާމެދު އެމްޑީޕީގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެކަން އިސްލާޙްކުރުމުގެ ފިކުރުވެސް އެ ގްރޫޕްގެ ތެރޭގައި އެބަގެންގުޅޭ ކަމަށެވެ. އަދި މީގެ އިތުރުން މެންބަރުންގެ މާލީ ބަޔާން ހާމަކުރުމާ ބެހޭ ގޮތުން ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި މަޝްވަރާކުރެވެމުން އެބަދާ ކަމުގައި އިބޫ ވިދާޅުވިއެވެ.
މި ނޫސް ކޮންފަރެންސް ގައި އެމްޑީޕީގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރުވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާނުގެ އިތުރުން، އެހެނިހެން މިނިވަން މުޥްއަސަސާތަކުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމާއި، އެ މުޥައްސަސާތަކުން ދައުލަތުގެ ފައިސާ ޚަރަދުކުރަމުންދާ ގޮތް ވެސް ބަލަންޖެހޭ ކަމުގައި ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އަދި ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލް ޙަމީދުގެ މައްސަލަ ނިންމި ގޮތަށް ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ މައްސަލަ ނުނިމިގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.
” ނާޒިމް މެން ކޯޓަކަށް ހާޒިރު ވެސް ކުރެވޭ ކަމަކަށް ނުވޭ. ހާޒިރުކުރެވޭ ދުވަހަކު މީޑިއާއަށް ވަދެވޭ ކަމަކަށް ނުވޭ. މިއީ މިނިވަން މުސްތަޤިއްލު ޝަރުޢީ ދާއިރާއެއްގަ ކަންތައް އޮންނަންޖެހޭ ގޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ” މޫސަ ވިދާޅުވިއެވެ.
މި ނޫސް ކޮންފަރެންސް ނިންމަވާލައްވަމުން އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކުވަނީ އިއްޔެ ކައްދޫގައި ސިފައިންގެ ބޮޑީގަރޑް ތަމްރީން ހަދަނިކޮށް ނިޔާވެފައިވާ އެމް.އެން.ޑީ.އެފްގެ ކޯޕްރަލް ރ. އަލިފުށީ ސަބާނާ، އިބްރާހީމް ޝައުކަތުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވުމުގެ އިތުރުން އީދު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނަށާއި، އެމްޑީޕީގެ މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި ހުރިހާ މުސްލިމުންނަށް އަރިސްކުރައްވާފައެވެ.