ޓެކްސް ބިލްތަކަށް ތާޢީދު ހޯއްދެވުމަށް ޑީއާރުޕީގެ ލީޑަރ ތަސްމީން އާ ރައީސް ބައްދަލުކުރައްވައިފި

hep2

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޓެކްސްގެ ބިލްތަކަށް އިދިކޮޅު ޑީއާރުޕީގެ ތާއީދު ހޯއްދެވުމަށްޓަކައި، އެ ޕާޓީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި، ދައުލަތުގެ ޚަރަދުތައް އެތައް ތަނަކުން ބޮޑުވެގެންދާތީ، އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ތަސްމީން ވިދާޅުވި ކަމަށާއި، އަދި ރާއްޖޭގެ ބަޖެޓް 7 ބިލިއަން، 8 ބިލިއަނަށް ހުރެފައި، ސުނާމީއަށްފަހު ކުއްލިއަކަށް ބަޖެޓް ބޮޑުވެގެންދިޔައީތީ، އެކަން ވެސް ތަސްމީން ފާހަގަކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސުނާމީގެ ޚާއްޞަ ޙާލަތު ދިމާވެގެން ބަޖެޓް ބޮޑުވި ބޮޑުވުމަށް، މިހާތަނަށް އައިއިރުވެސް ބަދަލެއް ގެނެވިފައިނުވާކަން ތަސްމީން ފާހަގަކުރެއްވިކަމަށާއި، ދައުލަތުގެ ޚަރަދުތައް، ދެފުށް ފެންނަ ގޮތަށް ކުރަމުން ގެންދިޔުމަށްވެސް ތަސްމީން ބާރުއެޅުއްވި ކަމަށާއި، ތަސްމީން ބޭނުންފުޅުވަނީ، ސަރުކާރުން އެކަން ޢަމަލީގޮތުން ކުރައްވަމުން ގެންދަވާތަން ފެނިވަޑައިގަތުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި، ޑީއާރުޕީގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ފަންނީ ބޭފުޅުންނާ މަޝްވަރާ ކުރައްވައި، ގެންނެވެން އޮތް ބަދަލެއް ގެންނެވޭތޯ ބައްލަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޓެކްސްގެ ނިޒާމަކީ އެންމެ ދުވަހަކުން ފުރިހަމަކުރެވޭނެ ނިޒާމެއް ނޫން ކަމަށާއި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ނިޒާމު ފުރިހަމަވާނީ، ކޮންމެވެސް މިންވަރެއްގެ ޓެކްހެއް އާމްދަނީން ނެގިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޭނުންފުޅުވަނީ ޑީ.އާރު.ޕީ.އާއެކު އިތުރަށް މަޝްވަރާ ކުރެވޭނެ މަގުތައް ފަހިވުން ކަމަށާއި، ޑީއާރުޕީ. އާއެކު މިމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ޑީއާރުޕީގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއަށް އެމަނިކުފާނު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރޭ ދެއްވި ޕްރެސް ކޮންފަރެންސް ނިންމަވާލައްވަމުން، އެމްއެމްއޭގެ ގަވަރނަރ ފަޒީލް ނަޖީބް، އެމަގާމުން ވަކިކުރެއްވުމަށް ސަރުކާރުން ހުށަހަޅުއްވާ ހުށަހެޅުއްވުން ކުރިއަށް ނުގެންދަވަން ނިންމެވިކަން ހާމަކުރެއްވިއެވެ. އަދި މިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ސިޓީފުޅަކުން މިއަދު ދަންނަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދަށާއި މާލީ ނިޒާމަށް މިހާ ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު، ފަޒީލް ނަޖީބްގެ ތަޖްރިބާއާއި އަދި އެބޭފުޅާގެ މަސައްކަތްތައް ބަލައިގަންނަންޖެހޭނެ ކަމަށާއި، އަދި އެބޭފުޅާއާ އެކީގައި މަސައްކަތް ކުރައްވައިގެން ކުރިއަށް ދެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.