މިމަހުގެ ފަންސަވީސް ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރާނެ

އިބްރާހީމް ރާމިޒް

gaumy-majlis

މިމަހުގެ ފަންސަވީސް ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރާނޭ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.
އެމްޑީޕީގެ މައި އޮފީހުގައި މިއަދު އެ އޮފީހުގެ މުޥައްޒަފުންނާ ބައްދަލުކުރައްވައި، މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ހަމަޖެހިފައިވާތީ ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި، އެ ޖަލްސާގެ އެހެނިހެން އިންތިޒާމްތައް ވީހާވެސް ފުރިހަމަކޮށް ހަމަޖައްސަވައިދެއްވުމަށް އިދާރީ މުޥައްޒަފުންގެ އަރިހުން އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އެދިވަޑައިގެންނެވިއެވެ.
އެމްޑީޕީގެ ދާއިމީ 18 ކޮމިޓީއަށް 400 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ އިރު އޭގެ ތެރޭގައި ދެ ކޮމިޓީއަށް ވުރެ ގިނަ ކޮމިޓީ އަށް ގިނަ ފަރާތްތަކަކުން ކުރިމަތިލާފައިވާތީ އެމްޑީޕީން ބަނޑޮހުގައި ބޭއްވި އެ ޕާޓީގެ 91 ވަނަ ގައުމީ މަޖިލީހުން ވަނީ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓް ލިސްޓް ކުރުމަށް 10 މެންބަރުންގެ ކޮމިޓީއެއް ނަގާފައެވެ. އަދި އެ ކޮމިޓީން ވަނީ ކޮންމެ މެންބަރަކަށް ވެސް ކުރިމަތިލެވޭނީ ގިނަވެގެން 2 ކޮމިޓީއަށް ކަމަށް ހަމަޖައްސައި، އެ މެންބަރަކު އިޚްތިޔާރުކުރަން ބޭނުންވާ 2 ކޮމިޓީއެއް އިޚްތިޔާރުކޮށް އެކަން އެމްޑީޕީގެ މައި އިދާރާއަށް އެންގުމަށް އެދި އާންމުކޮށް އިޢުލާންކޮށްފައެވެ.
އަދި މި ކޮމިޓީން މިހާރުވަނީ ކޮމިޓީތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ފަށައި، އެ ފަރާތްތަކުގެ ކުށުގެ ރެކޯޑްވެސް ސާފުކޮށްފައެވެ. އެހެން ކަމުން ދެން އޮންނަ ގައުމީ މަޖިލީހުގެ ޖަލްސާއެއް ގައި އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަންކޮށް ނިންމާލެވޭނޭ ކަމަށް އެމްޑީޕީން ބުނެއެވެ.