ކައްދޫގައި ބޮލަށް ވަޒަނެއް އަރައިގެން ނިޔާވި ކޯޕްރަލް ޝައުކަތު އިބްރާހީމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ލ. ކައްދޫގައި ބޮޑީގާޑް ޓްރޭނިންގ ހަދަމުން ގެންދަނިކޮށް ބޮލަށް ވަޒަނެއް އަރައިގެން އިއްޔެ ނިޔާވި އެމް.އެން.ޑީ.އެފްގެ ކޯޕްރަލް ރ. އަލިފުށީ ސަބާނާ، އިބްރާހީމް ޝައުކަތުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޝައުކަތު އިބްރާހީމްގެ ބައްޕަ މުޙަންމަދު ވަޙީދާ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހަވީރު ފޯނުން ގުޅުއްވައި، މި ޚަބަރު އެއްސެވީ ވަރަށް ކުއްލި ހައިރާންކަމަކާއި ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ޢާއިލާގެ މެންބަރުންނަށް އެމަނިކުފާނުގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރެއްވިއެވެ. އަދި މަރްޙޫމް ޝައުކަތުގެ ފުރާނައަށް މާތްރަސްކަލާނގެ ހެޔޮ ރަޙްމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންނެވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބައްލަވައި ފުރިހަމަ ތަޙްޤީޤެއް ހިންގަވަމުން އެބަގެންދަވާ ކަމުގައިވެސް ޝައުކަތުގެ ބައްޕައާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޝައުކަތުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި އެ މަރުޙޫމްގެ އުފަން ރަށް ކަމަށްވާ ރ.އަލިފުށީގައި، ރޭ 9.30 ގައި ވަނީ ބާއްވާފައެވެ. މި ޖަނާޒާގައި ސިފައިންގެ އިސް އޮފިސަރުންނާއި، ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭ ތަރާވީޙް ނަމާދަށްފަހު ޝައުކަތުގެ ހަށިގަނޑު ސިފައިންގެ ކޮނޑުމަތީގައި ރަސްމީ އިއްޒަތުގައި ސަހަރާއަށް ގެންގޮސްފައިވާ އިރު، އެ މަރުޙޫމްގެ ޝަރަފްގައި ސިފައިންވަނީ 7 ބަޑީގެ ސަލާމެއް އަރުވާފައެވެ.