ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނާއި އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެދެޤައުމުގެ އިސް ވެރިންނަށް ތަހުނިޔާ ފޮނުއްވައިފި

ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޢާޞިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ސައްޔިދު ޔޫސުފް ރަޒާ ގިލާނީއަށް، އަދި އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސާ ޕްރަތީބާ ދޭވީސިންހް ޕާޓިލަށާއި، ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެ ބޭބޭފުޅުންނަށާއި، އެދެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހުގެ މުނާސަބަތުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަހަކީ، އޯގަސްޓް މަހުގެ 14 ވަނަ ދުވަހެވެ. ޕާކިސްތާނަށް މިނިވަންކަން ލިބިފައިވަނީ 1947 ވަނަ އަހަރުއެވެ.

އިންޑިޔާގެ މިނިވަން ދުވަހަކީ، އޯގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. އިންޑިޔާއަށް މިނިވަންކަން ލިބިފައިވަނީވެސް 1947 ވަނަ އަހަރުއެވެ.