ލަންކާއިން ރާއްޖެއަށް ދިހަ މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދެނީ

6 ކިލޯމީޓަރުގެ މަގުވެސް ހަދައިދޭނެ

hep

ބޭންކް އޮފް ސިލޯނުން ސްރީލަންކާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ދިވެހިރާއްޖެއަށް ސްރީލަންކާއިން އިމްޕޯޓްކުރާ ތަކެއްޗަށް ދިހަ މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖެހިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިމަހުގެ 16 އިން 18 އަށް އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކްރެޑިޓް ލައިންގެ ސަބަބުން ރާއްޖެއަށް ސްރީލަންކާއިން ތަކެތި އެތެރެކުރާ ފަރާތްތަކަށް ފުރްޞަތުތަކެއް ފަހިވެ އަދި ބޭރު ފައިސާގެ ދަތިކަމަށްވެސް އެފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސާކް ސަމިޓަށް ސަރުކާރުން ވެވަޑައިގަންނަވަމުންދާ ތައްޔާރީތަކަށް އެހީތެރިވެދެއްވުމުގެ ގޮތުން ހަކިލޯ މީޓަރުގެ މަގު ހައްދަވައިދެއްވުމަށް ސްރީލަންކާ ސަރުކާރުން އެއްބަސްވެވަޑައިގެންނެވިކަންވެސް ހާމަކުރެއްވިއެވެ. މިއެހީފުޅާއެކު، އިރާދަކުރެއްވިއްޔާ، ފޭދޫ މައި މަގާއި އަދި މަރަދުއާއި މަރަދޫފޭދޫގެ މައި މަގު ރަނގަޅު ފެންވަރަކަށް ހަދައި ނިންމޭނެގޮތްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފޭދުއާއި މަރަދޫފޭދުއާއި މަރަދޫގެ މަގު، ސަމިޓާ ހަމައަށް ނިންމާލުމަކީ ވަރަށްބޮޑު މަސައްކަތަކަށްވާނެ ކަމަށާއި، އެހެން ނަމަވެސް، ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކީގައި މިއީ ކުރެވިދާނެ ކަމެއް ކަމަށް ސްރީލަންކާ ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަމިޓަށް ނުނިންމުނު ނަމަވެސް، އައްޑުއަތޮޅުގެ އެތެރޭގެ ބޮޑުމަގު، ހުޅުދުއާއި މީދޫ ފިޔަވައި ހުރިހާ ރަށެއްގައި ހަދާ ނިމޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި 111 ވަނަ ރޭޑިޔޯ ޚިޠާބުގައި، ސްރީލަންކާއަށް މިކުރެއްވި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ސްރީލަންކާގެ ރައީސާ އެކުގައި މަޝްވަރާ ކުރެއްވި ކަމުގައި ވިދާޅުވިއެވެ. އަދި ސާކް ސަމިޓް، ކާމިޔާބު ސަމިޓަކަށް ހެދުމަށްޓަކައި، ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް، ސްރީލަންކާ ސަރުކާރުން ވެދެއްވާނެ ކަމުގައި ސްރީލަންކާގެ ރައީސް ވިދާޅުވިކަން ހާމަކުރެއްވިއެވެ. ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއި، ސާކްގެ އެހެން ޤައުމުތަކުގެ އެހީތެރިކަމާއެކުގައި އިރާދަކުރެއްވިއްޔާ، ރާއްޖޭގައި ކާމިޔާބު ސަމިޓެއް ބޭއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.