އެމްޑީޕީ މަތި އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓުން ބާއްވާ ޚާއްސަ ޖަލްސާ މިރޭ އެމްޑީޕީ ހަރުގޭގައި އޮންނާނެ

އިބްރާހީމް ރާމިޒް

މަތި އުތުރު ޕުރޮވިންސް ސެކެރެޓޭރިއޭޓުން އިސްނަގައިގެން ބާއްވާ ހާއްސަ ޖަލްސާ އެއް މިރޭ 9:30 ގައި އެމްޑީޕީގެ މައި ހަރުގޭގައި އޮންނާނެ އެވެ.
ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ހާއްސަ ކޮއްގެން ބާއްވާ މި ޖަލްސާގައި މާލޭގައި މި ވަގުތު ތިއްބެވި ބޮޑުތިލަދުންމަތީގެ އެކި އެކި ކައުންސިލް ތަކުގެ މެންބަރުންނާއި ދާއިރާ ތަކުގެ ރައީސުންގެ އިތުރުން މަތި އުތުރު ޕުރޮވިންސް އަށް ނިސްބަތްވާ ހުރިހާ އެމް.ޑީ.ޕީގެ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވާނޭ ކަމަށާއި، އަދި މީގެ އިތުރުން އެމްޑީޕީގެ ޗެއަރ ޕާރސަން އާއި އެ ޕާޓީގެ ރައީސާއި ނައިބު ރައީސްވެސް މި ޖަލްސާގައި ބައިވެރިވެ ވަޑައި ގަންނަވާނޭ ކަމަށް އެމްޑީޕީ މަތި އުތުރު ޕްރޮވިންސްގެ ސެކްރެޓޭރިއަޓުން ބުނެއެވެ.
މި ބައްދަލުވުމުގެ ބޭނުމަކީ ” ބޮޑު ތިލަދުންމަތީގައި ޕާޓީގެ ޙަރަކާތްތައް ވަރުގަދަކޮށް، 2013 އަށް ތައްޔާރުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފެށުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި މައްސަލަތައް ދެނެގަނެ، ޕާޓީ (އެމްޑީޕީ) އާ މެދު އާންމު މެންބަރުންގެ ޚިޔާލާއި، ޝުޢޫރުހުރި ނެތްގޮތް ބަލައި، މަތިއުތުރު ޕްރޮވިންސްގެ ރަށްރަށުގައި ގާއިމްކުރެވިފައިވާ އެމްޑީޕީގެ އިދާރީ އޮފީސް ތަކާއި ޑެސްކްތައް ޙަރަކާތްތެރި ކުރުވުމަށް އެފަރާތްތަކަށް އެހީފޯރުވިދާނޭ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާކުރުން” ކަމަށް އެ ޕްރޮވިންސްގެ އެމްޑީޕީ ރައީސް އާދަމް ނަސީރު (އެޑަމް) ވިދާޅުވިއެވެ.
އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓުން ވެސް ދަނީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ކަމަށްވާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެ ޕްރޮވިންސްގެ ޅ.ހިންނަވަރުގައި އެމްޑީޕީގެ ލީޑަރޝިޕް ބައިވެރިވާ ބޮޑު ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.