ރައީސުލްޖުމްހޫރިއްޔާއަށް އޮސްޓްރޭލިއާއިން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި

2 ޖޫން 2010

australia-welcomes-hep

ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑްގެ ދަޢުވަތަކަށް، އޮސްޓްރޭލިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަތިންދާ ބޯޓުން ފައިބައިވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ އޮސްޓްރޭލިއާގެ ގަވަރނަރ-ޖެނެރަލް ކުއެންޓިން ބްރައިސްއާ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އެންތަނީ ބަރންއެވެ. އެއަށްފަހު 21 ބަޑީގެ ސަލާމެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ދެޤައުމުގެ ޤައުމީ ސަލާން ކުޅެނިމުމުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބޮޑުވަޒީރު ކެވިން ރަޑާއި، ގަވަރނަރ ޖެނެރަލް ކުއެންޓިން ބްރައިސްއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުގެ އިސްވެރިންނާއެކު ވާހަކަފުޅުތައް ބާއްވަވައި، ކެންބަރާގައި ކިޔަވަންތިބޭ ދިވެހި ކުދިންނާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.
australia-maldives
އޮސްޓްރޭލިއާއަކީ ރާއްޖެއަށް ވަރަށް ގިނަ އެހީތަކެއް ދެމުން އަންނަ ޤައުމެކެވެ. މިގޮތުން، މި އަހަރުގެ މާޗް މަހު ރާއްޖޭގައި ބޭއްވުނު މޯލްޑިވްސް ޑޯނަރ ކޮންފަރެންސްގައިވެސް އޮސްޓްރޭލިއާ ސަރުކާރުންވަނީ ރާއްޖެއަށް އެހީތެރިކަންދެއްވާނެކަން އިޢުލާން ކުރައްވާފައެވެ.