3 ޖޫން 2010
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގައުމީ އިއްތިހާދު ޕާޓީއާއެކު ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދީ އެޕާޓީގެ ބާނީ ކަމަށްވާ މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ޑރ.މުސްތަފާ ލުޠުފީ އަކީ ހެޔޮވެރިކަމަކަށް މަސައްކަތްކުރައްވާ ބޭފުޅަކަށް ވާތީ ކަމުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
އެމްއެންބީސީގެ ޓީވީއެމް އިން ގެނެސްދޭ ކިއުއެންޑްއޭ ވިތު މިޤްދާދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެވެސް މެންބަރު ޑރ.ޑީޑީ ވިދާޅުވީ އެމްޑީޕީން ގައުމީ އިއްތިހާދާއެކުވެފައިވާ އެއްބަސްވުން ރަސްމީކޮށް އުވާލަން ނިންމީ ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރު ތަކުރާރުކޮށް ފާޅުގައި ދިވެހި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދިއުމާ ގުޅިގެން ދެޕާޓީގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ގައުމީއިއްތިހާދުން ޚިލާފްވެ އެ އެއްބަސްވުން އުވާލާފައިވާ ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ޤަބޫލުކުރެވުމުން ކަމަށެވެ.
ޑރ.ޑީޑީ އިތުރަށް ވިދާޅުވީ އެއްވެސް އެއްބަސްވުމަކީ އެއްފަރާތުން އިޙްތިރާމްޖެހޭ އެއްޗެއް ނޫންކަމަށާއި، އެމްޑީޕީ އާއި ގައުމީ އިއްތިހާދާއި އެކު އެއްބަސްވެފައިވާ ފަދައިން ކެބިނެޓްގެ 3 މަޤާމް ގައުމީ އިއްތިހާދަށް އަދާކުރެވޭގޮތަށް ހަމަޖައްސާފައިވާ ކަމުގައެވެ. އެގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީ ގައި ތިއްބެވީ ގައުމީ އިއްތިހަދަށް ނިސްބަތްވާ ބޭފުޅުން ކަމަށާއި، އޭގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ވެސް ކެބިނެޓްގައި ބަހުސްކޮށް ވޯޓުދެވޭ ގޮތަށް އޮންނަ ކެބިނެޓްގެ މަޤާމަކަށްވާތީ ގައުމީ އިއްތިހާދަށް ކެބިނެޓްގެ 3 މަޤާމް ލިބިފައިވާކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
މިޕްރޮގްރާމްގައި އެމްޑީޕީގެ ފަރާތުން ދެން ބައިވެރިވެވަޑައިގެންނެވި އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިނޭންސް އެންޑް ޓްރެޜަރީ އަސްލަމް ޝާކިރު ވިދާޅުވީ އެމްޑީޕީއާއެކު ގައުމީ އިއްތިހާދު ޕާޓީން ވެފައިވާ އެއްބަސްވުން އެޕާޓީން ފުނޑާލުމަށްފަހު ހެޔޮވެރިކަމަކަށް ވާގިވެރިވުމުގެ ބަދަލުގައި ގައުމީ އިއްތިހާދު ޕާޓީން ބެލީ ހެޔޮވެރިކަމުގެ ދުޝްމަނުންނަކީ އެޕާޓީގެ އިސްވެރިންގެ އައުވާނުންގެ ގޮތުގައި ކަމަށެވެ.
ބުދަދުވަހުގެރޭ ބޭއްވި ކިއު އެންޑްއޭ ޕްރޮގްރާމްގައި ނެގި ވޯޓުގައި މި ދެޕާޓީގެ މެދުގައި ވެފައިވާ އެއްބަސްވުމާ ފުރަތަމަ ޚިލާފްވީ ގައުމީ އިއްތިހާދު ޕާޓީން ކަމަށް 60 އިންސައްތަ ބެލުންތެރިން ބުނެފައިވެއެވެ. އަދި ގައުމީ އިއްތިހާދު ޕާޓީއަށް ނިސްބަތްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރ ވަނީ އެމްޑީޕީގެ މެނިފެސްޓޯއަށް ވަރަށް ބޮޑަށް ތަޢުރީފްކޮށްފައެވެ.