ބޮޑު ތިލަދުންމަތީގެ ބޮޑު މަންޒަރު ޖަލްސާ އަކީ އުއްމީދީ ޚަބަރުތަކެއް ލިބިގެންދިޔަ ޖަލްސާ އެއް – އެޑަމް

އިބްރާހީމް ރާމިޒް

bodu-tiladhunamati1

ހޮނިހިރު ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި “ބޮޑު ތިލަދުންމަތީގެ ބޮޑު މަންޒަރު” ގެ ނަމުގައި ބޭއްވި ޚާއްސަ ޖަލްސާ އަކީ ވަރަށް އުއްމީދީ ޚަބަރުތަކެއް ލިބިގެންދިޔަ ޖަލްސާ އެއް ކަމަށް އެމްޑީޕީ މަތިއުތުރު ޕްރޮވިންސްގެ ރައީސް އާދަމް ނަސީރު (އެޑަމް) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މިއަދު މައުލޫމާތުދެއްވަމުން އެޑަމް ވިދާޅުވީ މި ޖަލްސާއިން ލިބުނު އުއްމީދީ ޚަބަރުތަކުގެ ތެރޭގައި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ބަނދަރުކުރާ ގޮތަށް ހަމަޖެހިފައިވާ ސާރކްފެރީ އާއި، ހަނިމާދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުން ހިމެނޭ ކަމަށެވެ.
އެޑަމް އިތުރަށް ވިދާޅުވީ މި ޖަލްސާ އަކީ މަތިއުތުރު ޕްރޮވިންސްގެ ދާއިރާތަކުގެ ރައީސުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ބޭއްވި ޖަލްސާ އެއް ކަމަށާއި، މިފަދަ އިތުރު ޖަލްސާތަކެއް އިތުރު ވަޒީރުން ބައިވެރިކޮށްގެން މާލޭގައި ކުރިޔަށް ގެންދާނޭ ކަމަށާއި، އެ ޕްރޮވިންސްގައި މިފަދަ ޖަލްސާތައް ބޭއްވުމުގެ އިންތިޒާމްތައް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.
” މި ޖަލްސާ އަށް ވަކި ފަރާތަކުން ޚަރަދުކުރިކަމަށް ދައްކާ ވާހަކަ އާއި، އެ ޖަލްސާ އަކީ ވަކި ފަރާތެއް ޕްރޮމޯޓްކުރުމަށް ބޭއްވި ޖަލްސާ އެއް ކަމަށް ވިދާޅު ބަޔަކު އެހެއްދެވީ ވަރަށް ބޮޑު އިތުރުފުޅެއް. ޖަލްސާގެ ހުރިހާ އިންތިޒާމްތަކެއް ގޮނޑިޖެހުމާއި، ބެނާރ ތައްޔާރުކުރުމާއި، މި ހުރިހާ ކަމެއްވެސް ކުރީ އަޅުގަނޑުމެންގެ ޕްރޮވިންސްގެ ދާއިރާތަކުގެ ރައީސުން. މި އީ ސަތޭކަ ޕަސެންޓް އެބޭފުޅުންގެ މަސައްކަތް” އެޑަމް ވިދާޅުވިއެވެ. ” މި ޖަލްސާއަށް ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވެސް ދައުވަތުދިނިން. އަދި އެ ބޭފުޅުން ދައުވަތު ގަބޫލުކުރައްވައި، ޖަލްސާގައި ވާހަކަފުޅުދައްކަވާނެ ކަމަށް ވެސް ވިދާޅުވި. ފަހުން އެ ބޭފުޅުން ވަޑައިނުގެންނެވީ. މި ފުރުސަތުގައި ޖަލްސާ އަށް ވަޑައިގެންނެވިތީ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަހީދަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން”
އެޑަމް އަދި ވިދާޅުވީ މި ފަދަ އިތުރު ޖަލްސާތައް ބޭއްވުމަށް މި ޖަލްސާގެ ސަބަބުން ހިއްވަރުލިބިގެން ހިނގައްޖެ ކަމަށާއި، ބޮޑުތިލަދުން މައްޗަށް ހުރި މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށް ފުޅާ ދާއިރާއެއްގައި ޚިޔާލުފާޅުކުރުމުގެ ފުރުސަތު މި ފަދަ ޖަލްސާތަކުން ލިބިގެންދާ ކަމަށެވެ.
މި ޖަލްސާ އަކީ ކާމިޔާބު ޖަލްސާ އެއް ކަން ފާހަގަކުރައްވަމުން އެޑަމް ވިދާޅުވީ ” މި ފަހަކަށް އައިސް އެމްޑީޕީ ހަރުގޭގައި ބޭއްވި އެންމެ ކާމިޔާބު އެއް ޖަލްސާ މިއީ. އެންމެ ގިނަ އަދަދެއްގެ ބަޔަކު މި ފަހުގެ ތާރީޚެއްގައި ހަރުގެ އަށް ހާޒިރިވި އެއް ޖަލްސާއަށް މި ޖަލްސާ ވާނޭ” ކަމަށެވެ.