އިޤްތިޞާދީ އިސްލާހީ ޕްރޮގްރާމާ ގުޅޭ ލީފްލެޓްތައް ބެއްސެވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވައިފި

އިބްރާހީމް ރާމިޒް

އިޤްތިޞާދީ އިސްލާހީ ޕްރޮގްރާމްގެ ލީފްލެޓްތައް ބެއްސެވުމުގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެވެސް ބައިވެރިވެވަޑައިގަންނަވައިފިއެވެ.
އިއްޔެ ހަވީރު 4.30 އިން ފެށިގެން ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ބޭއްވި މި ޙަރަކާތުގައި ލީފްލެޓް ބެއްސެވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ، ވަނީ ސަރަހައްދުގައި ބައެއް އާންމުންނާ ބައްދަލުކުރައްވައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޓެކްސް ބިލްތަކާއި، އިޤްތިޞާދީ އިސްލާޙީ އެޖެންޑާ އާއި ބެހޭ މައުލޫމާތު އެފަރާތްތަކަށް ދެއްވާފައެވެ.
މި ޙަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުންނާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިން އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިޤްތިޞާދީ އެޖެންޑާ އަށް ތާޢީދު ހޯއްދެވުމަށް ސަރުކާރާއި އެމްޑީޕީން ދަނީ ތަފާތު އެކި ޙަރަކާތްތައް ހިންގަމުންނެވެ. އެ ގޮތުން ލީފްލެޓް ބެހުމުގެ އިތުރުން ދޮރުން ދޮރަށް، ހިނގައި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް އެމްޑީޕީ އާއި ސަރުކާރުން ދަނީ ކެނޑިނޭޅިކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުވެސް ލޮނުޒިޔާރަތްކޮޅުގައި އިޤްތިޞާދީ ބިލުތަކާ ބެހޭ ލީފްލެޓްތައް ބެއްސެވުމުގައި ޙަރަކާތްރިވެވަޑައިގެންފައެވެ.