މެންބަރުންގެ ޚިޔާލު: ގައުމެއްގެ ހާލަތު ބަދަލުކުރެވޭނީ؟

ފުނަމާ

blackfriday1

މީގެ 10 ވަރަކަށް އަހަރުކުރީން މިއިސްލާމީ މުޖުތަމައުގެ ތެރޭގައި މިގައުމުގެ ހާލަތު މިގައުމުގެ އަފުރާދުން ބަދަލުކުރުމަށް މަސައްކަތް ކުރުމުން މެނުވީ ﷲވެސް މިގައުމުގެ ހާލަތު ބަދަލެއް ނުކުރައްވާނެތޭ މީހަކު އާންމުތަނެއްގައި ބުނެލައިފިނަމަ އެއިރުގެ ވެރިކަމުގެ ކުރިމަތީގައި އެމީހަކުވާނީ ސިޔާސީ ކުށްވެރިއަކަށެވެ.
ސަރުކާރާ ރައްޔިތުންނާ ދެމެދު ފިތުނަކޮށް ސަރުކާރު ވައްޓާލާން ވާހަކަ ދައްކާ މީހެއްކަމުގައި ލޭބަލް ކުރެވިގެން އެމީހަކަށް ޝަރީއަތުން ނިޔާއިއްވައި އަރުވާލައި ނުވަތަ ޖަލުގައި ބަންދުކުރުމުގެ ކުރީންވެސް އެތަކެއް ލާއިންސާނީ އަނިޔާތަކެއް ދޭނެއެވެ. ނަމަވެސް އެއަނިޔާވެރި ދުވަސްތައް ނެތިކޮށްލުމަށް ރައްޔިތުން ނުކުމެ ކުޅަ މިންނަތް މަސައްކަތްތަކުގެ ސަބަބުން މިއަދު ރާއްޖެ މިވަނީ ބަދަލުކޮށްފައެވެ. މިއަދު މިނިވަންކަމާއެކު ބަސްބުނެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެން ޝާމިލުކޮށް މިވަނީ ލިބިދީފައެވެ. ގާނޫނުއަސާސީއިން އެތަކެއް ހައްގުތައް މިވަނީ ކަށަވަރު ކޮށްދީފައެވެ. ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ރައްޔިތުންނަށް ހައްގުތައް ލިބިދީފައިނުވާ މިންވަރަށް މިއަދުގެ ގާނޫނުއަސާސީގައި ރައްޔިތުންގެ ހައްގުތައް ލިޔެވި ފެންނާން އެބައޮތެވެ. ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި މިހައްގުތައް ލިބިދިނުމަށް ހަދާންޖެހޭ ގާނޫނުތައް ނުހަދައި ދިގުދެންމުމުގެ އެޖެންޑާއެއް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު ފަރާތްތަކުން ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުން ހައްގަކީ ކޮބައިކަން މިއަދުމިވަނީ އޮޅިފައެވެ. ތިމާގެ ހައްގާއި އަނެކާގެ ހައްގު މުޑިއަރާ އިމެއްނެތި ލިބިފައިވާ ހައްގުތަކެއްގެ ބޭނުން އެމީހަކުކުރާނެ ގޮތަކަށް ކުރަމުން ގެންދިއުމުގެ ސަބަބުން އެންމެބޮޑެތި ކުށްވެރީންވެސް މިނިވަންކަމާއެކު މުޖުތަމައުގެ ތެރޭގައި މިނިވަންވެ ތިބެވޭނެމަގު މިވަނީ ފަހިކޮށްދީފައެވެ. މިކަމަކީ ނޭނގޭ ކަމެއް ނޫނެވެ. އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ މިގައުމަށް މިބަދަލު ގެނައި މީހުންނާއި މިބަދަލުތައް ނައްތާލުމެވެ. މިކަމުގައި އެމީހުން ނުފޮރޮޅާ އެންމެ ގާފުކެއްވެސް މިގައުމުގައި ބާއްވާކަށް ބޭނުމެއް ނުވެއެވެ.
ކޮންމެ ގައުމެއްގައިވެސް އެގައުމެއް އިސްލާހުކޮށް ކުރިއެރުވުމުގެ އެންމެބޮޑު ޒިންމާއެއް ކޮނޑުގައި އެޅިފައި ތިބޭއެއްބަޔަކީ އެގައުމެއްގެ އިލްމުވެރީންނެވެ. ޚާއްސަކޮށް އިސްލާމީ ގައުމެއްގައިނަމަ އިސްލާމީ އިލްމުވެރީންނެވެ. އެބޭފުޅުންނަކީ ﷲގެ ހަޒުރަތަށް ބިރުވެތިވާ ހާލު އެބޭފުޅުންނަށް ލިބިވަޑައިގެން ތިއްބެވި މަތިވެރި އިލްމުގެ ބޭނުން އަމާނާތްތެރި ކަމާއެކު އަދާކުރުމުގައި ސާބިތުވެ ތިބޭންޖެހޭނެ ބައެކެވެ. މުޖުތަމައުގެ އާންމު އެހެން މީހުންނާއި ތަފާތު ގޮތެއްގައި ގަދަރާއި އިޙްތިރާމް ލިބިގެންވާ ބައެކެވެ. މުޅިމުޖުތަމަޢުގެ އެންމެންނަށް ހެޔޮ ނަސޭޙަތް ދިނުމާއި ގައުމުގެ ވެރީންނަށް މަގުދައްކާ ބައެއް ކަމުގައި އެބޭކަލުން ވާންޖެހޭނެއެވެ. ނަމަވެސް މުޖުތަމައުގެ ބައިބައިވުންތަކާއި ހަމަނުޖެހުންތަކުގެ ތެރޭގައި ވަކިފަރާތަކަށް މިފަދަ އިލްމުވެރީން ޖެހިތިއްބަވާނަމަ އެފަދަ ފަރާތްތަކާމެދު މުޖުތަމައު ދެކޭގޮތް އިސާހިތަކު ބަދަލުވެ ދިއުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އަދި މިގޮތައް މިކަންވާނަމަ އެމުޖުތަމައެއް ފަސާދަވެ ދިއުމަކީ ނުހަނު ކައިރި ކަމެކެވެ.
މިއަދު އިސްލާމްދީން ބަލިކަށި ކޮށްލުމަށް ޣައިރު މުސްލިމުން ބޭނުންކުރާ އެންމެވަރުގަދަ ހަތިޔާރަކީ ފިކުރީ ހަތިޔާރެވެ. ކުރަނީ ފިކުރީ ހަނގުރާމައެވެ. މިސާލަކަށް މިއަދު މުސްލިމުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރުމަށް ބައެއް ގައުމުތަކުން އެކުރާ މަސައްކަތް ތަކަށް ބަލާލަމާތޯއެވެ. މިހާތަނަށް ހުޅަނގު އެމީހެއްދެކެ އެންމެ ބިރުގަންނަ މީހެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ގޮސްފައިވަނީ އުސާމާ ބިން ލާދިން އެވެ. އުސާމާ އުސާމާއަކަށް ހެދީ ކޮންބައެއްހެއްޔެވެ؟ މެދުއިރުމަތީގައި ބާރުގަދަ ގައުމުތަކުގެ ހަންފެތުރުމަށް އިސްލާމީ ގައުމުތަކާއި އިދިކޮޅަށް އިސްނަގައި ތެދުވުމަށް އުސާމާއަށް ބާރުދިނީ ކޮންބައެއް ހެއްޔެވެ؟ އެންމެފަހުން އެމީހުންގެ އަތްނުފޯރާ މިންވަރަށް އުސާމާގެ ބާރުގަދަވެ މުޅިދުނިޔެއަށް އޭނާއަކީ ބިރެއްކަމުގައި ވެގެން ދިޔައިރު ޚަރާބުވެގެން މިދިޔައީ އިސްލާމީ އުންމަތެވެ. ޓެރަރިސްޓުންގެ ލޭބަލް މުސްލިމުންގެ ނިތުކުރީގައި ޖެއްސީ ހަމަ އުސާމާއަށް ވާގިދިން މީހުންނެވެ. މިއަދުވެސް މިފަދަ ނެޓުވޯކުތައް ގާއިމުކޮށް އެހީތައް ދީގެން އިސްލާމީ ގައުމުތަކުގެ މެދުގައި ހަމަނުޖެހުންތައް އުފައްދައި އިސްލާމުންގެ މެދުން އަނިޔާވެރިކަން ދައްކައިދީގެން މުޅިއިސްލާމީ އުންމަތް ޚަރާބުކުރުމަށް އެގެންދަނީ މަސައްކަތް ކުރަމުންނެވެ. ހުސްނީ މުބާރިކާއި ، ގައްޒާފީފަދަ މީހުން އެގައުމުތަކުގައި ވަކިހިއްފައިގެން ތިބީ ކޮންބައެއްގެ ބާރެއްގައި ހެއްޔެވެ؟ މިއަދު އެމީހުން ނައްތާލަން ނުކުމެ އެތިބީވެސް ހަމައެމީހުންނަށް ވާގިދީގެން ތިބިމީހުންނެވެ. މިއަދު މިރާއްޖެއަށް ބަލާލިޔަސް ބައެއްމީހުން ތަންތަނަށް އަރައި އިއްޔެ އެމީހުން އެއަނިޔާވެރި މީހެއްގެ ކިބައިން ސަލާމަތް ނުވެވިގެން އުޅުނު މީހާގެ ވެރިކަމާ ޚުލަފާއުއް ރާޝިދީންގެ މައުމޫނީ ޚިލާފަތުގެ ވެރިކަމާ އެއްހަމަ ކުރަމުން ގެންދާނަމަ މަސައްކަތް އެކުރަނީ ކޮންނިޔަތެއްގައި ބާވައޭ ސުވާލު އުފެދެއެވެ. ކުރުދީންގެ އެތައް ލައްކަ މީހުން ރަހުމެއްނެތި މަރާލި ސައްދާމާއި ސޮލާހުއްދީނުލް އައްޔޫބީއާއި އެއްވަރުކުރުމަށް އުޅުނަކަސް މީހުން އެކަމެއް ގަބޫލެއް ނުކުރާނެއެވެ. ނަމަވެސް މިނިވަންކަމާއެކު މިގައުމު މިގޮތުގައި ދެމިއޮތުމަށް މިކުރާ މަސައްކަތް ނައްތާލައި ބޭރުގެ ބާރުތަކަށް މިގައުމުގެ މަށްޗަށް ވެރިވެ ގަތުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދީނުގެ ޖުއްބާތަކެއް ލައިގެން ބަޔަކު މަސައްކަތް ކުރުމުގެ ފުރުސަތު ދީގެން ނުވާނެއެވެ. ސައްދާމަށް އެހީތެރިވެ ދީގެން މޮޅުހަތިޔާރު ދީގެން އެގައުމުގެ ރައްޔިތުން މަރައި އަވަދިކޮށް އެންމެފަހުން ސައްދާމު ނިންމާލުމުގެ ނަމުގައި އިރާގަށް ހުޅަނގުން އެރިއެވެ. އަފުޣާންއަށްވެސް އެރީ ހަމަމިގޮތަށެވެ. އެމެރިކާއާއި ބައިވެރީން އަފުޣާންއަށް އެރީ އެމީހުން އުފެއްދި ޓެރަރިސްޓު ޖަމާއަތުގެ ވެރިމީހާ ހިފުމުގެ ނަމުގައެވެ. އެހެންކަމުން މިކަމަކީ އަޅުގަނޑުމެން މިއަދު ވިސްނައި ތިބޭންޖެހޭނެ ކަމެކެވެ. މިއަދު މުޅިދުނިޔޭގެ ސަފުގައި މިފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ފައިހަމަ ކުރަމުން ގެންދާ ގެންދިއުމަކީ ބައެއް މީހުން ގަބޫލުނުކުރާނެ ކަމެެއްކަން އެނގިތިބޭން ޖެހޭނެއެވެ. ގައުމު އިސްލާހުކުރުމަކީ ގައުމު ކުރިޔަށް ގެންދިއުމަށް ހުރަސްއަޅައި ފިތުނައަށް މަގުފަހިކުރުން ކަމުގައި ގަބޫލުކުރުމަކީ ހަމަޖެހޭ ކަމެއްނޫނެވެ. މިކަންކުރާމީހުން އެކި ސިފައިގައި ތިބެގެން ނަމަވެސް އެކުރާ މަސައްކަތް ތަކަކީ މިގައުމު އިސްލާހު ކުރުމަށް ކުރާ މަސައްކަތެއް ނޫނޭ ދަންނަވާން ޖެހެއެވެ. ހާލަތެއް ބަދަލުކުރެވޭނީ ބަދަލުގެނެސް އެބަދަލު ދަމަހައްޓައިގެންނެވެ. އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ ހާލަތު ބަދަލުކުރާންޖެހޭ ދުވަހެއް ކަމުގައި ހަދާން އުޅުމަކީ އިސްލާހު ގެނައުން ކަމުގައި ބަލައިގެން ނުވާނެތާއެވެ