ފެލިވަރުގައި އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓްގެ އިދާރީ ޑެސްކެއް ގާއިމްކޮށްފި

އިބްރާހީމް ރާމިޒް

ޅ. ފެލިވަރުގައި އެމްޑީޕީގެ އުތުރު ޕްރޮވިންސްގެ ސެކްރެޓޭރިއަޓްގެ އިދާރީ ޑެސްކެއް ގާއިމްކޮށްފިއެވެ.
ރޭ ފެލިވަރުގައި މި ޑެސްކް ގާއިމްކުރެއްވުމަށްފަހު ބޭއްވި ބައްދަލުވުމުގައި، އެ ޕްރޮވިންސްގެ އެމްޑީޕީ ސެކްރެޓޭރިއަޓްގެ ރައީސް އަލީ ނިޔާޒް ވަނީ ޕްރޮވިންސްގެ އެމްޑީޕީގެ ޙަރަކާތްތައް ހަރުދަނާކުރުމަށްޓަކައި ވަގުތީ ގޮތުން 3 މަގާމެއް އުފައްދަވައި އެ 3 މަގާމަށް 3 ބޭފުޅަކު ޢައްޔަންކުރައްވާފައެވެ. ރޭ އުފެއްދެވި 3 މަގާމުގެ ތެރެއިން ވަގުތީ އިންތިޒާމް ސެކްރެޓަރީ ކަމަށް ޢައްޔަންކުރެއްވީ ނައިފަރު މަސްވެރިންގެ ގޮފީގެ ރައީސް ޤާސިމް ޢަބްދުލް ކަރީމް އެވެ. އިންތިޒާމް ސެކްރެޓަރީގެ ނައިބަކަށް ހަމަޖެއްސެވީ ނ.ކުޑަފަރީ މިނިވަން ގޮފީގެ މެންބަރު ޢަލީ ޝަމީމް އެވެ. މީޑިއާ ކޯރޑިނޭޓަރަކަށް ހަމަޖެއްސެވީ ދުވާފަރު ދާއިރާގެ ރައީސް އިބްރާހީމް އާތިފް (ޕްރިންސް) އެވެ.
ރޭގެ ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ކަމަށްވާ، ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އުތުރު ޕްރޮވިންސްގެ ޅ.ހިންނަވަރުގައި އެ ޕްރޮވިންސްގެ 14 އިދާރީ ދާއިރާގެ ރައީސުންނާއި، ނައިބު ރައީސުންނާއި، އެ ޕްރޮވިންސަށް ނިސްބަތްވާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއް އިންތިޒާމްކުރުމަށް މަޝްވަރާކުރެވުނު ކަމަށާއި، ދެން އެންމެ އަވަހަށް އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހެއްގައި އެމްޑީޕީގެ ޕްރޮވިންސް ހިންގުމުގެ ގަވައިދު ފާސްކުރުމަށާއި، ދާއިރާތަކަށް ފައިސާ ހަވާލުކުރާނޭ އުސޫލެއް ކަނޑައަޅައި ނިންމުމަށް ވަކާލާތުކުރުމަށް މަޝްވަރާކުރެވުނު ކަމަށް އުތުރު ޕްރޮވިންސްގެ އެމްޑީޕީ ސެކްރެޓޭރިއަޓުން މަޢުލޫމާތު ދެއްވައެވެ.
ރޭގެ ބައްދަލުވުމުގައި އެ ޕްރޮވިންސްގެ އެމްޑީޕީ ރައީސްގެ އިތުރުން ނައިބު ރައީސް މުޙައްމަދު ޢަބްދުﷲ އާއި އެކި މަގާމްތަކަށް ޢައްޔަންކުރެއްވި ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.