ތިނަދޫ ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ މަޢާފަށް އެދިވަޑައިގެންނެވުމަކީ އިންސާނީ ކަރާމާތާއި އޭގެ އަގު ވަޒަން ކުރެއްވުމަށް ކޮށްޓަވައިދެއްވި މަގެއް ކަމުގައި ގަސަމް ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

112

ގދ.ތިނަދޫ ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ، މުޙަންމަދު ނަޝީދު މަޢާފަށް އެދިވަޑައިގެންނެވުމަކީ އިންސާނީ ކަރާމާތާއި އޭގެ އަގު ވަޒަން ކުރެއްވުމަށް އެމަނިކުފާނު ކޮށްޓަވައިދެއްވި މަގެއް ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމުގެ ނައިބު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ގަސަމް ފޮނުއްވި ޝުކުރުގެ ސިޓީގައި ” ރައީސް ނަޝީދު ދެއްކެވި ނަމޫނާއަށްޓަކައި އަދި ދިވެހިރައްޔިތުންނަށް އިންސާނީ ކަރާމާތާއި އޭގެ އަގު ވަޒަން ކުރެއްވުމަށް ކޮށްޓަވައިދެއްވި މަގަށްޓަކައި ހިތުގެ އިޚްލާސްތެރިކަމާއެކު އަޅުގަނޑު ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ފަރާތުން ޝުކުރުދަންނަވަމެވެ. އަދި ނަފްސާނީ ބިރުވެރިކަމެއް ވާރުތަވަމުންއަންނަ ބޮޑުއާބާދީގެ ހިތްތަކަށާއި ސިކުނޑިތަކަށް ތިޔަގެނެސްދެއްވި ހަމަޖެހުމަށްޓަކައިވެސް” ރައީސް ނަޝީދަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

23 އޮގަސްޓް 2011 ވަނަ ދުވަހު ތިނަދޫގައި ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި ،1962 ވަނަ އަހަރު ތިނަދޫގައި ދިވެހި ދައުލަތުގެ ފަރާތުން ހިންގަވާފައިވާ ލާއިންސާނީ ޢަމަލް ކުށްވެރި ކުރައްވައި އެކަމުގައި އަނިޔާތައް ލިބުނު ފަރާތްތަކުން މަޢާފަށް އެދިވަޑައިގަތުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ނުހަނު ގިނަ ފިލާވަޅުތަކެއް ލިބިގެން ހިނގައްޖެ ކަމަށާއި، ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަރުކާރަކީ އިންސާނިއްޔަތާ ޚިލާފަށް އެއްވެސް އިރެއްގައި ހިންގާފައިވާ ޢަމަލަކަށް ތާއީދު ކުރައްވާނެ ބޭފުޅުންނެއް ނޫންކަމާއި، އަދި ހެޔޮވެރިކަމުގެ އަސްލު ސިފަތައް މިޤައުމުގައި އަށަގެންނެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ދިވެހީންނަށް މަނިކުފާނު ތިޔަ ސާބިތުކޮށްދެއްވީ ނުހަނު ފަޚްރުވެރިކަމާއެކު ކަމަށް ގަސަމްގެ ސިޓީގައި ވެއެވެ.

އެޙާދިސާއަކީ ތިނަދޫ ރައްޔިތުންގެ ތެރެއިން ކުށެއް ނެތް ވަރަށް ގިނަބަޔަކަށް އަނިޔާ ލިބުނު ޙާދިސާއެއް ކަމަށާއި، މައުސޫމް އެތައް ތުއްތު ކުދީންނެއް މިހާދިސާގައި ނިޔާވެ، މާބަނޑު މީހުން މޫދަށާއި، ފަޅުރަށްރަށަށް ނިޔާވެފައިވާ ކަމަށާއި،. އަދި އެތައްބަޔަކު ގެއްލިފައިވާ ކަމަށް ގަސަމްގެ 2 ޞޮފްޙާގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ. އަދި މުދަލާއި ގެދޮރާއި ބޮޑެތި އޮޑިދޯނިފަހަރު ރޯކޮށްފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މާފަށް އެދިވަޑައިގަތް އެދިވަޑައިގަތުމުން ސިފަވަނީ ރާއްޖޭގެ އެހެން ރަށެއްގެ ރައްޔިތުންނަށް މިފަދަކަމެއް ތަކުރާރު ވިޔަ ނުދެއްވުމަށް އެޅުއްވި ވަރުގަދަ ބިންގަލެއް ކަމަށްވެސް އަޅުގަނޑަށް ސިފަކުރެވެއެވެ.

މީގެ އިތުރުން ވޭތުވެދިއަ 30 އަހަރުގައިވެސް ،އޭރު އޮތް ސަރުކާރަށްވެސް ތިނަދޫން މީހުން ބާލާފައިވަނީ އިންސާނިއްޔަތާއި ޚިލާފަށްކަން އެނގޭނޭ ކަމަށާއި، އެހެންނަމަވެސް އެސަރުކާރުން މިޢަމަލާމެދު އެއްވެސްކަމެއް ކޮށްދެއްވާފައި ނުވާކަމަށްޓަކައި ހިތާމަކުރައްވާ ކަމަށް ގަސަމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

.