މިއީ ހަމައެކަނި ރުހުން ލިބުމެއް ނޫން. ސަރުކާރުން ބޭނުންވާ ކަންތައް މަޖިލިސް ތެރެއިން ނިންމޭނޭ ކަމުގެ ފެހި ސިގްނަލްވެސް މި ވޯޓުން ލިބިގެން ހިނގައްޖެ – ޑރ.ޑީޑީ

އިބްރާހީމް ރާމިޒް

drdidi-abdul-raheem

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އައްޔަންކުރައްވާފައިވާ ގ.ދަތުގޭ ޑރ.އިބްރާހީމް ދީދީއަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންދިއުމަކީ ހަމައެކަނި ރުހުން ލިބުމެއް ނޫން ކަމަށާއި، މި ވޯޓުން ސަރުކާރުން ބޭނުންވާ ކަންތައް މަޖިލިސް ތެރެއިން ނިންމޭނޭ ކަމުގެ ފެހި ސިގްނަލްވެސް ލިބިގެން ހިނގައްޖެކަމަށް ޑރ.ޑީޑީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން އެ ޕާޓީގެ ރައީސް ކަމުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ޑރ.ޑީޑީ ވިދާޅުވީ ” އަޅުގަނޑަށް ރުހުންލިބިގެންދިޔަ ކަމީ ޑިމޮކްރަސީ އަށާއި، މި ޕާޓީ (އެމްޑީޕީ) އަށް ލިބުނު ކާމިޔާބެއް” ކަމަށާއި، އެކަމަށްޓަކައި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙަށާއި، އެ ގްރޫޕްގެ މެންބަރުންނަށާއި، އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ޑރ.ޑީޑީ އިތުރަށް ވިދާޅުވީ އެމްޑީޕީ އަށް ނިޞްބަތްނުވާ ބައެއް މެންބަރުން ވެސް އެމަނިކުފާނަށް ވޯޓުދެއްވާފައިވާ ކަމަށާއި، އެހެން ކަމުން އެ ފަރާތްތަކަށް ވެސް ވަރަށް ޚާއްޞަ ޝުކުރެއްއަދާކުރައްވާ ކަމަށެވެ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ޑރ.ޑީޑީ ހުންނެވުމަށް 40 މެންބަރުން ވޯޓު ދެއްވިއިރު ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ 35 މެންބަރުންނެވެ.