ރައީސުލްޖުމްހޫރިއްޔާ އާއި ތަސްމީން ބައްދަލުކުރެއްވުމުން އެމްޑީޕީގެ ޗެއަރޕާސަން މަރުހަބާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

photo-2

ސަރުކާރުން ހުށަހަޅާފައިވާ އިޤްތިޞާދީ ބިލުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީން އަލީ ރޭ ރައީސް އޮފީހުގައި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށާއި، ތަސްމީނަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މަރުހަބާ ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި ހުންނަވައިގެން، އެމްޑީޕީ ވެބްސައިޓަށް ފޯނުން މަޢުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ހަރުދަނާ ޑިމޮކްރަސީ އެއް ގާއިމްކުރެވޭނީ ސަރުކާރާއި، އިދިކޮޅު ފަރާތްތަކާއި ދެމެދު ވެސް ވާހަކަ ދެކެވި ކަންކަމުގައި މަޝްވަރާކުރެވި، އެ މަޝްވަރާތަކުގެ މައްޗަށް އަމަލުކުރެވިގެން ކަމަށާއި، އިދިކޮޅު ފަރާތްތަކުން ގެންގުޅުނު “ކޮންމެ ކަމަކާ ދެކޮޅު ވުމުގެ ސިޔާސަތު” ދޫކޮށްލައި، މަޝްވަރާގެ އުސޫލުން ކަންތައް ނިންމުމަށް އެމްޑީޕީ އާއި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލެއްވުން ދެއްވީތީ އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީން ޢަލީ އަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
” އިދިކޮޅު ފަރާތްތަކުން މިހާތަނަށް ގެންގުޅުނު ކޮންމެ ކަމަކާ އިދިކޮޅު ހެދުމުގެ ސިޔާސަތު ދޫކޮށް، މަޝްވަރާކޮށްގެން ކަންތައްތައް ނިންމުމަށް އެމްޑީޕީ އާއި، އެމްޑީޕީގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް ތަސްމީން އެއްބާރުލެއްވުން ދެއްވީތީ އެކަމަށްޓަކައި އަޅުގަނޑު ތަސްމީނަށް ނިހާޔަތަށް ޝުކުރު ދަންނަވަން.” މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމަށް ހަދަންޖެހޭ ޤާނޫނުތައް ހެދުމަށް ބޭނުންވާ އަޤްލަބިއްޔަތު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިހާރު އެމްޑީޕީއަށް ނެގިދާނޭ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީގެ ވެސް އަދި ސަރުކާރުގެ ވެސް ވިސްނުމަކީ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރެވިގެން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
އިދކޮޅު ފަރާތްތަކާ މަޝްވަރާކުރުމަކީ އެމްޑީޕީން އަލަށްކުރާ ކަމެއް ނޫން ކަމަށާއި، މީގެ ކުރިން ވެސް އެފަދަ މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި، އަދި އެ ފަދަ ގައުމީ ބޮޑެތި މައްސަލަތަކުގައި މަޝްވަރާކުރުމަށް ސަރުކާރުގެ ވެސް އަދި އެމްޑީޕީގެ ދޮރުވެސް އަބަދުވެސް ހުޅުވިފައިވާ ކަމަށާއި، ޑީއާރުޕީ ނޫން އެހެން ޕާޓީތަކަށް ވެސް އެ ފުރުޞަތު އެބައޮތް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އަކީ “ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރައްވަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރެއްވުމުގައި ސާބިތުކަމާއެކު ދެމިހުންނަވާ، ހުށިޔާރު، ކެރިވަޑައިގަންނަވާ ރައީސެއް. މިހާތަނަށް ވެސް އެ މަނިކުފާނު މަސައްކަތްކުރައްވަމުން އެ ގެންދެވީ އަމިއްލަ ފުޅަށް ތާޢީދު ހޯއްދެވުމުގެ ބަދަލުގައި ވަގުތީ ގޮތުން ނަމަވެސް ބައެއް މީހުންގެ ނުރުހުމާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް ދުރުމުސްތަޤްބަލަކަށް ފައިދާކުރާނޭ ކަންތައްތަކަށް އިސްކަންދެއްވައިގެން، ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް. ރައްޔިތުންނަށް އުފާވާ ޒަމާނެއް ހޯއްދަވައިދެއްވުމަށް.” ކަމަށާއި، މި ގައުމުގެ ވެރިކަމުގެ ވައްޓަފާޅިއާއި އިޤްތިޞާދަށް ސަރުކާރުން ގެންނަމުންދާ ޒަމާނީ ބަދަލުތަކަށް އެމްޑީޕީގެ ފުރިހަމަ ތާޢީދު އޮންނާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު އެ ދެ ބޭފުޅުން ވަނީ ވަކިވަކިން ނޫސްވެރިންނާ ބައްދަލުކުރައްވައި، އެ ބައްދަލުކުރެއްވުމާ ބެހޭ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވާފައެވެ. އެ ގޮތުން އިޤްތިޞާދީ ބިލުތަކުގެ ތެރެއިން އާމްދަނީން ޓެކްސް ނެގުމުގެ ބިލާ މެދު ތަސްމީނުގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އާމްދަނީން ޓެކްސް ނެގުން ލުއިކުރުމަށް ރަސްމީން ވިސްނަވާ ވިސްނުމަކީ ސަރުކާރުގެ ވެސް ވިސްނުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި “ތަސްމީނުގެ ޑީއާރުޕީ ލީޑަރޝިޕްގައި ސަރުކާރު މިއަށްވުރެ ވަކި ބޮޑަށް ޒިންމާދާރު ކުރެވުނު ދުވަހެއް” ދެކެވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.