ރައީސުލްޖުމްހޫރިއްޔާ ރޭޑިއޯ ޚިޠާބު ދެއްވަން ފެއްޓެވިތާ މާދަމާ އެއް އަހަރު ފުރޭނެ

4 ޖޫން 2010

މާދަމާއަކީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ރޭޑިއޯ ޚިޠާބު ދެއްވަން ފެއްޓެވިތާ އެއް އަހަރު ފުރޭ ދުވަހެވެ. މި މުނާސަބަތާ ގުޅިގެން އެމަނިކުފާނު ވަނީ މިއަދު އެމަނިކުފާނު ދެއްވި 51 ވަނަ ރޭޑިއޯ ޚިޠާބުގައި ވާހަކަފުޅުދައްކަވާފައެވެ.

މިއީ ރާއްޖޭގެ ރައްޔިތުންނާ އެކުގައި ވަގުތުކޮޅެއް ޙިއްޞާކޮށްލެއްވުމަށް ލިބިވަޑައިގަންނަވާ ފުރްޞަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން މިގެންދަވަނީ ވަކި ޕާޓީއެއްގެ، ވަކި ޖަމާޢަތެއްގެ، ވަކި އަތޮޅެއްގެ، ވަކި ފިކުރެއްގެ، ވަކި ފަލްސަފާއެއްގެ ބަޔަކާ ނޫން ކަމަށާއި، އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން މިގެންދަވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނާ ކަމުގައި ވިދާޅުވިއެވެ.

ރޭޑިޔޯއަކީ ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންގެ ކިބައިގައި މަޤްބޫލުކަން ލިބިފައިވާ މުވާޞަލާތު ކުރުމުގެ ޒަރީޢާއެއްކަން އެއީ އަބަދުވެސް ދެކިވަޑައިގަންނަވާ އެއް ޙަޤީޤަތް ކަމަށާއި، އަދި ރޭޑިޔޯއަކީ ރާއްޖޭގެ ރައްޔިތުން، މަޢްލޫމާތު ލިބިގަތުމަށާއި، މުނިފޫހިފިލުވުމަށްވެސް އެންމެ މަޤްބޫލުކަން ލިބިފައިވާ އެއް ޒަރީޢާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ކަންތައްތައް ހިނގަމުންދާ އުޞޫލުތަކަށާއި، ވެރިކަމުގެ ކަންކަން ހިނގަމުންދާ ހަމަތަކަށާއި، އަދި މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ ވަރަށްގިނަ ކަންކަމަށް އައި ބަދަލުތަކާ ގުޅިގެން ފާހަގަވެގެންދިޔަ އެންމެ މުހިންމު އެއް ވަސީލަތަކީ، ރޭޑިޔޯގެ ވަސީލަތްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި އެކިއެކި ރޭޑިޔޯ ސްޓޭޝަންތައް މެދުވެރިކޮށް، ރައްޔިތުން ޚިޔާލުފާޅުކުރަމުން ގެންދާ ކަމަށާއި، އެއީ ސަރުކާރުން ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހިފެހެއްޓުމެއް ނެތް ގޮތުގައި، ރައްޔިތުންގެ ޝުޢޫރުތައް ހާމަކުރައްވަމުން ގެންދެވުމަކީ، ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެ، މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ބައެއްފަހަރަށް ބައެއް ރައްޔިތުން ރޭޑިޔޯ މެދުވެރިކޮށްވެސް އަދި އެހެން ގޮތްގޮތުންވެސް ދައްކާ ވާހަކަތަކަކީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހަޖަމު ކުރަން ދަތިވާ ވާހަކައަކަށް ވެދާނެކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް ހަމަ ކޮންމެ ހުކުރު ދުވަހަކު ވެވަޑައިގެންނެވި މިންވަރަކުން ރައްޔިތުންނާ އެކީގައި އެ ޕްރޮގްރާމް ޙިއްޞާ ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަކި އާދައެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހި ޤައުމާ މުޚާޠަބު ކުރެއްވުމަށް ނިންމަވައި، މިގޮތުން، އެމަނިކުފާނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ފުރަތަމަ ރޭޑިޔޯ އެޑްރެސް ދެއްވީ 2009 ޖޫން 5 ވީ ހުކުރު ދުވަހު ހެނދުނު 7.15 ގައެވެ. ރަޢީސުލްޖުމްޙުރިއްޔާގެ ރޭޑިއޯ ޚިޠާބުތަކަކީ ދިވެހިރައްޔިތުންގެ މެދުގައި ވަރަށް މަޤްބޫލު ޚިޠާބުތަކެކެވެ. އަދި މިއީ ރާއްޖޭގެ ރައީސަކު މިގޮތަށް މެދު ނުކެނޑި ދިވެހިރައްޔިތުންނާ މުޚާޠަބުކުރައްވާ ފުރަތަމަ ފަހަރެވެ.