ނޫސް ބަޔާން : ރިޔާސީ ކެންޑިޑޭޓުން ޕްރައިމަރީއަކުން ކަނޑައެޅުމަށް ތާޢީދުކުރުން

mdp-logo-original

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އަބަދުވެސް ވަކާލާތުކުރަމުން މިދަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް މި ރާއްޖޭގައި ދެމިއޮތުމަށެވެ. އަދި މި ނިޒާމުގެ ތެރެއިން ގިނަ ޕާޓީތަކުން އިންތިޚާބު މެދުވެރިކޮށް، ސިޔާސީ މަޤާމްތަކަށް މީހުން އައްޔަންކޮށް، ދެފުށްފެންނަ އިންސާފުވެރި، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގެ މަސައްކަތްތައް ބައްޓަން ވެގެން ދިއުމަކީ އެމްޑީޕީން އަބަދުވެސް ދެކެން ބޭނުންވާ ބޮޑު މަންޒަރެކެވެ.
ކަންމިހެންހުރި އިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީން މި ފިކުރަށް ތަބާނުވާކަމީ މި ޕާޓީން ނުހަނު ހިތާމަކުރާ ކަމެކެވެ. “ޑީއާރުޕީ ނިކަމެތިވެ، ހަނާވެ ފަނާވަމުން އެދަނީ އެޕާޓީގެ ލީޑަރުންގެ ކިބައިގައި އިހުވެސް އަދި މިހާރު ވެސް ހުރި ޚުދުމުޚްތާރު ސިފަތަކެއްގެ ސަބަބުން ކަމަށާއި، އެ ޕާޓީގެ ތެރޭގައި މޫލާފައިވާ ވެރިކަމާ ތޮޅުމުގެ ވިރާސީ ވިސްނުމުގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަސީ އާއި ބީރައްޓެހި ސަޤާފަތުގެ” ސަބަބުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ދެކެވަޑައިގަންނަވައެވެ.
އިންތިޚާބުތަކުން ކާމިޔާބު ހޯދާފަރާތް ކަނޑައަޅަނީ އެ އިންތިޚާބެއްގައި ވޯޓުލާ މީހުންނަށްވީ ހިނދު، ޑީއާރުޕީގެ ތެރޭގައި ރިޔާސީ ޕްރައިމަރީއެއް ބާއްވައިފިނަމަ ހޮވިވަޑައިގަންނަވާނީ އެ ޕާޓީގެ ލީޑަރު އަޙުމަދު ތަސްމީން ޢަލީ ކަމަށް އެ ޕާޓީގެ ސެކްރެޓޭރިއަޓުން ބުނުމަކީ ވެސް ޑީއާރުޕީގެ ޕާޓީގެ ލީޑަރޝިޕްގެ ޚުދުމުޚްތާރުކަން އިތުރަށް ފާޅުވާ ކަމެއް ކަމުގައި ދެކެމެވެ.
އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ ބިލު ބައްޓަންކުރާއިރު، އެ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓް ޕްރައިމަރީއަކުން ކަނޑައެޅުމަކީ އެންމެ ޑިމޮކްރެޓިކް ގޮތްކަމަށްވީ ހިނދު، އެކަމަށް އެމްޑީޕީގެ ފުރިހަމަ ތާޢީދު އޮތްވާހަކަ ދަންނަވަމެވެ. އަދި ޑީއާރުޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކީ އެ ޕާޓީގެ އާންމު މެންބަރުންގެ ވޯޓަކުން ހޮވޭ ބޭފުޅަކަށް ހެދުމަށް އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް މެންބަރުން ތާއީދުކުރާ ކުރުމަށް، މި ޕާޓީން ފުރިހަމައަށް ތާޢީދުކުރާ ވާހަކަ ވެސް ދަންނަވަމެވެ. އަދި ހަމައެހެންމެ، ސިޔާސީ ޕާޓީތަކުގެ ބިލު ބައްޓަންވެގެންދާއިރު، އެ ބިލުގައި ޕާޓީތަކުގެ އިސް މަގާމްތައް ކަމުގައިވާ ޗެއަރޕާސަން އާއި، ލީޑަރު، ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ފަދަ މަޤާމްތަކަށް މީހުން އިންތިޚާބުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމުގައި ކަނޑައަޅައިދެއްވުމަށް ވެސް މި ޕާޓީގެ ޗެއަރޕާސަން ރައްޔިތުންގެ މަޖިލީހަށް ގޮވާލައްވައެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އުއްމީދުކުރަނީ ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތަށް އައިސްފައިމިވާ ހެޔޮބަދަލުގެ ލާބައާއި، މަންފާ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި ރާއްޖޭގައި ޑިމޮކްރަސީ ފައްކާކުރުމަށް މަސައްކަތް ކުރަމުންދާ އެންމެހާ ފަރާތްތަކަށް ކުރާނޭ ކަމުގައެވެ.
ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، އެންމެހާ ސިޔާސީ ޕާޓީތަކަށް އަދަށްވުރެ މާ ފަހި، މާ ފާގަތި މާދަމާއަކަށް އެދެމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް