ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

6 ޖޫން 2010

hep-australia1

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކެވިން ރަޑްގެ ދަޢުވަތަކަށް އޮސްޓްރޭލިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބޮޑުވަޒީރު ކެވިން ރަޑާއި، ގަވަރނަރ ޖެނެރަލް ކުއެންޓިން ބްރައިސްއާ ބައްދަލުކުރެއްވިއެވެ. މީގެއިތުރުން، އޮސްޓްރޭލިޔާ ސަރުކާރުގެ ބައެއް ވަޒީރުންނާއި، އޮސްޓްރޭލިޔާގެ ވާދަވެރި ސިޔާސީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޖޫލީ ބިޝޮޕާވެސް ބައްދަލުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިބައްދަލުކުރެއްވުންތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކާ ބެހޭ މަޢުލޫމާތު ޙިއްސާ ކުރެއްވިއެވެ. އަދި ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ދެ ޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި އޮސްޓްރޭލިޔާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ދެއްވުމަށް ހަމަޖެހިފައިވާ ބައެއް އެހީތައް ބޮޑުވަޒީރު ރަޑް އިޢްލާނު ކުރެއްވިއެވެ.

hep-planting

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ކެންބަރާގައި ކިޔަވަން ތިބި ދިވެހި ކުދިންނާވެސް ބައްދަލުކުރައްވައި އެކުދިންގެ ހާލު ބައްލަވާލައްވައި ކިޔެވުމުގެ ކަންތައްތައް ކުރިއަށްދާގޮތާބެހޭ މަޢްލޫމާތު ހޯއްދެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ސިޑްނީއަށް ވަޑައިގެން، ނިއު ސައުތް ވޭލްސްގެ ގަވަރނަރ މޭރީ ބަޝީރާއި، އެ ސްޓޭޓްގެ ޑެޕިއުޓީ ޕްރިމިއަރ ކާމެލް ޓިބަޓްއާވެސް ބައްދަލުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހުކުރު ދުވަހު ދެއްވި ރޭޑިޔޯ ޚިޠާބުގައި، މި ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް އެހީދެއްވާ މިންވަރު، އެތައް ތަނެއް އިތުރުކޮށްދެއްވާނެ ކަމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް އެހީތެރިވެދެވޭނެ މަގުތަކާ ގުޅޭގޮތުން އޮސްޓްރޭލިޔާ ސަރުކާރާ އެކުގައި މިދަތުރުފުޅުގައި ވަރަށް ފުންކޮށް މަޝްވަރާ ކުރެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.