ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވާ ދެ ބޭފުޅުންނަށް މަޖިލީހުން ރުހުންދެއްވައިފި

މި 2 ބޭފުޅުންނަށް ރުހުންލިބިވަޑައިގަތީ އިދިކޮޅު ޑީއާރުޕީން ރުހުން ނުދޭނޭ ކަމަށް ބުނެފައިވަނިކޮށް

އިބްރާހީމް ރާމިޒް

ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި، މަޖިލީހަށް ފޮނުވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވާ ދެ ބޭފުޅުންނަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 28 ވަނަ ޖަލްސާގައި ރުހުންދީފިއެވެ.
މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 74 މެންބަރުންގެ ތެރެއިން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝެނަލް ސެކިއުރިޓީގެ މަޤާމަށް މ.އަރާރޫޓްވިލާ އަލްފާޟިލް ޠަލްޙަތު އިބްރާހީމްކަލޭގެފާނު ހުންނެވުމަށް ފެނިވަޑައިގަންނަވާކަމަށް 50 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ 24 މެންބަރުންނެވެ. އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމަށް ގ. ދަތުގޭ ޑޮކްޓަރ އިބްރާހީމް ދީދީ ހުންނެވުމަށް 40 މެންބަރުން ވޯޓު ދެއްވިއިރު 35 މެންބަރުން ވޯޓު ދެއްވީ ފެނިވަޑައިނުގަންނަވާކަމަށެވެ.
މި 2 ބޭފުޅުންނަށް ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން ބައެއް އަމިއްލަ މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ޑީއާރުޕީގެ މައުމޫނަށް ވަފާތެރި ފެކްޝަނުން ޑރ.ޑީޑީ އާއި ތަލްހަތާއި 2 ބޭފުޅުންނަށް ވެސް ރުހުން ނުދިނުމަށް ނިންމާފައިވާ އިރު، ޑީއާރުޕީން ނިންމާފައިވަނީ ޑރ.ޑީޑީއަށް ރުހުން ނުދިނުމަށެވެ.

މިއަދުގެ ޖަލްސާގައި ޕާޓްނަރޝިޕްގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކޮށް، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އެ ބިލު ވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާގެ ވަގުތު ހަމަވެގެން ރިއާސަތުން ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށް ގެންގޮސްފައިވަނީ ބިމުގެ ބިލުގެ ބަހުސްއެވެ.