އޮގަސްޓް 12، 13 ގެ މުނާސަބަތުގައި އެމްޑީޕީގެ ޗެއަރޕާސަން ނެރުއްވި ޚިޠާބު

ލިޔުއްވީ: މޫސާ މަނިކު (ރީކޯ) – އެމްޑީޕީގެ ޗެއަރޕާސަން

black-friday-2005-351mdp-logo-original

އޮގްސްޓް މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަސް ދިވެހިން ކުރެ ގިނަ ބަޔަކަ ފާހަގަކުރަނީ އެކެއް އަނެކެއްގެ ކިބައިން ހިއްވަރު ލިބިގެން ގައުމަށްޓަކާ ވަރުގަދަ ޖިހާދެއް ކުރެވުނު ދުވަހެއްގެ ގޮތުގައެވެ.
ދިވެހިރާއްޖޭގެ ވެރިކަމުގެ ޒަމާންވީ ޚުދުމުޚްތާރު ކިއްލާ ފުނޑުފުނޑުކޮށްލާ އަނިޔާވެރިކަމުގެ ހިލިހިލާ އިން ރައްޔިތުން މިންޖުވެ ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ތާއަބަދަށް ދިވެހި ފަސްގަނޑުގާ ދެމެހެއްޓުމަށްޓަކާ ވަރުގަދަ ޖިހާދެއް ކުރެވުނު ދުވަހެއްގެ ގޮތުގައެވެ. ޒަމާންވީ ޚުދުމުޚްތާރު ވެރިކަމުގެ އަނިޔާވެރި އުޞޫލުތައް ނިމުމަކަށް ގެނައުމާއި، ގައުމުގައި ހަމައާއި އިންސާފް ގާއިމްކުރުމަށް ގޮވަމުން ދިޔަ އެތައް ރައްޔިތުންނެއް 2004 ވަނަ އަހަރުގެ އޮގްސްޓް މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު ވީ ގުރުބާނީގެ ނަތީޖާ އަކީ މިއަދު މިދެކޭ ހުރިހާ މިނިވަންކަމެއްގެ ފެށުން ކަމަށް ދެންނެވުމަކީ ދޮގެއް ނޫނެވެ. އެހެން ކަމުން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާއި، ޚާއްސަކޮށް މި ދުވަހުގެ ބާނީން ކަމަށްވާ އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، މި ޕާޓީގެ އެންމެ އިސްލީޑަރު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އަރިސްކުރަމެވެ.
ޒަމާންވީ ޚުދުމުޚްތާރު ވެރިކަން ރާއްޖޭގައި ކުރަމުންދިޔަ ވެރީން އަބަދުވެސް އެންމެ ބިރުގަންނަ އެއް ކަމަކަށް ވެފާ އޮތީ 3 މީހުންނަށް ވުރެ ގިނައިން އެއް ތަނަކަށް މީހުން އެއްވުމެވެ. އެއަށް ފަހު އެތަނެއްގާ ތިބެ ޚިޔާލުފާޅުކޮށް ވެރިކަމާ ދެކޮޅަށް ފާޑުކިޔައި އަޑުއުފުލެމެވެ.
ނަމަވެސް ފުރަތަމަ އޮގަސްޓް 12، 23 ވެގެންދިޔައީ މިހުރިހާ ކަމެއްގެ މައްޗަށް ސަރުކާރުން ދައްކާފައިވާ ބިރު ފަހަނައަޅައި ގޮސް އެކެއް އަނެކެއްގެ ކިބައިން ހިއްވަރު ލިބިގެން ނިކުމެ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ހައްގު ހޯދައިގަތްތަން ފެނިގެން ދިޔަ ދުވަހަކަށެވެ. ހަމައެއާއެކު މަޑުމައިތިރިކަމާއި، ހަމަހިމޭންކަމާއެކު އެއްވެ ތިބި ބަޔަކަށް އެ ސަރުކާރުން އަނިޔާކުރާ މަންޒަރު ފެނިގެން ދިޔަ ދުވަހަކަށެވެ. އެއްވެސް ރަހުމެއްނެތި މި ޖަލުގެ އަނިޔާ، އެތައް ސަތޭކަ ބައެއް ދަމާ ކޫއްތާފައި ގެންގޮސް ކުޑަގޮޅިތަކަށް އޮއްސާލި މަންޒަރު ފެނިގެންދިޔަ ދުވަހަކަށެވެ.
އެހިސާބުން މި ދިވެހީން ކުރަމުންދިޔަ ޝަކުވާގެ ތެދު ދޮގު މުޅި ދުނިޔެއަށް ހާމަވެގެން ހިނގައްޖެއެވެ. މިފަދަ ޖިހާދެއް ކުރުމުގައި އެންމެ އިސްކޮށްތިބީ އަޅުގަނޑުމެން އެމްޑީޕީއެވެ. ހަމަހަމަކަމަށް ގޮވާލާ އަޑުއުފުލީ އެމްޑީޕީން ނެވެ. ވެރިކަމުގެ ދައުރު ކަނޑައެޅުމަށާއި، އަނިޔާވެރިކަން ނައްތާލުމަށް އަޑުއުފުލަން ނިކުމެ، ސިއްރާއި ފައުޅުގައި ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ މި ފަހަކަށް އައިސް ދިވެހީން ނުދެކޭ ފަދަ އަނިޔާވެރި ވެރިކަމެއް މި ރާއްޖޭގައި ކުރަމުން ގެންދިޔަ މައުމޫނުގެ އަނިޔާވެރި ވެރިކަމަށް ވާގިވެރިވާންތިބި އެންމެން ވެސް ދިވެހި އެތައް ބައެއްގެ ހައްގުތައް ފޭރިގަނެ، ޖަލުތަކަށް މީހުންލައި، އެތައް ޒުވާނުންނެއް މަސްތުވާތަކެތީގެ ވަބާގައި ޖައްސައި، ދައުލަތުގެ މާލިއްޔަތު ކައި ހުސްކުރުމުގައި އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާ ވެރިކަމުގާ، ޖަލުތަކުގައި ތަޅާ މަރާލި ޒުވާނުންނާ ދެކޮޅުހެދި، އެ އަނިޔާވެރި އަމަލުތަކަށް ކެތްނުވެގެން އިޙްތިޖާޖުކުރި ގައިދީންގެ ގަޔަށް، ފާޅުގައި ބަނޑިޖަހާ މަރާލި 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް އަހަރެއް ވެސް ނުވަނީސް، އެކަމަށް ކެތްނުކުރެވިގެން ދުނިޔޭގެ ކަންކޮޅުތަކަށް ފިލައިގެން ގޮސް ތިބެ މަސައްކަތްކުރި މި ޕާޓީގެ ހިއްވަރުގަދަ މެންބަރުންނާއި، އަދި މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި ތިބެ ފާޅުގައި ކުރީގެ ސަރުކާރުގެ އަނިޔާވެރި ސިޔާސަތުތަކަށް ފާޑުކިޔަމުން ގެންދިޔަ މި ޕާޓީގެ މެންބަރުންގެ ހިއްވަރުގެ ސަބަބުންނޭ ބުނުމަކީ ދޮގެއް ނޫނެވެ.
2004 ވަނަ އަހަރަށް ފަހު 2005 ވަނަ އަހަރުވެސް މި ދުވަސް އާދެ، އޮގަސްޓް 12، 13 ފާހަގަވެގެންދިޔައީ ކެރުމާއި، ސާބިތުކަމާއެކު، މިނިވަންކަމަށް ކުރާ މަސައްކަތާ އަނިޔާވެރިވެރިކަމުގެ ކުރިމަތީގައި ހަރަކާތްތެރިވެ ހަގީގީ މިނިވަންކަމަށް ދާންވީ ވަގުތު ޖެހިއްޖެކަމާއި، އެކަމުގައި ރާއްޖޭގައި ސިޔާސީ ޕާޓީ އުފެދި، ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ދޭން ވެއްޖެކަން ރަގަޅަށް ސާބިތުކޮށްދިން ދުވަހެއްގެ ގޮތުގައެވެ. އެ ދެ ދުވަހުގެ ހަނދާންތައް މި ޕާޓީން ދުވަހަކުވެސް ނެތިގެން ނުދާނެއެވެ.
މިނިވަންކަމަށް އަޑުއުފުލާ ވާހަކަދެއްކުމަށް ފުރަމާލޭގައި އަޅާލި ހަރުގެވެސް ބިމާ ހަމަކޮށްލާ ފަރުދީ މިނިވަންކަން މުޅިން ފުހެލުމަށް އޭރުގެ އަނިޔާވެރި ވެރީން ހިންގި ލާ އިންސާނީ ޢަމަލުތަކާ ޖަލަށްލި މީހުންގެ އަދަދަކީ މިއަދަކު އިތުރަކަށް ލިޔަންވި ވާހަކައެއް ނޫނެވެ.
“ނެތްކަމެއް ތަޤްދީރުގައި، ވާކަށް ނުވެސް އޮންނާނެއޭ، އެއް ކަމައްވެސް ނުހިނގައޭ، ތަދުބީރުކުރެހި ޕްލޭނަކުން”، މި ޅެމުގައިވާ ފަދައިން ދެ ވަނަ އޮގަސްޓް 12، 13 ފާހަގަކޮށްލުމަށް ޖުމްހޫރީ މައިދާނުގައި އިށީނުމަށް އިސްނެގި ފަރާތް، މިއަދު ހުންނެވީ ރާއްޖޭގެ ވަލިއްޔުލްއަމްރު ކަމުގައެވެ. އެ ކަމަށްޓަކާ އަޑުއުފުލި، މި ޕާޓީ މިއަދު މިވަނީ ވެރިކަމުގައެވެ. މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއް ވެސް، ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމުދުންނޭ ބުނާ ބީދައިންނެވެ. މި ރާއްޖެއަށް ޕާޓީ ސިސްޓަމް އަޔަނުދޭން މަސައްކަތްކުރި މީހުން، މިއަދު އެތިބީ ސިޔާސީ ޕާޓީ ހަދައިގެންނެވެ. މި ޕާޓީގެ ހަރުގެ ރޫޅާ ބިމާ ހަމަކޮށްލި މީހުން މިއަދު އެތިބީ މި ޕާޓީ ނަމޫނާ އަކަށް ބަލައިގެން ހަރުގެ ހަދައިގެންނެވެ. އެ ބައި މީހުން މިއަދު އެންމެ ގިނައިން ކުރާ ކަމަކީ ސަރުކާރަށް ފާޑުކިޔުމާއި، މީހުންގެ އަބުރަށް އަރައިގަތުމާއި، ކޮންމެވެސް އެއް ބައެއްގެ ނަމުގައި ދުވާލަކު އެއް މުޒާހަރާ ނަމަވެސް ދެތިން މީހުންނާ އެކު ނިކުމެ ކޮށްލުމެވެ. މިއީ އެމްޑީޕީން ގެނައި މިނިވަންކަމެވެ. އޮގަސްޓް 12، 13 ގައި އެމްޑީޕީ އިސްވެ އޮވެ ދެއްކި ހިއްވަރާއި ނުގުޑާފަދަ އަޒުމުގެ ނަތީޖާއެވެ.
އޮގަސްޓް މަހުގެ ތާރީޚްތަކަށް ބަލާއިރު، 2004 ވަނަ އަހަރުގެ އޮގަސްޓް 12، 13 އަށް ފަހު، ޖެހިގެން އައި ހުރިހާ މަހެއްގައިވެސް އޮގްސްޓް މަހާއި، ޚާއްޞަކޮށް އެ މަހުގެ 12. 13 މި ދެ ދުވަސް ވެގެން މިދަނީ ފާހަގަކުރެވޭނޭ ދުވަސްތަކަކަށް ވެގެންނެވެ. ރައްޔިތުންނަށް މިނިވަންކަން ލިބިދިން ގާނޫނު އަސާސީ އެއް ލިބިދިނީ ވެސް ހަމަ އޮގަސްޓް މަހެއްގެ ތެރޭގައި ކަމަށްވެފައި، މިއަދު އަނެއްކާވެސް އޮގަސްޓް 12، 13 އަށް އެޅިގެން ދިޔައިރު، މި ފެންނަނީ އިޤްތިޞާދީ ބޮޑު ބަދަލަކަށް ރައްޔިތުން ތައްޔާރުވަމުން ދާ ތަނެވެ. ޒަމާނުއްސުރެ ރާއްޖޭގައި ހިނގަމުން އައި މާލީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ގާނޫނަކުން އަދަދު ކަނޑައެޅިގެން ވިޔަފާރި ފައިދާއިން ޓެކްސްގެ ގޮތުގައި ރައްޔަތުންނަށް ޚިދުމަތްކުރުމަށް ފައިސާގެ މިންވަރެއް ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގާ ރައްޔިތުން ހަގުރާމަކުރާ ތަނެވެ. އެ ދުވަހު މިކަންކުރުމުގެ ބާރު އޮވެ އެކަން ނުކުރި މީހުން މިއަދު އެތިބީ މަޖުލީހުގެ މެންބަރުންގެ ގޮތުގާއި އިދިކޮޅު މެންބަރުންގެ ގޮތުގައި، ސަރުކާރުންކުރާ ކޮންމެ ކަމަކާ، އިދިކޮޅު ސިޔާސީ މީހުންގެ ގޮތުގައެވެ. މިއަދު ވެސް އެމީހުންގެ ހަމަހުރީ އެއް ވިސްނުމެކެވެ. ބަހަނާއަކަށްފަހު، ބަހަނާއެއް ދައްކައިގެން ނަމަވެސް ރައްޔަތަކަށް ހެޔޮގޮތުގައި ކަމެއް ނުވާނޭ ގޮތްތަކާ އެމީހުންގެ އަތް މައްޗަށް ސަރުކާރުގެ ބާރުތައް، އަނބުރައި ލިބޭނޭ މިންގަނޑުތައް ބަހަނާއެއްގެ ގޮތުގައި ދައްކަިއގެންވެސް ކަންކުރަމުން އެދަނީ، އިޤްތިޞާދަކަށް ރައްޔިތަކަށް ބެލުމެއްނެތި، ޚުދުމުޚްތާރު ސިފަތަކެއް އެކުލެވޭ ގޮތެއްގެ މައްޗަށެވެ.
އަޅުގަނޑުމެން ރައްޔިތުން ގުރުބާން ވެގެން ހޯދި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން އޭގެ ހެޔޮ ގޮތުގައި، ގައުމަށްޓަކައި، ބޭނުންކުރާށެވެ. ސިޔާސީ ޕާޓީތައް ހަދައި، އިދިކޮޅު ވިޔަސް އެއްކޮޅު ވިޔަސް، ކިޔާ އެކައްޗެއް ކިޔައިގެން ގައުމަށްޓަކާ މަސައްކަތްކުރާ ސިޔާސީ ޕާޓީތަކަށް ހަދާށެވެ.
އެމްޑީޕީ އަކީ މަގުމަތިން ކަންކަންކުރުމުގައި ދުވަހަކުވެސް އޮގަސްޓް 12، 13 ހަނދާން ނައްތާލާނޭ ޕާޓީއެއް ނޫނެވެ. ޓެކްސް ބިލްތަކާއި މާލިއްޔަތު ހަރުދަނާކުރާ ގާނޫނުތަކުން ރައްޔިތުންނަށް ހޯދައިދޭން މިއުޅޭ ފުދުންތެރިކަން، އަތްފޯރާ ފަށަށް ގެނައުމަށް ވާންޖެހިއްޖެ ކޮންމެ ގުރުބާނީއެއް ވުމަށް ކަމަރު ބަނުމަށް އަޅުގަނޑު އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށް ގޮވާލަމެވެ.
މާތް ﷲ އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، މި ޑިމޮކްރެޓިކް ދިވެހި ރާއްޖެއަށް އަދަށްވުރެ މާ ފަހި މާދަމާއެއް ދައްކަވާށިއެވެ.