ޓެކްސްއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އުތުރު ޕްރޮވިންސްގައި ހިންގަނީ

އިބްރާހިމް ރާމިޒް

mathi-uthuru-upper-north-450-x-264

އުތުރު ޕްރޮވިންސްގައި ހިމެނޭ ނ ރ ބ އަދި ޅ އަތޮޅުގައި ޓެކްސް ނިޒާމާއި ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމައިފި ކަމަށް އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓުން ބުނެފިއެވެ.
ޅ ފެލިވަރުގައި ރޭ 9.30 ގައި ބޭއްވި އުތުރު ޕްރޮވިންސްގެ ސެކްރެޓޭރިއެޓްގެ ބައްދަލުވުމުގައި ޓެކްސް ނިޒާމާއި ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިމަހުގެ 19 އަދި 20 ވަނަ ދުވަހު އުތުރު ޕްރޮވިންސްގައި ހިމެނޭ ހަތަރު އަތޮޅުގެ ރަށްތަކުގައި އާންމު ހޭލުންތެރިކުރުވުމުގެ ގޮތުން ހިންގާނެ ހަރަކާތްތަކެއް ނިންމާފައިވާ ކަމަށް އެ ޕްރޮވިންސްގެ އެމްޑީޕީ މީޑިއާ ކޯރޑިނޭޓަރ އިބްރާހީމް އާތިފް (ޕްރިންސް) ވިދާޅުވިއެވެ. އެގޮތުން ހިންގުމަށް ނިންމަވާފައިވާ ފްރޮގުރާމްތަކުގެ ތެރޭގައި ކަނޑައެޅޭ ރަށްތަކެއްގައި ދޮރުން ދޮރަށް ހިނގުމާއި އަދި ޓެކްސްއާއި ބެހޭ މައުލޫމާތު އެކުލޭވޭ ލީފްލެޓްތައް ބެހުން ހިމެނޭ ކަމަށް ޕްރިންސް ވިދާޅުވިއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) ގެ ދާއިރާގެ ރައީސުންނާއި، އަތޮޅު ކައުންސިލު މެންބަރުންނާއި ރަށު ކައުންސިލްތަކުގެ މެންބަރުން ގުޅިގެން ރަށްރަށުގައި ހުރި އެމްޑީޕީގެ ގޮފިތަކުން ކުރިޔަށް ގެންދިޔުމަށް ރާވާ މިޕްރޮގްރާމް އުތުރު ޕްރޮވިންސްގެ 21 ރަށެއްގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި، އެގޮތުން ނ އަތޮޅުން ފޮއްދޫ، ހޮޅުދޫ އަދި ވެލިދޫގައި މިޕްރޮގުރާމް ކުރިޔަށް ގެންދިޔުމަށް ނިމާފައިވާ އިރު، ރ އަތޮޅުގައި މިޕްރޮގްރާމް ކުރިޔަށް ގެންދެވޭނީ އުނގޫފާރު، މީދޫ ، ކިނޮޅަސް، އިނގުރައިދޫ، ދުވާފަރު ،އަލިފުށި، ރަސްގެތީމު، ރަސްމާދޫ އަދި ވާދޫގައެވެ. މީގެ އިތުރުން ޅ އަތޮޅުން ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫގައި މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާއިރު ބ އަތޮޅުން މިޕްރޮގުރާމް ކުރިޔަށްގެންދިޔުމަށް ނިންމާފައިވަނީ އޭދަފުށި، ދަރަވަންދޫ ، ދޮންފަނު ، ކެންދޫ ، ކަމަދޫ އަދި ކުޑަރިކިލުގައި ކަމަށް ޕްރިންސް ވިދާޅުވިއެވެ.
ޓެކްސްގެ ނިޒާމާއި ބެހޭ ގޮތުން އުތުރު ޕްރޮވިންސްގެ ހަތަރު އަތޮޅުގައި ހޭލުންތެރިކަން އިތުރުކުރުމަށް ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިޕްރޮގުރާމް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހުރި ޓެކްސް ބިލްތަކުގެ މަސައްކަތްތައް އަވަސްކޮށް ފާސްކުރުމަށް މިޕްރޮވިންސްގެ ރަށްތަކަށް ނިސްބަތްވާ ރައްޔިތުން މަޖިލިހުގެ މެންބަރުންނަށް، އެމެންބަރުން އިންތިޚާބު ކޮށްފައި ރައްޔިތުންގެ ފަރާތުން ބާރުއެޅުން ކަމަށް އުތުރު ޕްރޮވިންސްގެ ރައީސް ޢަލީ ނިޔާޒް ވިދާޅުވިއެވެ.
ޕްރޮވިންސްގެ ރައީސް ޢަލީ ނިޔާޒް ރިޔާސަތު ބެލެހެއްޓެވި ރޭގެ މިބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ ކެނދިކުޅުދޫ ދާއިރާގެ ރައީސް މުހައްމަދު ފަހީމް، އެމްޑީޕީ އަންހެނުންގެ ގޮފީގެ މެންބަރު އައިމިނަތު ޖަމީލު، ވަގުތީ އިންތިޒާމް ސެކްރެޓަރީ ޤާސިމް އަބްދުލް ކަރީމް، ދުވާފަރު ދާއިރާގެ ރައީސް އަދި ވަގުތީ މީޑީއާ ކޯޑިނޭޓަރ އިބްރާހިމް އާތިފް ( ޕްރިންސް ) އަދި ވަގުތީ އިންތިޒާމް ސެކްރެޓަރީގެ ނައިބު ޢަލީ ޝަމީމް މުހައްމަދު އެވެ.