2 ޖޫން 2010
މާލޭ ސަރަޙައްދަށް ކަރަންޓް ސަބްސިޑީ މިހާރު ދެއްވަމުން ގެންދެވުމާއެކު، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ރައްޔިތުންގެ ކަރަންޓް ބިލްތަކަށް ސަބްސިޑީ ދެއްވުމުގެ ކަންތައް މިއަހަރުގެ ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ހަމަޖެއްސެވުމަށާއި، އެކަން ހަމަޖެހެންދެން، އެ ސަރަޙައްދުތަކުގެ ކަރަންޓް ބިލްތަކަށް މިހާރު އިތުރުކުރެވިފައިވާ މިންވަރު، އެ ސަރަޙައްދުތަކުގެ ރައްޔިތުން ދައްކަވަން ނުޖެހޭގޮތަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން މިގޮތަށް ހަމަޖެއްސެވީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދެއްވާ ސަބްސިޑީގެ މަސައްކަތަށް އެހީތެރިވެދެއްވުމަށާއި. ހަލުވިކަމާއެކު އެމަސައްކަތް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޓާސްކް ފޯހުން އެކަން އެގޮތަށް ހަމަޖައްސަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމާ ގުޅިގެންނެވެ. އަދި ޓާސްކްފޯހުން ލަފާދެއްވާފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ރައްޔިތުންގެ ތެރެއިން ސަބްސިޑީ ދެވޭނެ ފަރާތްތަކަކީ ކޮބައިތޯ ބައްލަވައި، އެފަރާތްތަކުގެ ބިލަށް ސަރުކާރުން ދެއްވާ މިންވަރު ކަނޑައަޅުއްވައި، މި އަހަރުގެ ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން އެކަން އިޢްލާނު ކުރެއްވުމަށެވެ.
މިގޮތަށް ނިންމެވުމުން، މި އަހަރުގެ އެޕްރީލް މަހުން ފެށިގެން މިދެންނެވި ބިލްތަކަށް ފައިސާ ދައްކަވާފައިވާ ފަރާތްތަކަށް، އިތުރަށް ނެގިފައިވާ ޢަދަދު، ޔުޓިލިޓީ ކުންފުނިތަކުން ކަނޑައަޅުއްވާ އުޞޫލެއްގެ މަތިން ކުރިއަށްއޮތް މަސްތަކުގައި ހެދޭ ބިލްތަކުން އުނިކުރެއްވުމަށްވަނީ ނިންމަވާފައެވެ. މިދެންނެވި ބިލްތަކަށް މިހާތަނަށް ފައިސާ ނުދައްކަވާ ފަރާތްތަކުގެ ބިލް ބަލައިގަންނާނީ، އެބިލްތަކަށް އިތުރުވި ޢަދަދު އުނިކުރެއްވުމަށްފަހުއެވެ.
މިގޮތަށް ނިންމެވީ، ކަރަންޓުގެ އަގަށް ބަދަލުގެނެވިފައިވާ ގޮތްތައް އިތުރަށް ބައްލަވައި ދިރާސާ ކުރެއްވުމަށް ބޭނުންފުޅުވާތީއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެނެގަނެ، އެފަރާތްތަކުގެ ކަރަންޓު ބިލްތަކަށްވެސް ހެޔޮބަދަލެއް ގެންނަވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން، މާލެ، ވިލިގިނލި، ހުޅުމާލޭގެ ކަރަންޓު، ސްޓެލްކޯއިން ހަމައަގަށް ގެނައުމުން، އާންމު ރައްޔިތުން އުފުލަން ޖެހިފައިވާ ދަތިތަކަށް ޙައްލު ހޯދުމަށް ޓާސްކްފޯހުން ގޮތެއް ނިންމަވައި، އެ ނިންމެވި ގޮތް މިހާރުވާނީ އިޢްލާނު ކުރައްވާފައެވެ.