ނޭވާހޮޅިއަށް އެޅިފައިވަނިކޮށް ރާއްޖޭގެ އިގްތިޞާދު އާދިރުމަކަށް

ފަހަލަސަޢީދު

president-nasheed

އެއްވެސް ވިސްނުމެއްނެތި އާދައިގެ ފިހާރަގަނޑެއް ހިންގަމުންދާގޮތަށް މުދާ ދަރަންޏަށް ދޫކުރި މީހުންގެ މަތީން ހަނދާން ނައްތާލާފައި، އުޅެނިކޮށް ބަނގުރޫޓްވެ ފިހާރަނެގި ހާވާފައި ހުރި ހަޑިތައް ބޭޒާރުވާތީ އެކަންކަން ފޮރުވޭނެ ގޮތެއް އޮތްތޯ ނުބަލާނީ ކާކު ހެއްޔެވެ. މިޒަމާނުގެ ޓެކްނޮލޮޖީއާ އެއްގޮތަށް ފިހާރަ ހިންގަން އެނގޭބަޔަކު އައުމުން ފިހާރަ އޯވަހޯލްކޮށް ދަރާފައިވާ ދަރަނީގެ މިންވަރުހޯދާ ދަރަންޖެހުނު ސަބަބުތައް ބަލާ ގެއްލިގެންދިޔަ ބައި އަލުން ހޯދުމުގެ މަސައްކަތް، މިއަދު މިފެންނަނީ މެކުހަށް ޖަހާފައި ހުއްޓައެވެ. ކުރިން ފިހާރަހިންގި މީހުން އެމީހުންގެ އަމިއްލަ ފައިދާ އިސްކުރުމުގެ ސަބަބުންނާއި ސޭޓުން ވައްކަންކުރުމުގެ ސަބަބުން ބަނގުރޫޓުވެފައިވާކަން މުޅި ހިސާބުގަނޑު އެންމެންނަށް އެނގި އެކަން ރަގަނޅުކުރުމަށް ހިސާބުގަނޑުގެ އެންމެން މަޝްވަރާކޮށް ހޯދިފައިވާ ވިސްނުންތަކުގެ އަލީގައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމުގެ ސަބަބުން މިހާރު އެވަނީ ފިހާރަ ކާމިޔާބުކަމާއެކު ހިނގަންފަށާފައެވެ.
ފިހާރައިގެ ވިޔާފާރި ރަނގަޅުވާނަމަ ހިސާބުގަނޑު މީހުންގެ ދިރިއުޅުމުގެ ހާލަތުވެސް ރަނގަޅުވާންވާނެއެވެ. ފިހާރައިން މިހާރުވެސް ލިބެމުންދާ ޚިދުމަތުގެ ފެންވަރު ކުރިއާ އަޅާބަލާއިރު އެތައްތަނަކުން އެވަނީ މަތިވެފައެވެ. ކުރީގައި ފިހާރަ ހިންގަމުން ދިޔައީ ދުނިޔޭގައި އުވާލެވިފައިވާ ފަލްސަފާއެއްގެ މައްޗަށް ކަމުން އެފަލްސަފާގެ އަހުލުވެރިންނަކީ މިހާރުގެ މިޖީލު ބަލައިގަންނަ ބަޔަކަށް ނުވޭމެއެވެ. ނަމަވެސް އެބައިމީހުން އަދިވެސް އެފަލްސަފާ ރަނގަޅުކަން ހިސާބުގަނޑު މީހުންނަށް ދައްކަން އެބަ ހިއްވަރުކުރެއެވެ. އެހެނަސް މިފަދަޒަމާނެއްގައި ހިސާބުގަނޑުގެ މީހުންނަށް އޮޅުވާލުމަކީ އުނދަގޫ ކަމަކަށް ވާނެ ނޫންތޯއެވެ. ރާއްޖޭގެ ވެރިކަމުގެ ހައިބަތު ބޮޑުކަމުންނާއި، ސަރުކާރުގެ ކަންކަން ވަކިބަޔަކަށް މެނުވީ ނޭނގުމާއި، ދައުލަތް ހިންގުމަކީ ސިއްރުކަމެއްގެ ގޮތުގައި އޮތުމާއި، މިހިރަ މިހިރަ ބާތިލް ފަލްސަފާތަކުގެ ސަބަބުން ގައުމުއޮތީ ނިއުޅާލިއިރު ހަތްތަނުން ކައިފައެވެ. މަރުޙޫމް ނާސިރު ވެރިކަން ދޫކުރައްވާފައި ވަޑައިގަތުމުން އެމަނިކުފާނާ މުޚާތަބުކޮށް ވިދާޅުވީ އިބުރާހިމް ނާޞިރަކީ ބޮޑުވަގެއް ކަމުގައެވެ. އަނިޔާވެރިއެއް ކަމުގައެވެ.
މަކަރަކުން ދިވެހިވެރިކަން ފޭރިގަތުމަށް ފަހު މިމަނިކުފާނުގެ ޢިއްޒަތާ ގަދަރާ ހައިބަތު އުފުލުނު ހިސާބުގެ ވާހަކަ ދެންނެވުމަކީ އަޅުގަނޑަށް ވާވަރުގެ ކަމެއްނޫނެވެ. ފާޑަކަށް ބުނަންޏާ ދަޢުވާ ކުރައްވަނީ އިލާހުވަންތަ ކަމަށޭ ވެސް ބުނެފާނެއެވެ. ޚުޝާމަދުކުރުމާ ސަނާކިއުން ވެގެންދިޔައީ ގައުމީ ވާޖިބަކަށެވެ.
ކޮންމެ އަކަސް އޭރުގެ ވެރިން ތިބީ ރައްޔިތުންގެ މާލިއްޔަތަށް ދަހިވެތިވެ ތުންފަތުގައި ދޫކާއްތާލަ ކާއްތާލައެވެ. އެހެންކަމުން ރާވައިގެން، މިވެރިންނަށް މިލިބުނު ޚަޒާނާ ވަކިބަޔަކު އިސްވެތިބެ ދިޔައީ ކަމުންނެވެ. ރައްޔިތުން ތިބި ޙާލެއް ބަލާ ރައްޔިތުންނަށް އަޅާލުމުގެ އެއްވެސް ވިސްނުމެއް އެއިން އެކަކުގެ ކިބައިގާވެސް ނެތީއެވެ. މިކަންކަން މިއަންގައިދިނީ މިހާރުގެ ރައީސެވެ. ވެރިޔަކު ވެރިކަމުގެ ހުވާކުރުމަށްފަހު އަވަސް ވެގަންނަން ޖެހޭނީ ފަގީރުން ގެ ޙާލަތު ރަނގަޅު ކުރަމަށެވެ. އެގޮތުން ތަފާތު ބައްލަވާށެވެ. މިހާރުގެ ރައީސް އެންމެ ފުރަތަމަ ރުފިޔާވެސް ދެއްވީ މުސްކުޅިވެ ގައިބާރުގޮސް އަޅާލާނެ ޔާރެއް އިޔާރެއް ނެތް ނިކަމެތީންނަށް ހިލޭބޭސް ފަރުވާ ދިނުމާ ކާންބޯން ދިނުމަށެވެ. ނުކުޅެދޭމީހުންނާ ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާ، އެކަނިވެރީން އުފާކޮށް ދިނުމަށެވެ. ހެޔޮވިސްނުމަކުން ވިސްނާލެއްވުމުން މެނުވީ މިކަންކަމުގެ އަގު ވަޒަންކުރާކަށެއް ނޭނގޭނެއެވެ.
އުފާވާކަމަކީ ބޮޑާކަމެއްނެތް ރައީސަކު ލިބުނުކަމެވެ. ރައްޔިތުންގެ ޒަރޫރީބޭނުންތަކަށް އިސްކަންދެއްވާތީއެވެ. އުފާވާ އަނެއްކަމަކީ ރައްޔިތުން ޙާލުގައި ތިއްބާ ރައްޔިތުންނަށް އެހީތެރިނުވެ، ދައުލަތުގެ އެހެން އެއްވެސް ކަމެއް ނުކުރައްވާނޭ ކަމުގެ ފުރިހަމަ އިތުބާރު ރައްޔިތުންނަށް އޮތުމެވެ. ރައްޔިތުންދެކެ ލޯބިވާ ވެރިޔަކު ރައްޔިތުން ހަނާވަމުންދަނިކޮށް ރައްޔިތުން ދަރުވާފައި 200މިލިއަން ރުފިޔާގެ ގަނޑުވަރަކަށް ވަންނާނެތޯއެވެ. އަދި އެގަނޑުވަރުގެ ޚަރަދަށް ދުވާލަކު ފަސްލައްކަ ރުފިޔާ ހޭދަކުރަން ކެރޭނެތޯއެވެ. ރާއްޖެތެރޭގައި ދުވާލަކު އެއްފަހަރު ކައިގެންއުޅޭ އެތައް ސަތޭކަ ރައްޔިތުންގެ ޙައްގު ކޮބާތޯއެވެ.
ކަންމިހެން ހުރިއިރު އަނެއްކާވެސް ރައްޔިތުންދެކެ ލޯބިވާކަމަށް ބުނެ ރައްޔިތުންގެ ކުރިމައްޗަށް އަރަން ކެރޭނީ ލަދުގެ ކަންފުޅެއްވެސް އަމުދުން ނެތީމައެވެ.