ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވާނެ

1 ޖޫން 2010

president-departs

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑްގެ ދަޢުވަތަކަށް، އޮސްޓްރޭލިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބޮޑުވަޒީރު ކެވިން ރަޑާއި، ގަވަރނަރ ޖެނެރަލް ކުއެންޓިން ބްރައިސްއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުގެ އިސްވެރިންނާއެކު ވާހަކަފުޅުތައް ބާއްވަވައި، ކެންބަރާގައި ކިޔަވަންތިބޭ ދިވެހި ކުދިންނާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިއާއަށް މިކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ޚަރަދުގެ ބޮޑުބައި ހަމަޖައްސަވައިދެއްވަނީ އޮސްޓްރޭލިއާ ސަރުކާރުންނެވެ. ދިވެހި ސަރުކާރުން ކުރެއްވުމަށް ހަމަޖެހިފައިވާ ޚަރަދަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، އޮސްޓްރޭލިއާއަށް ވަޑައިގަތުމާއި އެނބުރިވަޑައިގަތުމުގެ ޓިކެޓް ޚަރަދެވެ.
ޑިޕްލޮމެޓިކް ޕްރޮޓޮކޯލަށް ބަލާއިރު ފުރަމާނަ ދަތުރުފުޅަކީ، ޤައުމުތަކުގެ އެންމެ މަތީ ވެރިން އެއް ޤައުމުން އަނެއް ޤައުމަށް ކުރައްވާ އެންމެ ޝަރަފްވެރި ދަތުރުފުޅެވެ. މިފަދަ ދަތުރުފުޅުތައް ޢާންމު ގޮތެއްގައި ކުރައްވަނީ ޚާއްޞަ ކަންތައްތަކާ ގުޅުވައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިފަދަ މުހިންމު ދަތުރުފުޅުތަކުން، ދުނިޔޭގެ މުހިންމު މައްސަލަތަކުގައި ރާއްޖޭގެ ބަސްވިކޭ މިންވަރާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މުހިންމުކަން އިތުރުވެފައިވާ މިންވަރު ހާމަކޮށްދެއެވެ.
ރާއްޖޭގެ މާލީ ހާލަތަށް ކުރިމަތިވެފައިވާ ދަތިކަން ކުޑަކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޤައުމުން ބޭރަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުތައް ކުރެއްވުން މަދުކުރައްވާނެ ކަމުގައި 2009 ވަނަ އަހަރުގެ ސެޕްޓެމްބަރމަހު ރައީސުލްޖުމްހޫރިއްޔާވަނީ އިޢުލާން ކުރައްވާފައެވެ. މިކަން އިޢުލާން ކުރެއްވުމާ ގުޅިގެން، އެކުވެރި ވަރަށް ގިނަ ދައުލަތްތަކުންވަނީ ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރެއްވުމަށް ހަމަޖެހިފައިވާ ވަރަށް ގިނަ ދަތުރުފުޅު ކުރެއްވުމަށް އެހީތެރިކަން ދެއްވާފައެވެ.
މި ގޮތުން 2009 ވަނަ އަހަރުގެ އޮކްޓޯބަރމަހު ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ އިންޑިޔާ ސަރުކާރުންނެވެ. އަދި މިދިޔަ އަހަރު ޑިސެމްބަރުމަހު ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވީ ޔޫރަޕިއަން ޔޫނިއަނުންނާއި އ.ދ.އިންނެވެ. މިއަހަރުގެ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ޤައުމުން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ޖެނުއަރީމަހު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅާއި، އެންމެފަހުން އެމަނިކުފާނު މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ އެޤައުމުތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުންތައް އިންތިޒާމް ކުރެއްވި ފަރާތްތަކުންނެވެ. އަދި މި އަހަރުގެ އޭޕްރީލްމަހު ދެކުނު ކޮރެއާއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ޚަރަދުގެ ބޮޑުބައެއް ދެއްވާފައިވަނީ އ.ދ.އިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޤައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަކީ، ރާއްޖެއަށް ވަރަށްގިނަ ފައިދާތަކެއް އެކަމުން ލިބިގެންދާ ދަތުރުފުޅުތަކެކެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި، ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމާއި، ބޭރުގެ އެހީތެރިކަން ރާއްޖެއަށް ލިބުމުގެ މަގުތައްފަހިވެގެންދެއެވެ.
މި އަހަރުގެ މާޗް މަހު ރާއްޖޭގައި ބޭއްވުނު މޯލްޑިވްސް ޑޯނަރ ކޮންފަރެންސްގައި އޮސްޓްރޭލިއާ ސަރުކާރުންވަނީ ރާއްޖެއަށް އެހީތެރިކަންދެއްވާނެކަން އިޢުލާން ކުރައްވާފައެވެ.