3 ޖޫން 2010
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޮސްޓްރޭލިއާއަށް މިހާރުކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑާ މިއަދު ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.
ބޮޑުވަޒީރުގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުކުރެއްވުމުގައި މި މަޝްވަރާތައް ބޮޑަށް އަމާޒުކުރައްވާފައިވަނީ ދެޤައުމުގެ ގުޅުމާ ބެހޭގޮތުންނާއި ރާއްޖޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ މައްޗަށެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ ގޮތުން މިކުރެވޭ މަސައްކަތްތަކުގައި އޮސްޓްރޭލިއާގެ ދައުރު ވަރަށް މުހިންމު ކަމުގައި ވިދާޅުވެ، ބޮޑުވަޒީރު ރަޑް ކޯޕަންހޭގަންގައި ކުރެއްވި މަސައްކަތްޕުޅުތައް ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައަށް ޙައްލެއް ހޯދުމަށް ކުރެވޭ މަޝްވަރާތަކުގައި ކުދި ޤައުމުތަކުގެ ދިފާޢުގައި ބޮޑުވަޒީރު ރަޑް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާކަމަށް ވިދާޅުވެ، ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހުއްޓުވުމަށް ޖައްވަށް ގެދަބުޅި ބޭރުކުރުން މަދުކުރުމަށް ބޮޑުވަޒީރުގެ ސަރުކާރުން ހުށަހަޅުއްވާފައިވާ ސްކީމަށް އެޤައުމުގެ އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުން އެ ހުށަހެޅުއްވުން ޤާނޫނުހަދާ މަޖިލީހުން ފާސްނުވެ އޮތުމަކީ، ވަރަށް ހިތާމަކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ބޮޑުވަޒީރު ރަޑް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަކީ ހަރުދަނާ ލީޑަރެއްކަމަށާއި، “ޑިމޮކްރަސީގެ ޗެމްޕިއަނެއް” ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، “ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވެފައިވާ ރާއްޖޭގެ ރައީސަކު އޮސްޓްރޭލިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު” ކަން ފާހަގަކުރެއްވިއެވެ. އަދި އޮސްޓްރޭލިއާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެ، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ދެއްވަން ނިންމެވި ބައެއް އެހީތަކުގެ މަޢްލޫމާތު ރައީސް އަރިހުގައި ދެންނެވިއެވެ.
މިބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރު ކެވިން ރަޑް ނޫސްވެރިންނާ ބައްދަލުކުރައްވައި ދެބޭފުޅުން ކުރެއްވި މަޝްވަރާތައް ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ވާހަކަފުޅު ދައްކަވަމުން، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް އިތުރަށް ދެއްވަން ނިންމަވާފައިވާ ބައެއް އެހީތައް އިޢުލާންކުރެއްވިއެވެ. މިގޮތުން އިޢުލާންކުރެއްވި އެހީތަކުގެ ތެރޭގައި:
– މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހުއްޓުވުމަށާއި އެކަމަށް އަހުލުވެރިވުމަށްޓަކައި 500,000 (ފަސްލައްކަ) އޮސްޓްރޭލިއަން ޑޮލަރު.
– އ.ދ.ގެ ތަރައްޤީގެ ޕްރޮގްރާމްތަކާ ގުޅިގެން ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ތަރައްޤީކުރުމަށް އެހީތެރިވުމުގެ ގޮތުން 300,000 (ތިން ލައްކަ) އޮސްޓްރޭލިއަން ޑޮލަރު.
– ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ހަރުދަނާކުރުމަށް އެހީތެރިވުމަށް 230,000 (ދެލައްކަ ތިރީސްހާސް )އޮސްޓްރޭލިއަން ޑޮލަރު
– އޮސްޓްރޭލިއާގެ އެހީގައި ރާއްޖެއަށް 2011 ވަނަ އަހަރަށް 25 ސްކޮލަރޝިޕް ދެއްވުން. މިއީ 2010ވަނަ އަހަރަށްވުރެ 7 ސްކޮލަރޝިޕް އިތުރު އަދަދެއް.
– ޓީޗަރުން ތަމްރީންކުރުމުގައި އެހީތެރިވުމަށް 6 ވޮލަންޓިއަރުން ފޮނުއްވައިދެއްވުން.
– ރާއްޖޭގެ ތަޢުލީމާއި، ތިމާވެށްޓާއި، ސައެންސާއި، ޞިއްޙަތާއި، ސަރުކާރު ހިންގުން ހަރުދަނާކުރުމުގެ ދާއިރާގައި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ހަރުދަނާކޮށް އިތުރުކުރުމަށް އެހީތެރިވެދެއްވުން
– ރާއްޖޭގެ މިނިވަން މުއައްސަސާތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުން ދެއްވުން.
މިބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޮޑުވަޒީރު ރަޑް ބޭއްވެވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.