މެންބަރުންގެ ޚިޔާލު: ގައުމާ ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމަކަށް ޑީއާރުޕީ އެއްބަހެއް ނުވާނެ

ފަހަލަ ސަޢީދު

maldives

ޖީއެސްޓީ އަކީ މުއްސަނދިންގެ އަތުން ރައްޔިތުންނަށް ލިބޭ އެންމެ އަސާސީ ޞަދަޤާތެވެ.
މިޞަދަޤާތަކީ އިދިކޮޅު މަހުޖަނުން ފަގީރުންނަށްޓަކާ ދޭންބޭނުންވާނެ ޞަދަޤާތެއް ނޫނެވެ. އެންމެބޮޑު އެއްސަބަބަކީ ރައްޔިތުން ތަނަވަސް ވަމުންދާނަމަ 2013 ވަނައަހަރު” ރައްޔިތުންނާ އިދިކޮޅު” ޕާޓީތައް ރައްޔިތުންގެ ކުރިމައްޗަށް އަރާ ދައްކާނޭ ވާހަކައެއް ނުއޮންނާނެތީއެވެ. ޖީއެސްޓީ ނަގަންފެށުމުން ރައްޔިތުންނާ މެދުފަންތީގެ ވިޔާފާރިވެރިންނަށް ހެޔޮ އިގްތިޞާދީ ކުރިއެރުން ތަކެއް ލިބިގެންދާނެކަން ގަބޫލުކުރެވޭތީ ވެސް މެއެވެ.
ނިމިގެންދިޔަ ސަރުކާރުން ރައްޔިތުންނަށް ދަތިކުރި ދަތިކުރުން ތަކުރާރު ކުރުމަށް ރާވަމުންދާ އިރު. އެހުރިހާކަމެއް ބައްލަވަން ޢާލަމުލް ކައުނައިނި ވާކަން ނޭނގެނީބާއެވެ. ރާއްޖޭގެ ބައެއް މަހުޖަނުންނަކީ ނިމިގެންދިޔަ ސަރުކާރުން ބައިއަޅައިގެން އުފައްދާފައިތިބި ބައެކެވެ. ޖީއެސްޓީ ވެސް ދޭންމިޖެހެނީ އެވެރިންގެ އަތުންނެވެ. މިލިއަނުން ބިލިއަނުންވެސް ލިބެނީ އެވެރިންނަށެވެ. އެހެންކަމުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވާ ފަދަ ގޮތެއް އެވެރިން ފައިސާދީގެން ވުމަކީ އެވެރިން ހަމަހޭގައި ތިބެގެން އެއްބަސްވާނެ ކަމެއްނޫނެވެ. “ދަންނާށޭ ދަންނާށޭ ބާޣީންނޭދަންނާށޭ” އިދިކޮޅުހެދޭ ވަރަށްވުރެ މިހާރު އެ ވަނީ ﷲ އެބައިމީހުން ނިކަމެތިކުރައްވާފައެވެ. ފުނޑު ފުނޑުވެފައެވެ. 2013 އަންނައިރު އެ އަނިޔާވެރިން ފަޟީޙަތްވެ ގުއިބަލާ ލޮލުންވެސް އެބައިމީހުންނާދިމާއަށް ބަލާނޭ ބަޔަކު ނުވާނެއެވެ.
ވެރިކަން ލިބޭނީ ﷲ އެކަމަށް ކަނޑައަޅުއްވާފައިވާ މަގުން ދަތުރު ކުރީމައެވެ. ސަރުކާރުން ރައްޔިތުންނަށް ހޯދައިދޭންބޭނުންވާ އުފާފާގަތި މުސްތަޤްބަލަށް ހުރަސްއަޅައިގެން ވެރިކަން ލިބިދާނޭކަމަށް ހީކުރާ ހީކުރުމަކީ ސިކުނޑީގައި ކުޅަދެއްވެސް ހަމަވާ ބަޔަކު ހީކުރާނޭ ކަމެއްނޫނެވެ.
ސަރުކާރުން އަލަށް ތަޢާރުފް ކުރި އިގްތިޞާދީޕެކޭޖަކީ ބައިބަޔަށް ކުރަން ނިނަމާފައިހުރި ކަންކަމެވެ. އެކަންކަން ކުރުމަށް ހުޅުވެންޖެހޭ ދޮރަކީ ބިލްތަކެވެ. ބިލްތައް ފާސްވެ ތަސްދީޤްވުމުން މިދެންނެވި އިޤްތިޞާދީ ޕެކޭޖް ފަހަރަކު ކަމެއް ތަންފީޒްވަމުން ގޮސް ރައްޔިތުންގެ ހިނިތުންވުން ފެންނާން ފަށާނެއެވެ. އިދިކޮޅު ޑީއާރުޕީއިން ޑރ.ޑީޑީ އާ ތަލްޙަތު އަށް ރުހުންނުދޭންވެސް ނިންމިއެވެ. އެހެންވީމާ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ކުރިއެރުމާ ސަރުކާރުގެ ކުރިއަރާ ދިއުމަށް އެޅެންހުރި ހުރިހާ ހުރަސްތަކެއް ހުރަސްކުރާނޭކަން މިހާތަނަށް އެބައިމީހުންގެ ޢަމަލުތަކުންވަނީ ސާބިތުކޮށްދީފައެވެ.
ރާއްޖޭގެ އިޤްތިޞާދީ މާހިރުންނާ ރައީސުލްޖުމްހޫރިއްޔާ އަބަދުމެ ވިދާޅުވަމުން އެގެންދަވާ ވާހަކަފުޅަކީ ރައްޔިތުން ގޮވައިގެން އެހެން ރާއްޖެއަކަށް ވާޞިލްވާން ބޭނުންފުޅުވާ ކަމުގައެވެ. އެއީ ކުރިން މިތިބަ ރާއްޖޭގައި އިންސާނުންނަށް މިނިވަންކަމާ އުފާފާގަތިކަން މަތީގައި އުޅެވޭނެފަދަ މާޙައުލެއް ގާއިމްވެފައި ނެތީމައެވެ 2012 ވަނައަހަރު ނިމުމުގެކުރިން ރައްޔިތުންނަށް އަނެއް ދިވެހިރާއްޖެއަށް ދެވި، އުފަލާ ހިންހަމަޖެހުންމަތީގައި ފުދުންތެރި ޢާއިލާތަކެއްގެ ގޮތުގައި ދިރިއުޅޭ މަންޒަރު ފެނުމަކީ ރައީސް ނަޝީދު އެންމެ އުފާވާނޭ ޒަމާންވެސް މެއެވެ.
ރައްޔިތުންނަށް މިސަރުކާރުގެ ވިސްނުމާ މަގްޞަދު އޮޅުވާލުމަށްޓަކާ ބަޔަކު ކިތަންމެ މަސައްކަތްތަކެއް އެބަކުރެއެވެ. ވިސްނާންވީ މިސަރުކާރަކީ ކުރިންހިންގި ކަހަލަ ސަރުކާރެއް ނޫންކަމާ ރައްޔިތުންނަށް ދޮގުހަދައިގެން މިވެރިކަން ނުކުރެވޭނެކަމެވެ. އަދި އޭރާ މިހާރުވެސް ތަފާތުކަމަށާ، މިހާރުގެ ރައީސަކީ މައުމޫނު ނޫންކަން ވިސްނާލުމަކީވެސް ތަފާތެކެވެ. މިހާރު ވެރިކަންހިންގަނީ އަމިއްލަ ފައިދާއަށް ވުރެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ބަލައިގެންކަމީވެސް ކުރިއާ މިހާރުގެ ތަފާތު ފެނިގެންދާނޭ ސަބަބެކެވެ. ޑީއާރުޕީއަކީ ރައްޔިތުންނަށް ސަރުކާރުގެ މަޤްޞަދު ސިއްރުކޮށްގެން ތިބެ ވެރިކަން ހޯދަން މަސައްކަތްކުރާ ތަންދޮރު ނުދަންނަ ބައެކެވެ.
ޓެކްސް ނެގުމާ ބެހޭގޮތުން މިހާތަނަށް އެވެރިން އެ އަޅާހުރަސްތަކަށް ބެލުމުން އެވެރިންގެ އަސްލު ސިފަ ރައްޔިތުންނަށް ހާމަވެގެން ހިނގައްޖެއެވެ.
ސިޔާސީގޮތުން ޖަހާ މަޅިތަކުގައި ރައްޔިތުން ބެދިގެން ދިއުމަކީ ރައްޔިތުން ދެކެ ލޯބިވާ ބަޔަކު ކުރާނޭ ކަންތަކެއްނޫނެވެ. ރާއްޖޭގައި މިހާތަނަށް ވެރިކަން ހިންގާފައިވާ ވެރިން ކަންކޮށްފައިވާ ގޮތަށް ވިސްނަން ވެއްޖެނަމަ މިހާރުގެ އުޞޫލްތަކާ ދިމައެއްނުވާނެއެވެ. ފުރަތަމަ ސަބަބަކީ ކޮންމެމީހަކަށް ވެސް ފަސްއަހަރު ވެރިކަންކުރެވޭ ސިޔާސަތު ރައްޔިތުން ގަބޫލު ކޮށްފައި ވުމެވެ. އެހެންކަމުން ވެރިކަން ބައްކުރުމުގެ ވިސްނުން މިއާނިޒާމުގެ ދަށުން އެއްވެސް ރައީސެއްގެ ކިބައިގާ ނުހުންނާނާނެއެވެ. ކޮންމެ ރައީސަކުވެސް ބަލާނީ ރައްޔިތުންގެ ލޯތްބާއެކު ވެރިކަން ނިންމާފައި ރައްޔިތުންނާއެކު ރައްޔިތުންގެ ލޯބި ލިބިގެން ގައުމުގައި ހުރެވޭތޯއެވެ. މައުމޫނާ ގައްޒާފީ ކޮށްފައިވާ ކަހަލަ ވެރިކަމެއް މިރާއްޖެއަކު ދެނެއް ނުކުރެވޭނެއެވެ. ރައީސް ނަޝީދުގެ ޙަގީގީ މަޤްޞަދަކީ މިފަދަ މިނިވަން ޑިމޮކްރެޓިކް ވެރިކަމެއް މިރާއްޖޭގައި ތާއަބަދު ދެމިއޮތުމެވެ. ވެރިކަމަށް އަރާފައި ޤާނޫނު އަސާސީ ބަދަލުކޮށް ބާރުތައް އަތަށް ކަހާލާނޭފަދަ ވެރިއަކު މިގައުމު ދެން ދެކެން ބޭނުމެއް ނުވާނެއެވެ.
މިހާރު މިރާއްޖޭގައި ކުރަމުން މިދަނީ އަނިޔާވެރި ވެރިކަމެއްނޫނެވެ. ރައްޔިތުންނަށް ބިރުދައްކައިގެން ވޯޓު ހޯދި ވެރިކަމެއްވެސް ނޫނެވެ. އަދި ކުރީގެ އެއްވެސް ސިޔާސީ ފަރާތެއް ހައްޔަރުކޮށް ޖަލުތަކަށް ލައިގެން ކުރާ ވެރިކަމެއް ވެސް ނޫނެވެ. ކުރީގެ ރައީސް ވެސް އުޅޭނެގޮތަކަށް އުޅެން ދޫކޮށްލައިގެން ކުރާ ޢިލްމީ ވެރިކަމެކެވެ. ކުރިން އެގޮތަށް ކަންތައް ކުރަނީ އެފަދަ ޚުދުމުޚުތާރު ވެރިން މިނިވަންކަމާއެކު ގައުމު ހަލުވާލަން ބައިތިއްބައިގެން ވެރިކަން ކުރެވޭވަރުގެ ސިޔާސީ އިލްމު ނެތީމައެވެ. މިއަދު މިރާއްޖޭގައި މިހިނގަނީ ކުރީގެ ޑިކްޓޭޓަރުން އެބައިމީހުންގެ ބާރާއި ނުފޫޒު މުޅިގައުމުގައި ވިހުރާފައިވަނިކޮށް އެހުރިހާ ބާރުތައް ބުރިބުރިކޮށް އެފިކުރާ ވިސްނުން ބަދަލުކުރި މަޢުނައިން ފުރިގެންވާ ވެރިކަމެކެވެ. ވެރިކަމެއް ކުރުމަކީ އިދިކޮޅު ފަރާތްތައް ސިޔާސީގޮތުން އެއްފަރާތްކޮށް އެބައިމީހުން އުޅެންބޭނުންވާ ކޮންމެގޮތަކަށް އުޅެން ދޫކޮށްގެން ވެރިކަންކުރުމެވެ. ނިމިގެންދިޔަ ވެރިކަމުގެ ވާހަކަ ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނީ ހަމަޔަޤީނުންވެސް އަނިޔާވެރި ވެރިކަމެއްގެ ގޮތުގައެވެ.
މިސަރުކާރުން މިހާރުފައްޓާފައިވާ އިގްތިޞާދީ އެޖެންޑާ ފުރިހަކުރާނީ އިދިކޮޅު ފަރާތްތައް އެގޮތަށް ބައިތިއްބައިގެންނެވެ. ރައްޔިތުން ގަބޫލުކުރާ ވެރިކަމެއް ރާއްޖޭގައި ކުރެވެމުން މިދަނީ ފުރަތަމަ ފަހަރަށެވެ..