ޖަލުންނެރޭ މީހުންނަކީ ވެސް އިންސާނުންނެވެ.

ފަހަލަސަޢީދު

ރާއްޖޭގެރައްޔިތުންގެ ތެރެއިން ކުށްކުރާމީހުން އިސްލާޙްކޮށް އެބައިމީހުން އިތުރު ކުށްތަކަށް އަރައިގަތަނުދިނުމަށްޓަކާ މާލޭގައި ވަނީ “ވިލީފުލުސް” މިނަމުގައި 4 މުއައްސަސާ އެއް ގާއިމްކޮށްފައެވެ. ސުވާލަކީ ވިލީފުލުސްގެ ފުރިހަމަ ދައުރު އެފަރާތައް ފުރިހަމަކުރެވޭބާއެވެ. މާލެ އަކީ ވަރަށް ކުޑަ ތަނެކެވެ. މި ކުޑަ ކުޑަ ރަށުގެ ކުށުގެ މާޙައުލު ދެނެގަތުގެ ކުޅަދާނަކަން ފުލުހުންގެ ކިބައިގާ ހުންނާންވާނެއެވެ. މިސާލަކަށް މާފަންނުގައި ހިނގާ ކުށްތަކާ އެކުށުގެ ބާވަތްތަކާ އެކުށްތަކުގައި ޝާމިލްވަނީ ކޮންބައެއް ކަމާއި، އެކަންކަން ހިނގަން މެދުވެރިވާ ސަބަބުތަކާއި، އަދިއެކަންކަމުން ނުކުންނަ އިޖްތިމާޢީ މާއްދީ ޖިސްމާނީ ގެއްލުންތަކުގެ ނަތީޖާތަކާ މިކަންކަން ހިންގާ މީހުން ރަނގަޅުކުރާނޭ މެކޭނިޒަމެއް ގާއިމްކުރެވިފައި އޮތްނަމަ މިއަދު ޖަލުތަކުގައި ކުށްވެރިން ގިނަވެގެން ނުދިޔައިހެވެ. މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ “ހިރޮއިން” ބޭނުންކުރާ މީހުންނަކީސިކުނޑީގައި ބަލިމަޑުކަމެއް އެކުލެވިފައިވާ ބައެކެވެ. އެހެންކަމުން އެފަދަމީހުންގެ މައްޗަށް އެތައް ސަތޭކަ އަހަރުގެ ބޮޑެތި ޙުކުމް ކުރުމުން އެމީހުންގެ ސިކުނޑި އިތުރަށް ބަލިކަށިވެ ދުނިޔޭގައި އުޅުމުގެ އުންމީދުން މަޙުރޫމްވާ ތަންވެސް އާދެއެވެ. ޙަގީގަތުގައި މިހެން ދިމާވެފައި އެވަނީ ސްކޫލްތަކުން ކުދިން ތަރުބިއްޔަތުނުކުރުމާ ﷲގެ ދީނުގައިވާ ކުރުން މަޖުބޫރު ކަންތައްތައް ދަސްކޮށް ދީފައިނުވާތީއެވެ. އަދި މީގެ އިތުރުން ޖަލުތަކަށް ލުމުން ޖަލު ބަލަހައްޓާ ގާޑުންނާ ގައިދީންނާ ދެމެދު ވިޔާފާރީގެ މުޢާމަލާތް ހިންގާންފަށައެވެ. މިގޮތުން ޖަލުބަލަހައްޓާ ގާޑުން މުއްސަނދިވެ ފިހާރަތައް ހުޅުވިގެންދެއެވެ. މިހެންދިމާވަނީ ޖަލު ހިންގަންތިބޭ ފަރާތްތަކުގެ ރޯލު ފުރިހަމަނުވާތީއެވެ. ޖަލުގައި ޑިއުޓީކުރާ މީހުންގެ ޑިއުޓީ އެކިފަހަރު އެކިތަނަށް ބަދަލުކުރުމާ ޑިއުޓީކުރަން އައުމުގެ ކުރިން އޭނާ ޑިއުޓީކުރާ ތަން އޭނާއަށް ނޭނގޭ ގޮތަށް އޮތުމަކީ މަނާތަކެތި ޖަލަށް އެތެރެވުން ހުއްޓިގެންދާނެ ކަމެކެވެ. މީގެއިތުރުން ޖަލުގައި ހިންގާ ތަމްރީނު ޕްރޮގްރާމްތަކަކީ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކަކަށް ވެސް ވާންވާނެއެވެ. އަދި މިގޮތުން ހިންގާ ޕްރޮގްރާމްތަކުން ތަމްރީނުވާ ގައިދީން މޮނީޓަރ ކުރެވޭނެ ނިޒާމެއްރާވާ ކޮންމެ ގައިދީއަކު ވެސް ގިރާކުރަންޖެހޭ ހަރުފަތްތައް ގިރާކުރާން އޮންނަމިންގަނޑުގެ ދަށުން ގިރާކުރުމުން މުޖުތަމަޢަށް ނުކުމެވޭނޭ ކަމުގެ އުފާވެރި ޚަބަރު ގައިދީއަށް ދީފައި އޮތުމަކީ ވެސް މުހިންމުކަމެއް ކަމުގައި ދެކެމެވެ. އަނެއްކަމަކީ އެކިކުށްކުރާމީހުން ވަކިކުރެވިފައި ނުހުރުމެވެ. މިހެންދިމާވުމުން ދިމާވާ އަނެއް ގެއްލުމަކީ އަމުރަށް ނުކިޔަމަންތެރިވެގެން 6 މަސްދުވަހަށް ޖަލަށް ލެވުނު ގައިދީ އޭނާގެ ޙުކުމުގެ މުއްދަތުހަމަކޮށް ފައި މުޖުތަމަޢަށް ނުކުމެވޭއިރު އިތުރު ކުށްކުށަށް އަރައިގަތުމުގެ ތަމްރީނުލިބިގެން ނުކުތުމެވެ. މިރާއްޖޭގައި އަލުން މުޖުތަމައަށް ނެރުމުގައި ދަތިވާ ވަރަށް ހަލާކުވެފައިވާ ކޮންމެ މީހަކުވެސް ހަލާކު ކޮށްފައިވަނީ ޖަލުންނެވެ. ކުރީގައި ޖަލަށަ ލަމުން އައީ މީހާގެ ދުވަސް ދުއްވާލުމުގެ ވިސްނުމުގައެވެ. އެ ގޮތުގެ މަތީން ދިގުމުއްދަތެއް ވަންދެން ރާއްޖޭގެ ޖަލުތަކުން ވަނީ ވަރަށް ބޮޑެތި ކުށްވެރިން އުފައްދާ ފައެވެ. މި ދެންނެވިފަދަ ސަތޭކައެއްހާ ކުށްވެރިން ވަނީ ނިމިދިޔަ ސަރުކާރުން އުފައްދާފައެވެ. މި ދެންނެވި ސަތޭކައެއްހާ ކުށްވެރިން މުޖުތަމަޢަށް ނެރެންވާނީ ޖިސްމާނީ އަދި ނަފުސާނީ ބަލިމަޑުކަމަށާއި، އަދި ވަރަށް ވަރުގަދަ ކައުންސެލިން ޕްރޮގްރާމްތައް ހިންގައި، ދީނީ ވަރަށް ވަރުގަދަ ތަމްރީނުތަކަކަށް ފަހުގައެވެ. ޖަލުން ނުކުންނަ ކޮންމެ ގައިދީއަކު ވެސް ނެރުމުގެ ކުރިން ނަމާދުކުރުމުގެ އާދަ އޭނާގެ ކިބައިގާ އަށަގަތުން މުހިންމެވެ. މިނޫން ގޮތަކަށް ޖަލުން ނެރެފި މީހާ ވަދެގެންދަނީ ހަލާކުގެ ތެރެއަށެވެ. އަނެއްކޮޅުން ޖަލުން ނެރެފައި ދޫކޮށްލާ ގައިދީން މުޖުތަމަޢަށް ގިނަވާގޮތަށް ގަވާޢިދާ ގާނޫނުތައް ގަސްތުގައި ހަދާފައި ހުރުމާއި، ބަޔަކު ވައްކަމެއްކުރި ގެއެއްގެ ކައިރިން އެކަމުގެ ރެކޯޑުއޮންނަ މީހަކު ހިނގާފައިދަނިކޮށް ފެނިއްޖެނަމަ އެމީހާ ޖަލަށް ގެންގޮސް ތަޅާ މަރައިގެން އޭނާ ނުވެސް ދެނެހުރިކަމަކަށް އިޢުތިރާފް ކުރުވުންފަދަ ބޮޑެތިޖަރީމާތައް ހިންގާފައި އެބަހުއްޓެވެ. ތަންކޮޅެއްކުރިން ޖަލުންނެރެފައިވާ ބައެއް ޒުވާނުން ބައިހަދާފައި މަސްތުވާތަކެއްޗާ ދިމާއަށް ދުވާތަން ވަނީ ފެންނަންފަށާފައެވެ. މިއީ ހިތާމަހުރި ކަމެކެވެ. މީގެތެރެއިން ބައެއް ޒުވާނުންނާ އަޅުގަނޑު ވާހަކަދެއްކީމެވެ. ޖަވާބަކީ މިގޮތަށް މުޖުތަމަޢަށް ނެރޭ ޒުވާނުންނަށް ވަޒީފާނުލިބޭ މެކޭނިޒަމެއް ރޭވިފައިހުންނާތީ އެއާދިމާލަށް ދަތުރުފެށެނީކަމުގައެވެ. މިއީ މިހާތަނަށް މިކަންކަން ހިނގަމުން އައިސްފައިވާގޮތެވެ.
ކަންމިހެންހުރުމާއެކު ޖަލުން މިހާރުނެރެވޭނީ މަސައްކަތަށް އަހުލުވެރިކޮށް މަސައްކަތުގެހުނަރާއި، ތަމްރީނުތައްދީ ވަޒީފާ އާއެކުގައެވެ. އަދި އެހެނިހެން ޢާންމުންނެކޭ ތަފާތުކުރުމެއް ނެތި މުޖްތަމަޢުން އެބައިމީހުން ބަލައިގަންނަފަދަ އެތައް ސިފަތަކެއް އަޒުވާނުގެ ކިބައިގާ މިހާރު ހުންނާނެއެވެ.
ގައިދީންގެ ބޮލުގައި އިލްޒާމު އެޅުވުމަކީ ސިޔާސީ ފަރާތްތަކުން ކުރަމުންއަންނަކަމެކެވެ. އަދި މިފަދަ ދުވަސްވަރާ ދިމާކޮށް މީސްމީހުން ލައްވާ ހަމަނުޖެހުން ހިންގާ ތަންތަން ފަޅާލާ ހުޅުޖަހާ ހެދުމަކީ ވެސް އެވެރިން ހިންގާކަމެކެވެ. ހިތާމައަކީ 30އަހުރުގެ ވެރިކަމެއް ނިމިގެންދިޔައިރު މާދަމާގެ މުސްތަގްބަލް ޚަރާބުކޮށްލާފައިވާތީއެވެ. ޒިންމާ އުފުލަންޖެހޭފަރާތެއް ވާނެއެވެ. އެފަރާތެއްހޯދާ ޝަރީޢަތުގެ ކުރިމަށްޗަށް ގެންދެވެން ވެސް ވާނެއެވެ.