މެންބަރުންގެ ޚިޔާލު: މިއަދުގެ އިސްލާމުންގެ ހާލަތަކީ !!!

ފުނަމާ

އިސްލާމް ދީނަކީ އެންމެހާ އިންސާނުންނަށް ބާވައިލެއްވި އިންސާނިއްޔަތު ކަމުގެ ދީނެވެ. ސުލްހައާއި މަސަލަސްކަމުގެ ދީނެވެ. އިންސާނީ ޙައްގުތައް އެންމެފުރިހަމަޔަށް ރައްކާތެރިކޮށް ލިބިދީފައިވާ ދީނެވެ. މިދީން ކުރިއަރައި ދިޔައީ ކަނޑީގެ ބާރުން ކަމުގައި ބުނާބަޔަކަށްވެސް އެއީ ހަގީގަތެއް ނޫންކަން އެނގި ކަށަވަރުވެއެވެ. މުސްލިމުން އެމީހުންނާއި ހަނގުރާމަ އިއުލާނުކޮށް ހަނގުރާމަކުރާ ދުޝްމިނުންނާ ހަނގުރާމަ ކޮށްފައި ވަނީ އަމިއްލަ ދިފާއުގައެވެ. މިއީ މިއަދުގެ ދުނިޔެވެސް ގަބޫލުކުރާނެ ކަމެކެވެ. މިނޫން ހާލަތެއްގައި މުސްލިމުން ހަނގުރާމައިގެ މައިދާނަކަށް ނުނިކުމެއެވެ. މުސްލިމުންނަކީ އެހެނިހެން ދީންތަކުގެ އަހުލުވެރީންނަށްވެސް އިހުތިރާމުކުރާ ބައެކެވެ. އެހެން ދީންތަކުގެ މީހުން އަޅުކަން ކޮށްއުޅޭ އެމީހުންގެ ކަލާނގެ ކަމުގައި ބުނެއުޅޭ ތަކެއްޗަށް މަލާމާތްކޮށް ފުރަށްސާރަކުރުން އިސްލާމުންގެ މައްޗަށްވަނީ މަނާކުރައްވާ ފައެވެ. ހަމައެހެންމެ ހަނގުރާމައިގެ ތެރޭގައިވެސް ދުޝްމަނުންގެ ޅަދަރީންނާއި އަންހެނުންނާއި ހަނގުރާމައިގައި ބައިވެރިނުވާ މީހުން ނުމެރުމަށާ ، އެމީހުން އަޅުކަންކުރާން ހަދާފައި ހުންނަ ފައްޅިތައް ނުމުގުރުމަށާ ، ނަޢަމުސޫފިތަކާއި ގަސްގަހާގެހި ނައްތާ ނުލުމަށް މިދީނުގައި ބާރުއަޅުއްވާފައި ވެއެވެ. ހަނގުރާމައިގައި އަތުލެވޭ އަސީރުންނާ މެދުވެސް އަމަލުކުރާން އަންގަވާފައިވަނީ އިންސާނިއްޔަތު ކަމާއެކުގައެވެ. މީގެ ސަބަބުން މުޅިދުނިޔެއަށް އިސްލާމްދީން ފެތުރި މިދީނުގެ އިންސާފުވެރިކަން މީސްތަކުން ގަބޫލުކޮށް މުސްލިމުންގެ ހައިބަތާއި ގަދަރު އިންތިހާއަށް ދުނިޔޭގައި ބޮޑުވެގެން ގޮސްފައިވެއެވެ. އިސްލާމްދީނުގެ ދިދަ މުޅިދުނިޔޭގައި ވިހުރެމުން ދިޔައެވެ. ނަމަވެސް މިއަދު އިސްލާމީ ގައުމުތަކުގެ މެދުގައި ޚިލާފުތައް އުފެދުމާއި ގައުމުތަކުގެ އެތެރޭގައިވެސް ބައިބައިވުންތައް އުފެދި ދިއުމުގެ ސަބަބުން އިސްލާމުންގެ އޮފުދާރުކަން ކެނޑި ދުޝްމަނުންގެ މަލާމާތާއި ފުރައްސާރަކުރުން މުޅިއިސްލާމީ މުޖުތަމަޢަށް މިދަނީ އަމާޒުވަމުންނެވެ.
ﷲގެ ދީން ކުރިއަރައިދިޔަ ޒަމާނުގައި މުސްލިމުވެރީން ނަމޫނާދެއްކީ ރަސޫލު(ސ) ގެ ސުންނަތުން ނަމޫނާ ލިބިގެންނެވެ. ނަމަވެސް މިއަދު އެސުންނަތް ދިރުވުމުގެ ނަމުގައި އިސްލާމީ ގައުމުތަކުގެ ތެރެއިން ވަކިވަކި ޖަމާއަތްތައް ހަދައި އިސްލާމީ އެއްގައުމާއި އަނެއް ގައުމު ހަތުރުވެ ގައުމުތަކުގެ އެތެރޭގެ ހަމަނުޖެހުންތަކުގެ ސަބަބުން އިސްލާމުންގެ އަސްލު ތަސައްވުރު މިވަނީ ގެއްލިފައެވެ. މުސްލިމު އެއްޖަމާއަތުން އަނެއް ޖަމާއަތާ ހަނގުރާމަ އިއުލާނުކޮށް އެއްބަޔަކު އަނެއްބަޔަކަށް ކާފަރުންގެ ލަގަބުވެސް ގެންދަނީ ދެމުންނެވެ. ހަރުކަށިކަން އިސްކޮށް މީސްތަކުންގެ އިންސާނީ ހައްގުތައް މިދަނީ ނައްތާލަމުންނެވެ. އަންހެނުންގެ ހައްގުތަކަކީ ކޮބައިކަން ނުބަލައި ޖާހިލިއްޔަ ޒަމާނުގައި އަމަލުކުރި ފަދައިން މުސްލިމު މުޖުތަމައުތަކުގެ އަންހެން ކަނބަލުންނާއި މެދުގައި ކަންކުރަމުން ގެންދިއުން މިވަނީ އާންމުވެފައެވެ. ހަރާމެއް ހަލާލެއް ބަލައި ނުލައި ދުނިިޔޭގެ ފުދުންތެރި ކަމަށް ހަމައެކަނި އިސްކަން ދީގެން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަންހިނގާ ބައެއް އިސްލާމީ ޖަމާއަތް ތަކުން އެމީހުންގެ އެޖެންޑާތައް ކުރިއެރުވުމަށް ބޭނުންވާ ފައިސާ ހޯދަމުން ގެންދަނީ މަސްތުވާތަކެތި އުފައްދައި އޭގެ ވިޔަފާރީން ލިބޭ ފައިސާއިންނެވެ. މުސްލިމުންގެ މިސްކިތްތަކުގައި އަޅުކަންކުރާން ތިބޭ ކުށެއްނެތް އެތަކެއް މައުސޫމުންގެ ފުރާނަ ދުއްވާލަނީ ހަމަ މުސްލިމުންނޭ ބުނާ ބަޔަކު އެމިސްކިތް ތަކުގެތެރޭގައި ދެމުންގެންދާ ބޮމުގެ ހަމަލާ ތަކުންނެވެ. ދުޝްމަނުންގެ ކިބައިން ބަދަލު ހިފުމުގެ ނަމުގައި ދެމުންގެންދާ ހަމަލާތަކުގައި މަރުވެގެންދަނީ ކުށެއްނެތް އެތަކެއް އާންމުންނެވެ. މިއަކީ އިސްލާމްދީނުގެ އަސްލެއްގެ ކުލަވެސް އެކަންކަމާ ގުޅިފައިވާ ކަންކަން ނޫންކަން މިފަދަ ލާއިންސާނީ ހަމަލާތައް ދެމުންގެންދާ މީހުންނަށްވެސް އެނގެއެވެ. ނަމަވެސް ފައިސާއާއި ބާރުގެ ބޭނުމުގައި މުސްލިމުންގެ ލޭބަލް ޖަހައިގެން އުޅޭ ޖަމާއަތްތަކުން ގެންދަނީ އެއްދުވަހުން އަނެއްދުވަހަށް މިކަންކަން ކުރިއަރުވަމުންނެވެ.
މިއަދުގެ ދުނިޔޭގައި އެންމެ ކުރިއަރައި މިދަނީ ޑިމޮކްރަސީގެ ނިޒާމެވެ. ޑިމޮކްރަސީ ބިނާވެފައިވަނީ އިންސާނީ މިނިވަންކަމާއި ޙައްގުތަކުގެ މައްޗަށް ބިނާވެގެންނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ހުޅަނގުގެ ޑިމޮކްރަސީތަކުގައި އިސްލާމްދީން އެދަނީ ބާރަށް ފެތުރެމުންނެވެ. މިކަމުން އެނގެނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި އެންމެ ފުރިހަމަޔަށް ކަންކުރުމުގެ ވެއްޓެއް މިއަދު މިއޮތީ ޑިމޮކްރެޓިކް ވެށިތަކުގައި ކަމެވެ. ނަމަވެސް އިސްލާމީ ގައުމުތަކުން އެގައުމުތަކުގެ ވެރީންގެ އަތުން ބާރުގެއްލިދާނެތީވެ މިކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އަދި ޑިމޮކްރަސީއަކީ އިސްލާމް ދީނާއި ޚިލާފު އެއްޗެއް ކަމުގައި ވިސްނައި ދެވޭތޯ ބަޔަކުގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ހުޅަނގުގެ ބައެއް ގައުމުތަކުގައި އެއްޖިންސުން ގުޅުންހިންގުމާއި ދީނީ މިނިވަންކަން އޮންނާތީ ކަމުގައި ބުނެއެވެ. ނަމަވެސް އިސްލާމީ ގައުމުތަކުގައި އުޅެމުން ގެންދާ މީހުންގެ ތެރޭގައި މިކަންކަން އޮތީ ކިހާ ވަރަކަށް ބާވައެވެ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުންކަމުގައި ބުނެއުޅޭ މަދު ގައުމެއްގެ ތެރެއިން ގައުމެކެވެ. ގައުމުގައި ދީނުގައި ހަރާމް ކުރެއްވިއްޔާ ހަރާމްކުރެއްވި ކަމެއް އެބައޮތެވެ. ލިވާތުކުރުމާއި ޒިނޭކުރުންވަނީ އާންމުވެފައެވެ. ވައްކަމާއި މަގުފޭރުން މާރާމާރީއާއި ، މީހުންމެރުން މިވަނީ ހައްދުފަހަނަ އަޅާފައެވެ. ރަމަޒާންމަސް އައެކޭކިޔާފަ ރޯދަމަސް ނާންނަ ކިތަންމެ މީހުނެއް އެބައުޅެއެވެ. ދިވެއްސެއްގެ ބަނޑުން އުފަންވީތީވެ އިސްލާމް ނަމެއްކިޔައިލުމުން ފުރިހަމަ މުސްލިމުން ކަމުގައި ވާނަމަ ދިވެހީންނަކީ މުސްލިމުންނެވެ. ދީނެއް މިއްލަތެއް މަޒުހަބެއް ގަބޫލުނުކުރާ ކިތައް އާދަމުގެ ދަރީން މިގައުމުގެ އައިޑީ ކާޑު ހިފައިގެން އުޅޭކަން ކަށަވަރުވޭބާވައެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި މިގައުމުގައި އެތިބަ ޒުވާނުންގެ އެކަނި އަދަދަށް ބަލާލިޔަސް ސަހަރޯ ހީވެއެވެ. ނުބައިކަމާ ފާހިޝްކަމުގައި ހައްދުފަހަނަ އަޅާފައިވާ މިންވަރު ކޮންމެ ދުވަހަކުވެސް މިދަނީ އިޝްތިހާރުވަމުންނެވެ. މިއީ ހަތަރުލައްކަ ހަމަނުވާ މިގައުމުގެ ހާލަތެވެ. މިލިޔަނުން ގުނާލެވޭ އިސްލާމީ އެހެން ގައުމުތަކުގެ ހާލަތަކީ ކޮބައިކަމާމެދު އޮތީ ވިސްނާލުމެވެ. މީގެ ސަބަބުން އިސްލާމުންނަށް މިއަދުގެ ދުނިޔޭގައި ނުލިބޭ ހުތުރު އެއްވެސް ނަމެއް މިހާރަކުދެން އޮތެކޭ ހީއެއް ނުވެއެވެ