ސިޓީ ކައުންސިލަރުން އިތުރުކޮށް ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުކުރުމަށް އިދިކޮޅު ފަރާތްތަކުން ލާ މަރުކަޒީ ގާނޫނަށް ގެންނަން އުޅުނު ބަދަލުތައް ބާޠިލްވެއްޖެ

އިބްރާހީމް ރާމިޒް

majlis-mdp-450-x-301

ސިޓީ ކައުންސިލަރުން އިތުރުކޮށް ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުކުރުމަށް އިދިކޮޅު ފަރާތްތަކުން ލާ މަރުކަޒީ ގާނޫނަށް ގެންނަން އުޅުނު ބަދަލުތައް ބާޠިލްވެއްޖެއެވެ.
އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ތަސްދީގުނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ، މި ބިލު ބާތިލްވެފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ތާއީދުކުރެއްވި ހުށަހެޅުން ކަމުގައިވާ ބިލް އޮތްގޮތަށް ފާސްކުރައްވަން ފެނިވަޑައިނުގަންނަކަމަށް މަޖިލީހުން ނިންމެވުމުންނެވެ. ހުށަހެޅުން ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 37 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާ 33 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެ އެވެ.
ތަސްދީގު ނުކުރައްވައި އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް އެ ބިލު ފޮނުއްވާފައި ވަނީ، ގާނޫނުގައި ބުނާ ބައެއް ކަންތަކާއި، ބިލުގައި ބުނެފައިވާ ބައެއް ކަންތައްތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށް ވިދާޅުވެއެވެ. އެ ގޮތުން. ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލާއި، ރަށު ކައުންސިލާއި، އަދި އަވަށު ކައުންސިލްގެ ބާރުތައް ވެސް ތަޢާރަޒްވާ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް، ސިޓީކައުންސިލް އުފެއްދުމުގެ ބާރު ލިބިދީފައިވާ ނަމަވެސް، ފަހުގެ އިސްލާޙްތަކާއެކު ބިލު ތަސްދީގުކުރައްވައިފި ނަމަ އެބާރު ހަނިވެގެންދާ ކަމަށާއި، އެކަމުގެ ސަބަބުން ގާނޫނުތަކާ ތައާރަޒުވެގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އިއްޔެގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ އިބްތިދާއީ ބަހުސް ފަށްޓަވައި ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާފައިވާ، ބިމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވާފައިވެ އެވެ.
މީގެއިތުރުން ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެ އެވެ.