މެންބަރުންގެ ޚިޔާލު: އިދިކޮޅު ފަރާތްތަކުގެ ނިޔަތަކީ ރާއްޖޭގެ މިނިވަންކަން ނަގާލުމެވެ

ފުނަމާ

ކުރީގެ ސަރުކާރުން ރާއްޖެއަށް ވަކިއުސޫލެއްނެތި މަސައްކަތު މީހުންގެ ގޮތުގައި ބިދޭސީން ޙާއްސަކޮށް ބަންގްލަދޭޝްގެ މީހުން އެތެރެކުރުމާއި އަދި އެތެރެވާ މީހުންގެ ކަންކަން ހެދިފައިވާ ގާނޫނުތަކާއި ، ގަވާއިދުތަކާ އެއްގޮތަށް ބެލެހެއްޓެމުން ނުދިއުމުގެ ސަބަބުން ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެތަކެއް މައްސަލަތަކަކީ މިއަދު މިގައުމު އެކަމާ ކަންބޮޑުވާން ޖެހިފައިވާ ކަމެކެވެ. ނަމަވެސް ގަބޫލުކުރާންޖެހޭ ހަގީގަތަކީ ބަވަނަވެފައިވާ މިދުނިޔޭގެ އަވަށެއްގެ ގޮތުގައި މިރާއްޖެ އޮންނަ ކަމުގައިވާނަމަ ރާއްޖޭގެ ގާނޫނުތަކާއި ޚިލާފުނުވާ ގޮތުގެ މަތީން ރާއްޖެއަށް ކިތަންމެ ބިދޭސީންނެއް ވަދެނުކުމެ އުޅުނު ކަމުގައި ވީނަމަވެސް އެކަމާމެދު ކުރާނެ ކަމެއް ހަމަގައިމުވެސް ނޯންނާނެކަމެވެ. މިއަދު ރާއްޖެމިވަނީ ހުޅުވާލެވިފައެވެ. މިގައުމަށް ހިންހަމަ ޖައްސާލުމަށާއި ، ވިޔަފާރި ކުރުމަށާއި މަސައްކަތްކުރުމާއި މިނޫންވެސް ކިތަންމެ ކަމެއްގައި ބިދޭސީން ވަދެނިކުމެ ވާނެކަމީ މިގައުމުގެ ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާންޖެހޭނެ ކަމެކެވެ. މިގޮތުން އަންނަމީހުންނަކީ ކޮންދީނެއް، ކޮން ނަސްލެއް ،ކޮންކުލައެއްގެ މިހެއްތޯ ބަލައި ވަކިތަފާތެއް ނުކުރެވޭނެއެވެ. އެހެނީ ރާއްޖެއަކީ ބައިނަލްއަގްވާމީ ދުނިޔޭގެ މެންބަރެކެވެ. އިންސާނީ ހައްޤުތަކާބެހޭ ދުނިޔޭގެ ގޮނޑިއެއް ފުރަމުން ގެންދާ ގައުމެކެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި ހެދިފައިވާ ގަވާއިދުތައް އެހެންވެސް ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސް ތަންފީޒުކުރާން ޖެހޭނެއެވެ.
މިހާރަކަށް އައިސް އިދިކޮޅު ފަރާތްތަކުން މިސަރުކާރު ވައްޓާލުމަށް ކުރަމުންގެންދިޔަ ގިނަމަސައްކަތްތައް ލާހޫރި ވިއްސިވިހާލިވެ ، ކާމިޔާބު ނުވެގެން ދިއުމުން އެމީހުންގެ މެދުގައިވެސް އުފެދުނު ހަމަނުޖެހުންތަކާއި ގުޅިގެން އިދިކޮޅު ޕާޓީތައް ރޫޅިގެންދާ މަންޒަރު މިދަނީ ފެންނަމުންނެވެ. އާންމުންގެ މެދުގައި އިދިކޮޅު ލީޑަރުންނަށްއޮތް ތާއީދުގެ ކަންފުޅެއްވެސް އޮތްނަމަ އެކަންވެސް ގެއްލި މިސަރުކާރުގެ ސިޔާސަތުތަކަށް އެކީ އެއްފަހަރާ އެންމެންހެން ތާއީދުކުރާންފަށައި މިއަދު ގެންނާންފެށި އިގްތިސާދީ ބަދަލުތަކާއި ގުޅިގެން ގައުމަށް ލިގިގެން އަންނާން ކުރިއެރުންތަކުގެ ސަބަބުން ރައީސް ނަޝީދަށާއި އެމްޑީޕީއަށް ކުރިމަގުގައި އޮންނާން ތާއީދު ވިސްނި މިއަދު ދެން އިތުރަށް ތިމާމެންގެ ވިދުވަރުދެމެހެއްޓޭން ނެއްކަން އެނގުމުން މިއަދު އިދިކޮޅު ފަރާތްތަކުން އެތިބީ ތެދުބަހުން ދަންނަވާނަމަ ރޭރުވެފައެވެ. މިރަމަޒާން މަހާ ދިމާކޮށް ރާއްޖޭގެ ބާޒާރު ގަރަނބު ކޮށްލައި އެބުނާހެން ރައްޔިތުން ހަނާކޮށް ރަތަށް އަރުވަން އިދިކޮޅު ފަރާތްތަކުން ކުރިހައި މަސައްކަތެއް ފެއިލުވެގެން ދިޔުމުން ދެން އިތުރަށް ކުރާނެ މާގިނަ ކަންކަމެއް މިހާރަކުދެން އިދިކޮޅު މީހުންނަކަށް ނެތެވެ. ފަހަރެއްގައި އެކިނަން ނަމުގައި އޮޅުވާލައިގެން ރިސޯޓުތަކަށް އެތެރެކުރި އެއްގަމުއުޅަނދު އެތެރެކުރިހެން ބައެއް ޗޫޗޫ މެން ވަގަށް ހަތިޔާރު އެތެރެ ކޮށްފައި ހުރިނަމަ އެތަކެތި ހިފައިގެން ނުކުމެ ތެޅިގަތުމާ ، ރާއްޖޭގެ މިނިވަންކަން ބޭރުގެ ނުފޫޒެއްގެ އަތްމައްޗަށް އެއްލާލުން ނޫންގޮތެއް މިހާރަކު އިދިކޮޅު މީހުންނަކަށް ނެތެވެ. ބޮޑު މަހުޖަނު އެހައްދުވަހު ކުރި ސިޔާސީ ކައިވެނިވެސް އެދިޔައީ ހަނީމޫނު ނުނިމެނީސް ވަޔަށް އަރައިގެންނެވެ. އެހެންކަމުން މިވެރީންގެ މިހާރުގެ ހާލަތަކީ އެމީހުންގެ ދުޝްމަނުންވެސް އެމީހުންނާއި މެދުގައި ހަމްދަރުދީ ވާންޖެހޭފަދަ ހާލަތެކެވެ. ސިޔާސީގޮތުން މިއަދު ހަރަކާތްތެރިވެ ބޮޑުބަސްބުނާއަޑު އިވެނީ އިދިކޮޅު ފަރާތްތަކުގައި އެތިބަ ސިކުނޑި ހަމަނޫންކަމުގައި ގިނަބަޔަކު އެބުނެއުޅޭ ރޯނުއެދުރު މާތޮޑާއާއި ، ނަވާރަމިލިއަންއިން ދަރައިގެން އެނުދެއްކިގެން ހަމަބުއްދި ފިލައިގެން އުޅޭ މަހުޖަނު ކަހަލަ ދެތިން މީހެކެވެ. އެކަމަކު މިހެން ދަންނަވާއިރުވެސް ވަކިޗެނަލަކުން ފޮނުވާ މަންކީ ޑޮންކީ ޕްރެސެންޓުކުރާ ޕުރޮގުރާމުންނާއި އެޗެނަލުން ލާރިދީގެން އާދޭސްކޮށްގެން އެއަރުވާ ބުއްރާސްކަލޯ މެންކަހަލަ މީހުން ނާއި ދުނިޔޭގައި ތިބި އެންމެ ފުންނާބުއުސް އިގްތިސާދީ މާހިރުންނަކީ ތިމަންނާމެންނޭ ހީކޮށްގެން އަރައިތިބެ އުކުނޑި ކޮށްޓާ މީހުން މިއަދުވެސް ރޮމުން ކަރުނަ އަޅަމުން ނަމަވެސް އެއްޗެކޭ ބުނެލެވޭތޯ ބަލާކަން ހަނދާނެއް ނުނެތެއެވެ.
އިދިކޮޅު ފަރާތްތަކަށް މިއަދު ރައީސްނަޝީދު ކުރިއަށް އެކުޅުއްވަނީ ކިތައް ކުޅިކަމާއި އަދި އެއިން ކޮންމެ ކުޅިއަކީ މިގައުމަށް އުފާފާގަތިކަމާއި ރައްޔިތުންނަށް ފުދުންތެރިކަން ގެނުވާނެ އެހެނަސް އިދިކޮޅު ފަރާތްތަކުން އުންކާރުދީގެން ރާވަމުން ގެންދާ ކޮންމެ ނުބައި ރޭވުމެއް ވަތަކުތޯ ޖައްސާލާނެ ކުޅިޔެއްކަން މިއަދު ޔަގީންވެ ކުރިއަށްއޮތް ދައުރު ކީއްކުރަން މިކަހަލަ ކިތަންމެ ދައުރެއްގައިވެސް އެމީހުން ތިބޭންޖެހޭނީ ބޮލުރޮދި ކެނޑިފައިކަން ޔަގީންވާތީވެ މިއަދު އެފަރާތްތަކުގެ އަމާޒުއެހުރީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ދުނިޔޭގެ ބާރުގަދަ ، ނުފޫޒުގަދަ ގައުމެއްގެ ދަށަށް ދިވެހީންގެ މިނިވަންކަން އެއްލާލުމުގެ ނިޔަތެވެ. އެގޮތުން މިހާރު ސައްވީސް ގަޑިއިރު އެމީހުންގެ ޗެނަލުތަކުންނާއި މިނޫންވެސް ބަހެއް އިއްވޭ ކޮންމެ ދިމާލަކުން އެގެންދަނީ އަޅުގަނޑުމެންނާއި އެންމެ އެކުވެރި އަދި އެހީތެރިކަން ދެމުން ، ޒަމާނުއްސުރެ ގެންދާ އުތުރު ކަރައިގެ ނަން ޚަރާބުކޮށް އިންޑިޔާގެ ސަރުކާރާއި އެނޫންވެސް އެގައުމުގެ ފަރާތްތަކަށް ނިސްބަތްކޮށް ހިތުހުރި އެއްޗެއް ގޮވަމުންނެވެ. އިންޑިޔާއަކީ އެންމެ ކައިރީގައި އޮތް ނިއުކްލިއަރ ބާރެއްގެ އިތުރުން ކޮންމެ ވަގުތެއްގައިވެސް އެންމެ އަވަހަށް ރާއްޖެއަށް އެހީތެރިވެދޭ ގައުމު ކަމުގައި ވާތީވެ ޚާރިޖީގޮތުން ރާއްޖެއާއި އިންޑިޔާއާއި ދެމެދު މައްސަލަތަަކެއް އުފެއްދޭތޯ މިއަދު އިދިކޮޅު ފަރާތްތަކުން ފާޅުގައި ގުޅިގެން އެގެންދަނީ މަސައްކަތް ކުރަމުންނެވެ. އެމީހުން އެހީކުރަނީ އެމީހުން އެގޮވާ އެތިވަރުތަކާއި އެއަޅުވާ ބަދުނާމުތައް ވަގުތުން ވަގުތައް އިންޑިޔާއިން ބަލަމުން ދާނެކަން އެނގިތިބެ އޭގެސަބަބުން މައްސަލަތަކެއް އުފެއްދުމެވެ. މިކަމައް މޭރުންވާގޮތަށް މޮޔަޔަކު ލައްވާ ޗޫޗޫމެން މިހާރު އެގެންދަނީ ފިލުމުވެސް އުފައްދަމުންނެވެ. ކިހާވަރަކުން ދާނެބާވައޭ ހިތައްއަރައެވެ