ރައީސުލްޖުމްހޫރިއްޔާ ތިނަދޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިފްތިތާޙްކޮށްދެއްވައި މަތި ދެކުނު ސަރަޙައްދުގެ ސްޓޭޑިއަމް ތިނަދޫ ކައުންސިލާ ޙަވާލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގދ. ތިނަދޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިފްތިތާޙްކޮށްދެއްވައި، އަދި މަތި ދެކުނު ސަރަޙައްދުގެ ސްޓޭޑިއަމް، ގދ. ތިނަދޫ ކައުންސިލާ ޙަވާލުކުރައްވައިފިއެވެ.

ތިނަދޫގައި އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ބޭއްވި، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތިނަދޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފެއްދެވުމުގެ ބޭނުންފުޅަކީ، ތިނަދޫ ތަރައްޤީ ކުރެއްވުން ކަމަށާއި، ތިނަދޫ ތަރައްޤީ ކުރުމުގެ ވާހަކައަކީ، ހުވަދުއަތޮޅު ތަރައްޤީ ކުރުމާއި، ރާއްޖެ ތަރައްޤީ ކުރުމުގެ ވާހަކަ ކަމުގައި ވިދާޅުވިއެވެ. ތިނަދޫގެ ތަރައްޤީ ގުޅިފައި އޮތީ، ހަމައެކަނި ތިނަދޫގެ ރައްޔިތުންނަކާ ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ތަރައްޤީއަށްޓަކައި އެއްރަށާއި އަނެއްރަށާ ލާމެހި ގުޅެން އެބަޖެހޭ ކަމަށާއި، މިއަދު މިވަނީ ވެރިކަން ކުރުމާއި، ޢާންމު މަސައްކަތްތައް ހިންގުމުގެ ކިތަންމެ އިންތިޒާމެއް ހަމަޖެއްސިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދެން ކުރާން އޮތް ކަމަކީ، މި އިންތިޒާމްތަކުގެ ތެރެއިން މަސައްކަތް ކުރަމުން ގެންދިޔުން ކަމަށް ވިދާޅުވެ، މިމަސައްކަތުގައި އިރާދަކުރެއްވިއްޔާ، މިސަރުކާރުން ކުޑަ ތަންފުކެއްވެސް ފަހަތަކަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން ތިނަދޫ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ، ތިނަދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި، ތިނަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ތިނަދުއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.