ސަރުކާރުންނާއި ދައުލަތުން ކުރެއްވި ހުރިހާ ޚަރަދެއް ހަފްތާއަކު އެއްފަހަރު ޝާއިޢު ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep1

އަންނަ މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއްފަހަރު، އެ ހަފްތާއެއްގައި ސަރުކާރުންނާއި ދައުލަތުން ކުރެއްވި ހުރިހާ ޚަރަދެއް ޝާއިޢު ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދައުލަތުގެ މާލީ އަދި އިޤްތިޞާދީ އިޞްލާޙުގެ އިފްތިތާޙީ ދަރުބާރުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، ދިވެހި ރައްޔިތުންގެ މިލްކެކެވެ. ދިވެހިރާއްޖޭގެ ވިޔަފާރިވެރިން އުފައްދާ މުއްސަނދި ކަމެކެވެ. އެހެންވީމާ، އެމުއްސަނދިކަމާއި އެފައިސާ، ދިވެހި ދައުލަތަށްޓަކައި، ދިވެހި ސަރުކާރުން ބަލަހައްޓަވަމުން ގެންދަވަންޖެހޭނީ، އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ކުރައްވާ ޚަރަދުތަކުގެ ތެރެއިން، އެއްވެސް ޚަރަދެއް ރައްޔިތުންނަށް ނޭނގި ބާއްވަވާކަށް ބޭނުންފުޅުނުވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރަށް ލިބިވަޑައިގަންނަވާ ހުރިހާ ފައިސާއެއް ޚަރަދު ކުރައްވަމުން ގެންދަވާނީ، ރައްޔިތުންނަށްޓަކައި ކަމަށާއި، އެކަން ސަރުކާރުން ކުރައްވަމުން ގެންދަވާނީ، ވަރަށް ސާދާކޮށް، ވަރަށް ސާފުކޮށް ރާއްޖޭގެ ރައްޔިތުންނަށް އެކަންކަން އެނގެމުންދާ އުޞޫލެއްގެ މަތިން ކަމުގައި ވިދާޅުވިއެވެ. ދައުލަތަށް ލިބޭ އެއްޗަކުން ކުރާ ޚަރަދެއް، މުސްތަޤިއްލު މުއައްސަސާތައް މެދުވެރިކޮށް ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް ވިދާޅުވެ، އެ އާދަ އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނެވުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އެ އާދަ އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނެވުމަކީ، މި ސަރުކާރަށް އުނދަގޫ ކަމަކަށް ވެދާނެ ކަމަށާއި، އެހެން ނަމަވެސް، އަންނާންހުރި ސަރުކާރުތަކަށާއި، އުފަންވާން އޮތް ދިވެހި ޖީލަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހި ދައުލަތުގެ އެއްވެސް އެއްޗަކީ، އެއްވެސް ވެރިއެއްގެ އެއްޗެއް ނޫނެވެ. އެއީ ރާއްޖޭގެ ޤާނޫނުތައް ބަޔާންކުރާ ގޮތުގެ މަތިން، ރާއްޖޭގެ އެންމެހާ ރައްޔިތުން ހެޔޮގޮތުގައި ބޭނުންކުރާންހުރި ތަކެއްޗެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޓެކްސްގެ ފައިސާއިން ކުރުމަށް ނިންމާފައި ހުރި ކަންކަން ފެންނާން އެބަހުރި ކަމާއި، އޭގެތެރޭގައި، ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތެއް ފޯރުކޮށްދިނުމާއި، ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުމާއި، ރައްޔިތުންނަށް ރިވެތި ބޯހިޔާވަހިކަމެއް ހޯދައިދިނުން ހިމެނޭކަން ހާމަކުރެއްވިއެވެ. އަދި ފަސޭހަކަމާއެކީގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމާއި، އަޅުގަނޑުމެންގެ ދަރިން ޑްރަގްގެ ޝިކާރައަކަށްވެ ނުދިޔުމާއި، ކާބޯތަކެތީގެ އަދި ދިރިއުޅުމުގެ އަގަކީ، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ފުއްދޭނެ ގޮތަކަށް ހަމަޖެހިފައި ހުރި އަގުތަކަކަށްވުން ހިމެނޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޓެކްސްގެ ނިޒާމު ތަޢާރުފްވެފައިވަނީ، ވަރަށް ބޮޑެތި ހައިޖާނުގެ ތެރޭގައި ކަމަށާއި، ވިޔަފާރިވެރިންނާއި، ޢާންމު ރައްޔިތުންނާ، ދެފަރާތް މޫނުކެނޑި، ކިތަންމެ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ޤައުމުތައް ވެއްޓިގެންދާ ހިސާބުގައި ކަމަށް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް ޓެކްސްގެ ނިޒާމް ތަޢާރުފް ކުރުމުގައި، ވާހަކަ ދައްކައިގެން ޙައްލު ކުރެވެންހުރި ކަންކަން ޙައްލުކޮށްގެން، އެކައްޗެއް ކިޔައިގެން ނުކުމެ، ރާއްޖެ ތަރައްޤީ ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ ކިބައިގައި އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މާލީ އަދި އިޤްތިޞާދީ އިޞްލާޙުގެ އިފްތިތާޙީ ދަރުބާރުގައި، މާލީ އަދި އިޤްތިޞާދީ އިޞްލާޙު ފޮތް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނެރުއްވައިދެއްވިއެވެ.

މި ދަރުބާރުގައި، މާލީ އަދި އިޤްތިޞާދީ އިޞްލާޙާބެހޭ ޕްރެޒެންޓޭޝަނެއް ދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއެވެ. އެމަނިކުފާނުގެ އިތުރުން، މިދަރުބާރުގައި ސަންލޭންޑް ޓްރެވަލްގެ ބޯޑް ޑިރެކްޓަރ ޙުސައިން ޙިލްމީއާއި، މަޓީގެ ޗެއަރމަން ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙަންމަދު ޢުމަރު މަނިކާއި، މަޓީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް މުޙަންމަދާއި، އަމިއްލަ ވިޔަފާރިވެރިއެއް އަދި ފިލަންތްރޮޕިސްޓެއް ކަމަށްވާ މުޙަންމަދު ވަޙީދުއްދީންވެސް ވާހަކަފުޅު ދެއްކެވިއެވެ. މިހުރިހާ ބޭފުޅުންވެސް ސަރުކާރުގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތަށާއި، ޓެކްސްގެ ނިޒާމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. މިބޭފުޅުންގެ އިތުރުން، ދަރުމަވަންތަ ސްކޫލްގެ ކެޕްޓަން މުޙަންމަދު ނާއިފްވެސް މިދަރުބާރުގައި ވާހަކަ ދެއްކިއެވެ.