– މި ޖަލްސާގައި އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ހޮވުމާއި، ގޮފި ގަވައިދާއި، ދާއިރާ ގަވައިދު ފާސްކުރުމަށް ހަމަޖެހިފައިވޭ
އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް މާދަމާ ރޭ، ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި އޮންނާނެއެވެ.
މާދަމާ ރޭ 9.30 ގައި ފަށާ މި ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކުގެތެރޭގައި އެ ޕާޓީގެ ދާއިމީ ކޮމެޓީތަކަށް މެންބަރުން ހޮވުމާއި، ޒުވާނުންގެ ޗާޓަރ ފާސްކުރުމުގެ އިތުރުން، ގޮފި ހިންގާ ގަވާއިދު ފާސްކުރުމާއި، ދާއިރާ ހިންގުމުގެ ގަވާއިދު ފާސްކުރުމާއި، އަންހެނުންގެ ރޫޙްގެ ހިންގާ ގަވާއިދު ފާސްކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގައި އެ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުންގެ ތެރެއިން 9 ބޭފުޅަކު ހިމެނުމާއި ބެހޭ ޤަރާރެއް އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މާދަމާ ރޭގެ ޖަލްސާއަށް ހުށަހަޅުއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ރޭގެ ޖަލްސާ ގައި ވެސް ކެބިނެޓް އާއި ޕާލިމެންޓަރީ ގްރޫޕް އާއި ސެކްރެޓޭރިއަޓުން ޤައުމީ މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތު އެރުވުމާއި، އަދި ޤައުމީ މަޖިލީހުގެ މެންބަރުން މިކަންކަމާ ބެހޭގޮތުން ސުވާލުކުރުމަށް ދެވޭ 20 މިނިޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 120އެވެ. ކޯރަމްއަކީ 120 ގެ ހަތަރުބައިކުޅަ އެއްބައި ކަމަށްވާ 30 މެންބަރުންނެވެ. އަދި ވޯޓެއް ނެގޭނީ 30 މެމްބަރުންގެ އިތުރަށް އެއް މެމްބަރަކު އިންނެވުމުންނެވެ.
މާދަމާރޭ އޮންނާނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 93 ވަނަ ޖަލްސާ އެވެ.