2 ޖޫން 2010
ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް ޤައިދީން ގެނައުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އެއްބަސްވެވަޑައިގެންފައިނުވާ ކަމަށް، އެމަނިކުފާނާ ޙަވާލާދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ކޯޑިނޭޓަރ ފޮރ ކައުންޓަރ ޓެރަރިޒަމް އެމްބެސެޑަރ ޑެނިއަލް ބެންޖަމިންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ގުއަންޓަނާމޯބޭ ޖަލުގައި ހައްޔަރު ކޮށްފައި ތިބި ބައެއް މީހުން ރާއްޖެއަށް ބަދަލުކުރެއްވުމާ ބެހޭގޮތުން އެމްބެސެޑަރ ބެންޖަމިން، ނައިބު ރައީސާ މަޝްވަރާ ކުރެއްވިއެވެ. އެހެން ނަމަވެސް، މިއީ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު ނޫނީ ގޮތެއް ނިންމެވޭނެ މައްސަލައަކަށްނުވާތީ، އެކަމަށް ވަކިއެއްޗެއް ވިދާޅުވެވޭނީ، ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާފައި ކަމަށް އެމްބެސެޑަރ ބެންޖަމިން އަރިހުގައި ނައިބު ރައީސްވަނީ ވިދާޅުވެފައެވެ. ގުއަންޓަނާމޯބޭ ޖަލުން މީހުން ގެނައުމަށް އެއްވެސް ހާލެއްގައި ނައިބު ރައީސް އެއްބަސްވެވަޑައިގެންފައި ނުވާނޭ ކަމަށް އެމަނިކުފާނު ކަށަވަރުކޮށްދެއްވައެވެ.
ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެދަތުރުފުޅު ނިންމަވައި ރާއްޖެ ވަޑައިގަތުމަށްފަހު، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީފުޅެއް ފޮނުއްވިއެވެ. މިސިޓީފުޅުގައި، ކަމާބެހޭ ވުޒާރާއަކާ މަޝްވަރާ ކުރައްވައިގެން މިކަމާމެދު ޢަމަލު ކުރައްވަން ފެނިވަޑައިގަންނަވާ ގޮތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަވައި ދެއްވުމަށް ވަނީ ދަންނަވާފައެވެ. އެހިސާބުން ފެށިގެން މިމައްސަލައާ އެއްވެސް ގޮތަކުން ނައިބު ރައީސް ބެހިވަޑައިގެންފައެއް ނުވެއެވެ.
ކުރީގެ ސަރުކާރުގައި ވެރިކަން ކޮށްފައިވާ ބައެއް މީހުންގެ ފައިސާ، ބޭރުގެ ބައެއް ޤައުމުތަކުގައި ހުރި ކަމަށް ތުހުމަތު ކުރެވޭތީ، އެފައިސާ ރާއްޖެއަށް ގެނައުމާ ބެހޭގޮތުން އެމެރިކާ ސަރުކާރުގެ އެއްވެސް ފަރާތަކާ ނައިބު ރައީސް މަޝްވަރާ ކުރައްވާފައެއް ނުވެއެވެ.
ނައިބު ރައީސް ބަދުނާމުވާ ގޮތަށް އަދި ކަމުގެ ޙަޤީޤަތް އޮޅޭފަދަ ގޮތްގޮތަށް މިފަދަ ވާހަކަތައް އެކިފަރާތްތަކުން ދައްކަވަމުން ގެންދަވާތީ، އެކަމާ ނައިބު ރައީސް ވަރަށް ހިތާމަ ކުރައްވައެވެ. އަދި މިފަދަ ކަންކަމުގައި، ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ، އެކަމުން ޤައުމަށް އެކި ނުރައްކާތައް ކުރިމަތިވެދާނެ އަދި ބޭރު ފަރާތްތަކުގެ ކުރިމަތީގައި ސަރުކާރުގެ ޤަދަރު ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ނައިބު ރައީސް ދެކެވަޑައިގަންނަވައެވެ.