ނޫސް ބަޔާން: އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ނާޒިމް ރަޝާދަށް ރޭ ބަޔަކު ދިން ހަމަލާ ކުށްވެރިކުރުން

mdp-logo-original

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ނާޒިމް ރަޝާދަށް، ރޭ، ބަޔަކު ދީފައިވާ ނާތަހުޒީބު އަނިޔާވެރި ހަމަލާ މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
މި ޕާޓީން ދެކޭ ގޮތުގައި ނާޒިމް ރަޝާދަށް، ދީފައިވާ ހަމަލާ އަކީ ރާވައިގެން ހިންގާފައިވާ ރަހުމްކުޑަ، އަނިޔާވެރި، ފިނޑި އަމަލެކެވެ. ނާޒިމް ރަޝާދުމެން ފަދަ، ފާހަގަކޮށްލެވޭ ޝަޚްސިއްޔަތުތަކުގެ ސިޔާސީ ދުޝްމަނުން އިތުރުވަމުން ދިއުމަކީ އިންސާނީ ތަޖުރިބާ ދައްކާފައިވާ ޙަގީގަތެކެވެ. އަދި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަން ހިނގަމުންދާ އުސޫލެވެ. ނަމަވެސް އެ ފަދަ ގައުމުތަކުގައި ވެސް ސިޔާސީ ގޮތުން ފުންނާބު އުސް މިފަދަ ޝަޚްސިއްޔަތުތަކަށް ރަހުމްކުޑަ، ނާތަހުޒީބު ހަމަލާ ދިނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ، ދަށު ދަރަޖައިގެ އަމަލެކެވެ.
މިޕާޓީން ދެކޭ ގޮތުގައި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާވައިގެން ހިންގަމުން މިދާ ފިނޑި ޢަމަލުތަކަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިޚްލާސްތެރި މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރަމުންދާ އަގުހުރި މަސައްކަތްތަކަށް ހުރަސްއަޅައި އެބޭފުޅުންނަށް ބިރުދެއްކުމަށް ޤަސްދުގައި ހިންގަމުން ގެންދާ ނާތަހުޒީބު ޢަމަލުތަކެކެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން، މި ފަދަ ފިނޑި ޢަމަލުތައް، ކިތަންމެ ވަރަކަށް ތަކުރާރުކުރަމުން ގެންދިޔަ ނަމަވެސް ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކޮށް، ފައްކާކުރުމަށް އެމްޑީޕީގެ ލޮބުވެތި މެންބަރުން ކުރަމުންދާ ބުރަ މަސައްކަތަށް ކުޑަވެސް ލޮޅުމެއް، މަޑުޖެހުމެއް ނާންނާނޭ ކަމުގެ ފުރިހަމަ ޔަގީންކަން މި ޕާޓީގެ މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތިރައްޔިތުންނަށް އަރުވަމެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ވެސް، އިދިކޮޅު ފަރާތްތަކަށް ފުރިހަމަ ޑިމޮކްރަސީގެ ނަމޫނާދައްކަވާ އާރުކާޓީންގެ ގޮތުގައި ދެމިތިބުމުގައި ތިޔަ ދައްކަވަމުން ގެންދަވާ ނަމޫނާގައި ސާބިތުވެ ތިއްބަވައި، އެމްޑީޕީން ރާއްޖެއަށް ގެނައި ޑިމޮކްރަސީ ފައްކާކޮށް އެ ޑިމޮކްރަސީގެ ފޮނިމީރުކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުން މަތީ ދެމިތިބުމަށް މިޕާޓީގެ ލޮބުވެތި މެންބަރުންނަށް މި ޕާޓީގެ ޗެއަރޕާސަން އިލްތިމާސްކުރައްވައެވެ.
އަދި ހަމަ މި ފުރުސަތުގައި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން، ސިޔާސީ ދެބަސްވުންތައް ހައްލުކުރުމަށް މަސައްކަތްކޮށް، ސުލްހައިގެ މަގު ޚިޔާރު ކުރުމަށް ރާއްޖޭގެ ސިޔާސީ ފަރާތްތަކަށް މިޕާޓީން އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް