3 ޖޫން 2010
ސިވިލް ސަރވިސް ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރުމަށްޓަކައި، އެކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރްޞަތުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވައިލައްވައިފިއެވެ.
މި ދެފުރްޞަތު ހުޅުއްވައިލައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެއިޢްލާނު، މިއަދު ނެރުއްވި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ. މި ދެ ފުރްޞަތު ހުޅުއްވައިލައްވާފައިވަނީ، މިއަދުން ފެށިގެން މި ޖޫންމަހުގެ 16ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.
މި ދެކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމާއި އިޤްރާރު ދޫކުރުމާއި، ފޯމާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8.30 ން މެންދުރުފަހު 3.30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މިފޯމާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް މީހުން ޢައްޔަން ކުރެއްވުމާބެހޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާ ހޯއްދަވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވަމުން އެބަގެންދަވައެވެ.