އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް އެހީދެއްވާ މިންވަރު އެތައް ތަނެއް އިތުރުކޮށްދެއްވާނެ ކަމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

4 ޖޫން 2010

އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް އެހީދެއްވާ މިންވަރު، އެތައް ތަނެއް އިތުރުކޮށްދެއްވާނެ ކަމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ދެއްވި 51 ވަނަ ރޭޑިޔޯ ޚިޠާބުގައި، އޮސްޓްރޭލިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވައިލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިދަތުރުފުޅަކީ، އޮސްޓްރޭލިޔާ ސަރުކާރުގެ ރަސްމީ ދަޢްވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، ރާއްޖެއަށް އެހީތެރިވެދެވޭނެ މަގުތަކާ ގުޅޭގޮތުން އޮސްޓްރޭލިޔާ ސަރުކާރާ އެކުގައި މިދަތުރުފުޅުގައި ވަރަށް ފުންކޮށް މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޮސްޓްރޭލިއާ އިން ރާއްޖެއަށް ދޭނެކަމަށް އެގައުމުގެ ބޮޑު ވަޒީރު އިޢުލާންކޮށްފައިވާ އެހީތަކުގެ ތެރޭގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހުއްޓުވުމަށާއި އެކަމަށް އަހުލުވެރިވުމަށްޓަކައި 500,000 (ފަސްލައްކަ) އޮސްޓްރޭލިއަން ޑޮލަރާއި، އ.ދ.ގެ ތަރައްޤީގެ ޕްރޮގްރާމްތަކާ ގުޅިގެން ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ތަރައްޤީކުރުމަށް އެހީތެރިވުމުގެ ގޮތުން 300,000 (ތިން ލައްކަ) އޮސްޓްރޭލިއަން ޑޮލަރާއި، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ހަރުދަނާކުރުމަށް އެހީތެރިވުމަށް 230,000 (ދެލައްކަ ތިރީސްހާސް )އޮސްޓްރޭލިއަން ޑޮލަރާއި، އޮސްޓްރޭލިއާގެ އެހީގައި ރާއްޖެއަށް 2011 ވަނަ އަހަރަށް 25 ސްކޮލަރޝިޕް ދެއްވުން. ހިމެނެއެވެ. މިއީ 2010ވަނަ އަހަރަށްވުރެ 7 ސްކޮލަރޝިޕް އިތުރު އަދަދެކެވެ.

މީގެ އިތުރުން ޓީޗަރުން ތަމްރީންކުރުމުގައި އެހީތެރިވުމަށް 6 ވޮލަންޓިއަރުން ފޮނުއްވައިދިނުމާއި، ރާއްޖޭގެ ތަޢުލީމާއި، ތިމާވެށްޓާއި، ސައެންސާއި، ޞިއްޙަތާއި، ސަރުކާރު ހިންގުން ހަރުދަނާކުރުމުގެ ދާއިރާގައި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ހަރުދަނާކޮށް އިތުރުކުރުމަށް އެހީތެރިވެދިނުމާއި،
ރާއްޖޭގެ މިނިވަން މުއައްސަސާތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލުންދިނުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިއަށް ކުރައްވަމުން މިގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ ބައެއް ވަޒިރުންނާއި، އިދކޮޅު ސިޔާސީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ އިތުރުން އޮސްޓްރޭލިއާގައި ކިޔާވާ ދިވެހި ކިޔަވާކުދިންނާ ބައްދަލުކުރައްވައި އެކުދިންގެ ހާލުބައްލަވާލެއްވިއެވެ.