ބަންގްލަދޭޝް ހައިކޮމިޝަނުން އިންތިޒާމް ކުރައްވައިގެން ރޭ ބޭއްވެވި ޘަޤާފީ ހަވީރެއްގައި ރައީސް ބައިވެރިވެވަޑައިގެންފި

1 ޖޫން 2010

ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން އިންތިޒާމް ކުރައްވައިގެން ރޭ ދަރުބާރުގައި ބޭއްވެވި ޘަޤާފީ ހަވީރެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
ބަންގްލަދޭޝްގެ ޘަޤާފީ ނެށުމާއި، ތަމްސީލާއި ލަވަ ދައްކައިދިން މި ޙަފްލާ ބޭއްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ބަންގްލަދޭޝްއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ޘަޤާފީ ރޮނގުން ގުޅުން ބަދަހިކުރުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރުން ހިމެނެއެވެ. ބަންގްލަދޭޝްއަކީ ރާއްޖެއާ ހުރިހާގޮތަކުންވެސް ވަރަށް ރަޙްމަތްތެރި ޤައުމެކެވެ. އެހެންކަމުން، މިފަދަ ހަރަކާތްތައް ގިނަގިނައިން ބޭއްވުމަކީ، ބަންގްލަދޭޝްއާއި ރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި އިންސާނީ އަދި ޘަޤާފީ ގުޅުންތައް އިތުރަށް ބަދަހިކޮށް ތަރައްޤީ ކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅުތަކެކެވެ.
ރޭގެ މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ބައެއް ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.