ހަނދާންތައް އާކޮށް އާއަޒުމެއްް ކަނޑައަޅާން ޖެހެއެވެ.

ފުނަމާ

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް އަޅުގަނޑުމެންނާއި ކުރިމަތިލައި ފަސްދީ ދަނީއެވެ. ބުއްދިވެރީންނަކީ މިމައްސަރުގެ ފުރިހަމަ ފައިދާ އެންމެ ހެޔޮގޮތުގައި ލިބިގަތުމުގައި ދެމިތިބޭ މީހުންނެވެ. މިމަހާގުޅިފައިވާ އެންމެހާ ހާދިސާތަކުން އިބުރަތް ލިބިގަނެ ކުރިމަގު ބައްޓަންކުރާ މީހުންނެވެ. މިމައްސަރަކީ އިސްލާމީ އުންމަތުގެ ކޮންމެ ފަރުދަކަށް އެތަކެއް ފިލާވަޅުތަކެއް ލިއްބައިދެނިވި އެތަކެއް ހާދިސާތަކެއް ހިނގާފައިވާ މައްސަރެކެވެ. ކީރިތި ގުރުއާން ބާވައިލައްވަން ފެއްޓެވުމުން މިމައްސަރު މާތްކުރަށްވައި ހަމައެހެންމެ އިސްލާމުންނަށް މިމައްސަރުގައި އެތަކެއް ނަސުރު ދެއްވާފައިވޭމެއެވެ. ހަމައެހެންމެ އެއްހާސް މައްސަރައްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް މިމައްސަރުގައި ވާކަންވަނީ އަންގަވާފައެވެ. ބަދުރު ހަނގުރާމައާއި މައްކާ ފަތަހަ ކުރެއްވުންފަދަ މުހިންމު ކިތަންމެ ކަމެއްގެ ހަނދާންތައް މިމައްސަރާ ގުޅިފައިވޭމެއެވެ.
މީގެ ސާދަގަރުނުގެ ކުރިއަށް ވިސްނުން ދޫކޮށްލާއިރު ފެންނަމުންދިޔައީ ބާރުގަދަ މީހުންގެ މުށްދަށުގައި ދުނިޔެ އޮތްތަނެވެ. ތަނަވަސްކަމުގެ އަހުލުވެރީންނަކީ ވެރީންނެވެ. ނިޔާއަކީ އެމީހުންގެ ފިކުރެވެ. އެމީހުންނަށް ފައިދާހުރި ކޮންމެ ކަމަކީ ނިޔާއެވެ. ނިކަމެތީންނަކީ އެއްވެސް ހައްޤެއް ލިބިފައިނުވާ އަޅުންނެވެ. މިއަދުގެ ދުނިޔޭގައި އިންސާނުން އެކަންކަމާ އެއްބަސްނުވާނެ ބޮޑެތި އަނިޔާތައްއޮތީ އާންމުވެފައެވެ. މީހުންގެ މުދަލުގެ ހައްގަކީ ކޮބައިކަމެއް އަނެކާގެ މިނިވަންކަމަކީ ކޮބައި ކަމެއް އަމުދުން ނޭގެއެވެ. ބާރުވެރިކަމުގައި ތިބީ ހިތްހަރު އަނިޔާވެރި ޖައްބާރުންތަކެކެވެ. މުޅިދުނިޔޭގައިވެސް މިކަމަށް އެންމެ ފާހަގަވެފައިވާ އަނިޔާވެރީން ބާރުގައި ތިބީ ހިޖާޒުކަރައިގައެވެ. ހުރުމަތްތެރި ވެގެންވާ މައްކާގެ ބިމުގައި ފައިހަރުކޮށްގެންނެވެ. އަޅުގަނޑުމެންގެ ކައުރަސޫލާ މުޙަންމަދު ސ.އ.ވ ރަސޫލުކަމައިގެން ފޮނުއްވުނީ ހިޖާޒުކަރައިގެ މައްކާގެ ބިމުންނެވެ. އެންމެހާ އާލަމްތަަކަށް ރަހުމަތެއް ކަމުގައި އެކަލޭގެފާނުން ފޮނުއްވުނީ އެންމެހާ މީސްތަކުންގެ މައްޗަށެވެ. ހުރިހާ ގައުމެއްގެ މައްޗަށެވެ. މުޝްރިކުންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެ ހަސަދައާއި ފިތުނައިން ފުރިގެން މިރިސާލަތު ނައްތާލުމަށް އެއުރެން ނުކުރަނީ ކީއްހެއްޔެވެ؟ އިސްލާމްދީން ގަބޫލުކުރަމުން ގެންދިޔަ ނިކަމެތީންނަށް ނުދެނީ ކޮންއަނިޔާއެއް ހެއްޔެވެ؟ އެންމެފަހުން އަމިއްލަ ވަޒަނުން ބޭރުކުރެވި ފޮނުވާލެވުނެވެ. ނަމަވެސް ﷲ ގެ ދީން މަތިވެރި ކުރައްވައި ބާރުވެރި ކުރެއްވިހިނދު މައްކާއިން ނެރެލެވުނު މުސްލިމުންނާއި މިއުންމަތުގެ ކައުނަބިއްޔާގެ އަތްމައްޗަށް ހުރުމަތްތެރިވެގެންވާ މައްކާގެބިން ލޭއޮހޮރުވުމަކާނުލައި ފަތަހަކޮށްދެއްވީ މިފަދަ މައްސަރެއްގެ ތެރޭގައެވެ. ކީރިތި ހަޟުރަތުން ދެއްވި އެނަސުރާއި ބާރުވެރިކަން ހިތްތަކަށް ވަދެފައިވާ ކިބުރުވެރިކަން ބަދަލުކުރުވައި މީސްތަކުން އެކުވެރި ކުރެވިގެން ދިޔައެވެ. ވަކިނަސުލެއް ކުލައެއް ނެތި އެންމެން ހަމަހަމަވެ އިންސާނީ ހައްޤަކީ ކޮބައިކަން އިންސާނިއްތަތައް އަންގައިދިނީ މުސްލިމުންގެ މިފަދަ ހާދިސާތަކުންނެވެ. މައާފުދެއްވުމާ ހިތްތިރިކަމަކީ ކޮބައިކަން އޮޅުންފިލުވައިދިނީ މިފަދަ އެތަކެއް ހާދިސާ ތަކުންނެވެ. މުސްލިމުންގެ ފުށުންނެވެ. މިކަމާ އިދިކޮޅު ހަދާނެ މީހަކު މިއަދުވެސް ނެތެވެ. ހައްގުދީނައިގެން ފޮނުއްވުނު އަޅުގަނޑުމެންގެ ރަސޫލާއާއި އެކަލޭގެ ފާނުންގެ ލޮބުވެތި އަސްޙާބުން ނިކަމެތިކޮށް އެބޭކަލުންނަށް ފުރައްސާރަ ކުރުމުގައި އަނިޔާވެރި މުޝްރިކުން ވަނީ ހައްދުފަހަނަޅާފައެވެ. ނަމަވެސް އިސްލާމްދީން ވަރުގަދަވެ މިއަދާއި ހަމަޔަށް ދެމިމިއޮތީ ހައްގުގެ މަގުގައި އިސްލާމުން އެކުވެރިކަމާއި އެކު ކުރި ދެގޮތެއްނުވާ މަސައްކަތުންނެވެ. މިއަދުވެސް އަދާވާތްތެރީން މިއުންމަތް ނައްތާލުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަޅުގަނޑުމެން ވިސްނައި އެކުވެރިކަމާއެކު ވިސްނައި ތިބޭންޖެހެއެވެ. މިއުންމަތް ނައްތާލުމަށް މަސައްކަތް ކުރަމުންގެންދާ ޣައިރު މުސްލިމުންނާއި އެކުވެ އެކުވެރިވެގެން ދީނުގެ ސިފަތައް ޖައްސައިގެންތިބި މީހުންނަކީ މިއަދު އިސްލާމީ އުންމަތަށް އެންމެ ބިރުވެރި މީހުންނެވެ. ދީނުގެ ނަމުގައި އެމީހުން ކުރަމުން ގެންެދާ ކަންކަމުގެ ސަބަބުން އިސްލާމްދީނުގެ އަގުވެއްޓި މުސްލިމުން މިދަނީ ނިކަމެތިވަމުންނެވެ. އެހެނަސް ހައްގުބަސް ބުނެ މިދީން ކުރިއަރުވަން މަސައްކަތްކުރާ މީހުންގެ ބުރަމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދުވެސް އިސްލާމްދީން މިދަނީ ކުރިއަރަމުންނެވެ.
މިދިވެހި ރާއްޖެއަކީ އެތަކެއް ސަތޭކަ އަހަރުވާންދެން މަތިވެރި މިދީނުގެ ހިދާޔަތުގެ ދަށުގައި އޮތްގައުމެކެވެ. މިއަދުވެސް އަޅުގަނޑުމެން މިތިބީ އެގޮތުގައެވެ. ނަމަވެސް އިސްލާމްދީން އަށްޑަނައެއް ކަމުގައި ހަދައިގެން މިދިވެހި އުންމަތުގެ މައްޗަށް ވެރިވެގެން ރައްޔިތުންނަށް އަނިޔާކޮށް ދީނީ އިލްމުވެރީންގެ ދުވަސްދުއްވާލުމަށް މަސައްކަތްކުރަމުން ގެންދިޔަ ކަޅުމާޒީ އަޅުގަނޑުމެން ބަދަލުކޮށްފީމުއެވެ. ހައްގާ އެއްކޮޅަށް އަޅުގަނޑުމެން ބަސްބުނާން ފެށިހިނދުން ފެށިގެން އަޅުގަނޑުމެންވެސް ދުށީ މާޒީގެ އަނިޔާވެރިކަމެވެ. އަޅުގަނޑުމެންގެ އިސްލާޙީ ބައިވެރީންވެސް ރަށުން ބޭރުކޮށްލެވުނެވެ. ޖަލުތަކުގައި ބޮޑެތި އަނިޔާތައްދީ މަރާލެވުނެވެ. ނުކުޅެދޭ މީހުންނަށް ހަދާލިއެވެ. ހައްގުބަސް ބުނާކޮންމެ މީހަކީ ޖާހިލެއް ކަމުގައި ސިހުރުވެރިއެއް ކަމުގައި ފިތުނައުފައްދާ މީހެއް ކަމުގައި ލޭބަލްކުރެވުނެވެ. އަޅުގަނޑުމެންގެ އިސްފަރާތްތައް ބޭރުގައުމުތަކުގައި ނައްތާލަން މަސައްކަތް ކުރެވުނެވެ. ނަމަވެސް ދެގޮތެއްނުވެ އަޅުގަނޑުމެން ވިސްނުންތެރިކަމާއި ހިކުމަތް ތެރިކަމާއި ކެއްތެރި ކަމާއިއެކު ކުރި އެތަކެއް އަހަރުގެ މަސައްކަތުން ލޭއޮހޮރުވުމެއްނެތި އަޅުގަނޑުމެން މިއަދުމިތިބީ މިގައުމުގައެވެ. މިއަދުވެސް އަޅުގަނޑުމެން ނައްތާލައި ރޫހުކަނޑުވާލުމަށް އަނިޔާވެރީން އެގެންދަނީ އެމީހުންނަށް ކުރެވޭންއޮތް ކޮންމެ މަސައްކަތެއް ކުރަމުންނެވެ. މިގައުމު އިސްލާމީ މަތިވެރި ހިދާޔަތުގައި ދެމިއޮތުމަށް މިގައުމުގައި އިންސާނީ ހައްގުތައް ފުރިހަމަވެ އޮތުމަށް ، މިއަދުގެ މުޅިދުނިޔެ އެމައްޗަށް ބަރޯސާވާ ފުރިހަމަ ޑިމޮކްރަސީގެ ސިފަތަކާއިއެކު އިސްލާމީ ޑިމޮކްރަސީއެއް އެންމެފުރިހަމަ ގޮތުގައި ގާއިމުކުރުމަށް އަޅުގަނޑުމެން މިފެށި މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބާއި ހަމަޔަށް ގެންދިއުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކުރިއެކޭވެސް އެއްގޮތަށް ދެމިތިބުމަށް އާއަޒުމެއް ކަނޑައަޅާން މިމައްސަރަކީ މުހިންމު މައްސަރެކެވެ. އިސްލާމީ ބައެއް ގައުމުތަކުގައި މިއަދުވެސް ވެރިކަން ފިޔަވައި އެހެން އެއްވެސް ކަމަކަށް ލޯނުހުޅުވި އެތިބަވެރީން އެރައްޔިތުންގެ ލޭއޮހޮރުވަމުން ގެންދާއިރު މިފަދަ މައްސަރެއްގައި އަޅުގަނޑުމެންގެ މާޟީގެ ހަނދާންތައް އާކޮށް އިބުރަތްލިބިގަނެ އާއަޒުމުތަކެއް ކަނޑައަޅާން ޖެހެއެވެ