މެންބަރުންގެ ޚިޔާލު: ކީހާޅެން ފަރިއްސަށް!!

ފުނަމާ

ދުނިޔޭގެ ކޮންމެކަމެއްވެސް އިންސާނުން އުނގެނެނީ ތަޖުރިބާއިންނެވެ. އާކޮންމެ ކަމަކީ މީހުން ޝައުގުވެރިވާ އެހެނަސް އޮޅުންބޮޅުން ބޮޑު ކަންކަމެވެ. ރާއްޖޭގައި ފަސްދޮޅަސް ފަސް އަހަރުވުމުން ވަޒީފާއިން ރިޓަޔަރ ކުރާން ގާނޫނަކުން ނިންމުމުން އެކަމާ ހިތާމަކޮށް ހިތްހުއްޓި ދިޔަ މީހުން ތިބިކަމުގައިވެސް ވާހަކަ ދެއްކިއަޑު އެހީމެވެ. ތަފާތު އެކިދިމަދިމާލުން މިކަމާގުޅިގެން ތަފާތު އަޑުތައްއިއްވައި އެންމެ ފަހުން ދިގުދަންމައިވެސް ހެދިއެވެ. ނަމަވެސް މިއަދު މިކަން މިވަނީ ބަދަލުވެފައެވެ. މިއަދު ސަރުކާރުގެ ވަޒީފާގައި އުޅޭ މުއައްޒަފުން އިންތިޒާރު ކުރަނީ އެބުނާ އުމުރު ހަމަވެ ރެޓަޔަރ ވާނެ ދުވަހަކަށެވެ. ސިވިލް ސާވިސްގެ މުއައްޒަފުންގެ ތެރެއިން އަމިއްލައަށް ވަޒީފާ ދޫކޮށްލާ ފަރާތްތަކަށް ފައިސާގެ ޕެކޭޖެއް ދީފައި ދޫކޮށްލާން ނިންމުމުން އަސްތާ އެކަމާ ނުކުމެ ގަޔަށް ބޮލަށްވެސް އެރިއެވެ. ނަމަވެސް އެންމެ ފަހުން އައިއެމްއެފްއިން ލިބުނު އެހީއާއިއެކު އެފުރުސަތު ހުޅުވާލުމުން ސުބުޙާނަﷲ ކިއުދިގުވެ ފައިސާކޮޅުން ފަރުވެސް ނުޖެއްސުނެވެ. ޔުޓިލިޓީ ހެދުމުން ދައްކާފައި ނުދައްކާނެ ވާހަކައެއް ނެތެވެ. މިއަދުވެސް މަޖިލީހުގަޔާ އެހެންވެސް އިދިކޮޅު ޕޯޑިއަމްތަކުގައި މިކަމާ އިދިކޮޅަށް ގޮވެލި ގޮވާއިރު ރަށްރަށުގެ ކައުންސިލްތަކުން މިއަދު ޝަކުވާ ކުރަނީ ޔުޓިލިޓީ އައުން ލަސްވެގެންނެވެ. ދެން އެބުނަނީ ވަކިކުލައެއްގެ މީހުންނަށް ވަޒީފާ ދެމުން ގެންދާ ވާހަކައެވެ. މިކަންވެސް އެނގޭނީ ދެލޯމައްޗަށް ވެއްޓިފައި އެއޮތް ނިފާގުގެ ފަރުދާ ހިއްލާ ބަލާލީމައެވެ. އަދި އެނޫނަސް އެތަން ތަނުގައި ވަޒީފާ އަދާކުރަނީކީ ބިދޭސީންނެއް ނޫނެވެ. ދިވެހި ރައްޔިތުންނެވެ. ދަތުރު ފަތުރުގެ ނިޒާމު ތައާރަފު ކުރުމުން ތެޅިގަތީ އުޅަނދުތަކުގެ ފަށަން ވަށްޓާ ލުމަށެވެ. ނަމަވެސް ދެހާސް ތިންހާހުން ކުރީންކުރި ދަތުރުތައް ފަންސާހަކަށް ރުފިޔާއަށްވުރެ އަގުހެޔޮވުމުން މިއަދު ދެން އެވާހަކަ ދައްކަނީ ސިއްރުންނެވެ. ހެލްތު ކޯޕަރޭޝަންތައް އުފެއްދުމުން ދަށްކާންފެށި ވާހަކަ އަދި ނުނިމެއެވެ. އެކަމަކު ތިމާމެން ބޭނުންގޮތަށް ކައުންސިލުތަކުގެ ދަށަށް ސިއްހީ މީހުން ގެންގޮސްގެން ހަދާންއުޅުނު ބޮން މިއަދު އަތަށް ގޮވުމުން އެތިބީ ރަކިވެފައެވެ. މިހާރު ބުނަނީ ކައުންސިލު އިދާރާގައި އިށީންނާނެތަން ނެތްވާހަކައެވެ. ރިލީޒް ދީފައި ސިއްހީ ހުރިހައި މީހުން ތިބެނީ މަރުކަޒުތަކާއި ހޮސްޕިޓަލު ތަކުގައި ބައިތިއްބާފައެވެ. ޕެންޝަން ގާނޫނަށް އަމަލުކުރާން އުޅުނުއިރު ހީވަނީ ކުޅިމިރުހެއް ކެވިގެން ދުވާހެންނެވެ. ދުވަހަކު މިމީހުންނަކަށް ރަނގަޅު އެއްކަމެއްވެސް ނުކުރެވެއެވެ. ވާނީވެސް އެހެންތާއެވެ. އިދިކޮޅު ހުރިހާ މީހުންހުރިހާ ކަމެއްވެސް އެބަލަނީ އެއްލޮލުންވިއްޔާއެވެ.
އިގްތިސާދީ އެޖެންޑާ ސަރުކާރުން ދާދި މިދާކަށް ދުވަހު އިއުލާނު ކުރުމުން ގޮވާ ނެގީ ރައްޔިތުންނަށް އޮޅުން ނުފިލާ ވާހަކައެވެ. ރާއްޖޭގެ އެންމެ އިސްވެރިޔާވެސް އަރުވާ ޖަހައި ނުކުމެ މަގުމަތީގައި، މީހުން ހޭވެރިކުރާން ފެށުމުން ގޮވަނީ ވާވަށްދަނީ ކަމުގައެވެ. ރާއްޖޭގެ އެއްވެސް ވިޔަފާރި ވެރިޔަކު މިކަމާ އެއްބަހެއް ނުވެޔޭ ބުނާއިރު އެބުނާ ދެއަތުގެ އިނގިލިތަކުން ގުނާލެވޭ ބޮޑެތި ހުރިހައި ވިޔަފާރިވެރީން އަރައި އަހަރެމެން ރުހެމޭ ބުނީމައި މިބުނަނީ އެމީހުން އެތިބީ ޑީލު ހަދައިގެން ވިކިފައި ކަމުގައެވެ. ވާނީވެސް އެހެންތާއެވެ. އެތަނުގައި އެކަން ހާމަ ކުރެއްވި ވިޔަފާރި ވެރީންނަކީ ހަތަރު އަލިފާންނިވާ ފުޅިޔާއި ކަނޑަށް ގެނބިގެން މަރުވާންނޭނގޭ ކެޕްސޫލަކަށް މީހުން ލައިގެން މަމީވިޔަފާރި ވެރިޔެކޭ ގޮވަމުން ، ބުމަރެއްހެން އެނބުރޭ މީހުންނެއް ނޫން ވިއްޔާއެވެ. އެކަމަކު ހިތާމަޔަކީ މިކަހަލަ ހަސްފަސް ނެތް މީހުން ތަންތަނަށް އަރައި ރަނބަ ހަލުވަން އުޅޭތީއެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތި ދެދުވަހު އެކައްޗެއް ކިޔާން ނޭނގި ކޮންމެވެސް ކަމެއް ނެރެގެން މިގައުމު ފިތުނަ ކުރާން ހިފާދަމާތީއެވެ. ކުރާނީ ކީއްހެއްޔެވެ؟ ކިތަންމެ ވަރަކަށް ސިކުނޑި ގާނައިގެން ހަދައި ކިޔަސް ހުރިހާ ޅެމެއް މިވަނީ ފަރިއްސަށެވެ. އެއުޅޭ ބިން ހުސެން މަނިކަށްވެސް އެމީހުންގެ މަކަރުވެރި ކޮންމެ ކުޅިޔަކާ އިދިކޮޅަށް މިސަރުކާރުން ދިހަކުޅި ކުޅޭކަމާއި މިހާރު ބޮކިނިވެން ކައިރި ވެއްޖެކަން އެނގޭތީވެ މަޖިލީސް ތެރޭގައިވެސް އެއުޅެނީ އާވާރާވެގެންނެވެ. ތިމަންނާއާއި އެކުގައި ފުނަހަމަކުރާން އެއުޅުނު ސަމައްތަރު ރަނގަޅު ކުދީންކޮޅު ވަކިވެއްޖެކަން އެނގުމުން ދެން އަތުގައިއޮތް ބެރުގަނޑު ފަޅައިގެން ދާންދެން ތަޅާނެގޭތޯ ބަލަނީއެވެ. އަތުން ހަންދިޔަޔަސް ، ހަމަދިމާނުވިޔަސް ވަރިހަމަކޮށް މަވަރެއް ނެތޭ ހީވެގެން އުޅެނީއެވެ. މަންޒަރު ބަލާލަން ތިބެމާ ބަހީއެވެ. ދިވެހި ރައްޔިތުންނަށާ ، މިސަރުކާރަށް ، އިރާދަކުރެއްވިއްޔާ ފިތުނަވެރީންގެ ކިބައިން ސަލާމަތްވެގެން ފާގަތިކަމާއިއެެކު ކުރިޔަށް ދިއުމުގެ ހެޔޮ ތައުފީގު ދެއްވާށިއެވެ. އާމީން