މަސްވެރިންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep

މި ރޯދަމަހުވެސް އަދި މިދިޔަ ދެތިންމަހުވެސް މަސްވެރިންނަށް ލިބިފައިވާ އާމްދަނީ ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނަ މިންވަރުގެ މައްޗަށް ބައްލަވާލައްވައި، މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، މަހުގެ އަގު އަބަދުވެސް މިހާރު މިހުންނަނީ ވަރަށް ރަނގަޅަށްކަން ފާހަގަކުރެއްވިއެވެ. މަހެއްގެ މައްޗަށް ބާރަހާސް، ސާދަހާސް ރުފިޔާ ލިބެމުން އަންނަ ކަމަށް މަސްވެރިން ބުނަމުން އަންނަ ކަމަށާއި، ސަރުކާރުގެ ބޭނުންފުޅަކީ މަސްވެރިންގެ އާމްދަނީ އިތުރުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާރު ކަން ހިންގަމުން މިގެންދާ އުޞޫލުން ކަން ހިންގަވަމުން ގެންދެވުނީމާ، މިކަން ދެމެހެއްޓެނިވި ގޮތުގައި ހިފެހެއްޓޭނެކަން ކަށަވަރު ކުރެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މި ރޯދަމަހު ބާޒާރުގެ އަގުތައް އިންތިހާއަށް އެރިޔަނުދީ ހިފެހެއްޓިފައިވާކަންވެސް، ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި މިރޯދަމަހު ބައެއް ފިހާރަތަކަށް އެމަނިކުފާނު ވަޑައިގެން، އެ ފިހާރަތަކުގެ ސޭޓުންނާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވަމުން، ގިނަ ފިހާރަތަކުގެ ވިކުރާ، މި ރޯދަމަހު ވަރަށްބޮޑުތަން ރަނގަޅުކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި މިއިން ޒަމާނަކުވެސް ވިކުރާ ރަނގަޅުނުވާހާ ވަރަށް، މިރޯދަމަހު ވިކުރާ ރަނގަޅުވި ކަމަށް ބައެއް ސޭޓުން ފާހަގަކުރި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިކަންކަން މިހެން ހިނގައި މިދަނީ، ރާއްޖޭގެ އިޤްތިޞާދީ ކަންކަން ރަނގަޅުވެ، އާމްދަނީވެސް އިތުރުވަމުން އަންނާތީއެވެ. ކުރިއާ އަޅާބަލާއިރު، ބާޒާރުގައި ތަކެތީގެ އަގު އުފުލިފައި އެބަހުރި ކަމަށާއި، އެހެން ނަމަވެސް، އަޅުގަނޑުމެންގެ އާމްދަނީ މައްޗަށްދާ މިންވަރު މިހާރު ހުރީ އެކަށީގެންވާ ބާރުމިނެއްގައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މިރޯދަމަހުވެސް އަދި އޭގެކުރީ މަހުވެސް، މީހުން ކުށަށް އަރައިގަންނަ މިންވަރު މަދުވެ އަދި ވަކިން ޚާއްޞަކޮށް، ނުރައްކާތެރި ޖަރީމާތައް ނުވަތަ ފުރާނައަށް ގެއްލުންވާފަދަ ޖަރީމާތައް ހިންގުން، ކުރިއަށްވުރެ ވަރަށްބޮޑުތަން މަދުވެފައިވާކަން ފާހަގަކުރެއްވިއެވެ. މިކަމަށްޓަކައި ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވަމުން، އެބޭފުޅުން ކުރައްވަމުން އެގެންދަވަނީ، ވަރަށް އިޚްލާޞްތެރި، ވަރަށް ރަނގަޅު މަސައްކަތެއް ކަމަށާއި، އެއީ ދައުލަތަށާއި ޤައުމަށްޓަކައި އެބޭފުޅުން ކުރައްވާ ހެޔޮ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.