އެމްޑީޕީގެ އިދާރީ ހިންގުން ލާމަރުކަޒީ ކުރުމަށް ޕްރޮވިންސް ސެކްރެޓޭރިއަޓްގެ އޮފީސްތައް ގާއިމްކުރުމަށް ނިންމައިފި

ޓެކްސްގެ ނިޒާމަށް އާންމުން އަހުލުވެރިކުރުވުމަށް އެމްޑީޕީން ދޮރުން ދޮރަށް ކެމްޕެއިންކުރަނީ

އިބްރާހީމް ރާމިޒް

mdp-chair-meeting-province

އެމްޑީޕީގެ އިދާރީ ހިންގުން ލާމަރުކަޒީ ކުރުމަށް އެ ޕާޓީގެޕްރޮވިންސް ސެކްރެޓޭރިއަޓްގެ އޮފީސްތައް ގާއިމްކުރުމަށް ނިންމައިފިއެވެ.
މިއަދު މެންދުރުފަހު އެމްޑީޕީގެ މައި ސެކްރެޓޭރިއަޓްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޕްރޮވިންސް ރައީސުންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ބެއްލެވުމުގެ ދަށުން 7 ޕްރޮވިންސް ގައި ވެސް އެމްޑީޕީގެ ޕްރޮވިންސް އޮފީސް ގާއިމްކުރުމުގެ މަސައްކަތްކުރިޔަށް ގެންދާ ގޮތަށް ހަމަޖެއްސެވިއެވެ. އަދި، މި މަހުގެ 25 ވަނަ ދުވަހު ބާއްވާ ގޮތަށް ތާވަލުކޮށްފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 93 ވަނަ ޖަލްސާ އަށް އެ ޕާޓީގެ އިސްލާޙްކުރެވިފައިވާ ގޮފި ގަވައިދާއި، ދާއިރާ ހިންގުމުގެ ގަވައިދާއި، ޕްރޮވިންސް ހިންގުމުގެ ގަވައިދު އެޖެންޑާކުރުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ އިޤްތިޞާދީ އިސްލާހީ އެޖެންޑާއަށް ތާޢީދުކޮށް، އެ ހަރަކާތަށް އާންމު ރައްޔިތުންގެ ތާޢީދު އިތުރުކޮށް، ޓެކްސްގެ ނިޒާމަށް އަހުލުވެރިކުރުވުމުގެ ގޮތުން މިއަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދޮރުން ދޮރަށް ހިނގާ ގޮތަށް އެމްޑީޕީން ހަމަޖައްސާފައިވާ ކަމަށް ވެސް އެ ޕާޓީގެ ޗެއަރޕާސަން ވިދާޅުވިއެވެ.
މި އަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި ޕްރޮވިންސްތަކުގެ ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ.