އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ވަކި ހިސާބަކުން އަސާސީ ގަވައިދާ ތަޢާރަޒްވާ ކަމަށް ބުނެ ހުއްޓާލައިފި

އިބްރާހީމް ރާމިޒް

dsc_0494

ރޭ ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަސާސީ ގަވައިދާ ތަޢާރަޒްވާ ކަމަށް ބުނެ ވަކި ހިސާބަކުން ހުއްޓާލައިފިއެވެ.

މި ޖަލްސާ ހުއްޓާލީ ރިޔާސަތުން އިއްވާ އިއްވުން އިއްވުމަށްފަހު، ކެބިނެޓް އާއި ޕާލިމެންޓަރީ ގްރޫޕް އާއި ސެކްރެޓޭރިއަޓުން ޤައުމީ މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތު އެރުވުން އަދި ޤައުމީ މަޖިލީހުގެ މެންބަރުން މިކަންކަމާ ބެހޭގޮތުން ސުވާލުކުރުމަށް ދެވޭ 20 މިނިޓް ދިނުމަށް ފަހު އެޖެންޑާ ފާސްކުރުމަށް ހުޅުވާލުމާއި ގުޅިގެން، އެޖެންޑާގައި ހުރި ކަންތައްތަކަކީ އެ ޕާޓީގެ އަސާސީ ގަވައިދާއި ފުށުއަރާ އައިޓަމްތަކެއް ކަމަށް ބުނެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވަންފެށުމާ އެކުގައެވެ.

އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާ އަށް އެޖެންޑާކޮށްފައިވާ އައިޓަމްތަކުގެ ތެރޭގައި ހިމެނެނީ، އެމްޑީޕީގެ ގޮފި ހިންގާ ގަވާއިދު ފާސްކުރުމާއި، ދާއިރާ ހިންގުމުގެ ގަވާއިދު ފާސްކުރުމާއި، އަންހެނުންގެ ރޫޙްގެ ހިންގާ ގަވާއިދު ފާސްކުރުމާއި، ކައުންސިލަރުން ޤައުމީ މަޖިލީހުގައި ހިމެނުމާއި ބެހޭ ގޮތުން ހުށަހެޅުމަށް އެޖެންޑާކުރެވިފައިވާ ހުށަހެޅުމަކާއި، ޕްރޮވިންސް ސެކްރެޓޭރިއެޓް ގަވާއިދު ފާސްކުރުމުގެ އިތުރުން ދާއިމީ ކޮމެޓީތަކަށް މެންބަރުން ހޮވުމާއި، ޒުވާނުންގެ ޗާޓަރ ފާސްކުރުމެވެ. ނަމަވެސް މެންބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެށުމުގެ ސަބަބުން ރޭގެ ޖަލްސާ ގައި މިއިން އެއްވެސް ކަމަކަށް ބަހުސްކޮށް ވޯޓަށް އެހޭގޮތް ވަނީ ނުވެފައެވެ.

ރޭ 9.30 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައި ފެށި މި ޖަލްސާ 11.07 ގައި ނިންމާލީ ދެން އޮންނަ ޖަލްސާ އެއް ގައި މި ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތައް އަސާސީ ގަވައިދާ އެއްގޮތަށް އަލުން އެކުލަވާލުމަށްފަހު ފާސްކުރުމަށް ހުށަހެޅުމަށްޓަކައި ރިޔާސަތުން ޖަލްސާ ނިންމަވާލީ ކަން އިޢުލާންކުރުމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 76 މެންބަރުން ހާޒިރުވެވަޑައިގެންނެވި މި ޖަލްސާގައި ކެބިނެޓްގެ ފަރާތުން މަޢުލޫމާތުދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަރޒް ޙަސަން އަފީފެވެ. ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ގައުމީ މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތުދެއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެވެ.

މިރޭގެ ޖަލްސާ ނިންމަވާލެއްވުމަށް ފަހު އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން އެޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވީ މި ޖަލްސާ އަށް ދާއިރާ ހިންގުުމުގެ ގަވައިދާއި ގޮފި ހިންގުމުގެ ގަވައިދު އެޖެންޑާކޮށްފައިވަނީ ދާއިރާތަކަށް އެމްޑީޕީން ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ވީހާވެސް އަވަހަށް ދިނުމަށް މަގުފަހިކޮށްދީ ދާއިރާތައް ހަރަކާތްތެރިކުރުވުން އަވަސްކުރުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އެދިވަޑައިގަންނަވާ ގޮތަށް ދާއިރާތަކުގެ ހިންގާ ގަވައިދު، އެ ދާއުރާތަކުން އެއްބަސްވާ އުސޫލެއްގެ މަތީން އެކުލަވާލުމަށް ފުރުސަތުދެއްވުމުގެ ގޮތުން ރޭގެ ޖަލްސާ ހުއްޓަވާލެއްވީ ކަމަށް ޗެއަރޕާސަން ވިދާޅުވިއެވެ.

މި ޖަލްސާގައި އަސާސީ ގަވައިދާ ފުށުއަރާކަމަށް އެންމެ ބޮޑަށް މެންބަރުން ވަކާލާތުކުރައްވަމުން ގެންދެވީ ދާއިރާ ހިންގުމުގެ ގަވައިދު އެކުލަވާލުމުގައި އެމްޑީޕީގެ ސެކްރެޓޭރިއަޓުން އަމަލުކޮށްފައިވާ ގޮތާއި ބެހޭ ގޮތުންނެވެ. އަމަލުކުރަމުންދާ އެމްޑީޕީގެ އަސާސީ ގަވައިދުގެ 64 ވަނަ މާއްދާގެ 1 ގައިވާ ގޮތުން ދާއިރާގެ ހިންގާ ގަވައިދު އެކުލަވާލުމާއި، އެ ގަވައިދު އިސްލާޙްކުރުމަކީ އެ ދާއިރާއެއްގެ ދާއިރާ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ.

ނަމަވެސް ޖަލްސާ ނިޒާމީ ނުކުތާގެ އޮއިވަރެއްގެ ތެރެއަށް ދިޔައީ ހުރިހާ ދާއިރާއަކުން އަމަލުކުރުމަށް އެމްޑީޕީ ސެކްރެޓޭރިއަޓްގެ ބެލުމުގެ ދަށުން ޑްރާފްޓްކޮށްފައިވާ ދާއިރާ ހިންގުމުގެ ގަވައިދު ރޭގެ ޖަލްސާ ގައި ފާސްކުރުމަށް އެޖެންޑާކުރުމުންނެވެ.