ފުނަމާ
ބުނަންހެއްޔެވެ؟ މިލިޔާމީހާގެ ބޮލުގެ ނާށިގަނޑުގެ އެތެރޭގައި ފޮރުވިފައިމިވަނީ އެންމެ އިންސާނެއްގެ ސިކުނޑިއެވެ. މިޔަކީ އެމްޑީޕީ ފަދަ އެތައް ހާސް މީހުންގެ ސިކުނޑިއެއްނޫނެވެ. އެހެންކަމުން އެއްވެސް މީހަކު ނުވަތަ ބަޔަކު މިލިޔުމަކީ އެމްޑީޕީގެ މުޅިޚިޔާލުކަމުގައި ބަލައިގެން އުޅުމަކީ އެބައެއްގެ ސިކުނޑީގެ ކޮށިކަމެވެ. މިނިވަންކަމުގައި ޚިޔާލުފާޅުކުރެވޭ މިފަދަ ޒަމާނެއްގައި ކޮންމެމީހަކުވެސް އެމީހެއްގެ އަމިއްލަ ޚިޔާލުފާޅުކުރާނެއެވެ. ދީނާއި ޚިލާފުނުވާ ކޮންމެ ވާހަކައެއް ދައްކާނެއެވެ. މިއަދަކީ ޚުދުމުޚުތާރުކަމުގެ ތަޅު ސިކުނޑިތަކުގައި އަޅުވައިގެން ސަރުކާރުން ބޭނުންވާހާ ގޮތަކަށް ނޫނީ ބަހެއް ނުބުނެވޭ ދުވަހެއްނޫނެވެ. އަދިވެސް ކުރީގެ އަޅުވެތިކަމުގައި ކަސްތޮޅުއެޅިފައި ތިބި ބަޔަކަށް މިކަންކަން ވިސްނައި ދިނުމަކީ ކުރެވޭނެ ކަމެއްނޫންކަމުން މިބައިދޫކޮށް ލަމެވެ.
ސަމާވީ އުންމަތްތަކުގެ މީސްތަކުން މިއުންމަތުގެ މީސްތަކުންނާއި ބެހޭގޮތުން ކުރިސުވާލުތަކަށް މިއުންމަތުގެ މީސްތަކުންނަކީ ނުވަތަ ، މުޙައްމަދުގެ ފާނުންގެ އުންމަތުގެ މީހުންގެ ތެރެއިން ލިޔާންކިޔާން ނުދަންނަ މީހުންނަކީވެސް ކުރީގެ ދީންތަކުގެ ދަންނަބޭކަލުންނަށް ވުރެ އިލްމުވެރިވާނެ ބައެއްކަމުގައި އަންގަވާފައިވާކަމުގައި ދަންނަބޭކަލުން ވިދާޅުވާތީވެ އަޑުއަހަމެވެ. އެހެންވުމާއެކު ވަކިބަޔަކު ބޭނުންހާ ގޮތަކަށް މިއުންމަތުގެ މީހުންގެ ސިކުނޑިތަކުގައި ތަޅުއަޅުވައިގެން ގެންގުޅުމަކީ ކުރެވޭނެ ކަމެއްނޫނެވެ. ކުރީގެ ދީންތަކުގެ މީހުން މަގުފުރެދި ދިޔައީ އެމީހުންނަށް ބާވައިލެއްވި ފޮތްތަކާއި ސުހުފުތަކުގައި ލިޔެވިގެންވާ އެއްޗަކަށްވުރެ އެމީހުންގެ ދަންނަބޭކަލުން ކަމުގައި އެމީހުން ގަބޫލުކުޅަ ބައެއްެ މީހުންގެ ފަތުވާތަކަށް ހެއްލިގެން ދިއުމުގެ ސަބަބުން ކަމުގައިވެސް އެނގޭން އެބައޮތެވެ. އިސްލާމް ދީނަކީ ބުއްދީގެ ދީނެވެ. ހަމަބުއްދިވާ އެއްވެސް މީހަކަށް ގަބޫލުނުކުރެވޭ އެއްވެސްކަމެއް މިދީނުގައި ނުވެއެވެ. އެހެނަސް ވިސްނޭނީ ސަލާމަތް ބުއްދިއެއް ދެއްވި އަޅަކަށްތާއެވެ. އެންމެ ފުރަތަމަ ފޯނުގެ ޚިދުމަތް ދުނިޔެއަށް ތައާރަފުވި ދުވަސްވަރު މިސުރުގެ އިލްމުވެރިއަކު ދިން ފަތުވާގެ ސަބަބުން އަދިއަދަށް ދާންދެންވެސް މުސްލިމުންނަށް މަލާމާތް ރައްދުކުރަމުން އެބަގެންދާކަން އަޅުގަނޑުމެން ދަންނަމުއެވެ. މިއަށްވުރެ ކައިރިން ބަލާލާއިރު އަޅުގަނޑުމެންގެ ރާއްޖޭގައި ތަންކޮޅެއް ކުރިން އުޅުނު މާބޮޑު ދަންނަބޭކަލަކު މީހެއްގެ އަންބަކާއެކު ނާޖާއިޒު ގުޅުމެއް ބޭއްވިކަން ފަޅާއެރުމުން ” ތިމަންނާއަކީ ދަންނަބޭކަލެކޭ ކަނިކުރަދީގެ ދެކޮޅުއޮތިއްޔާ ސުވަރުގެ ހިފާނަމޭ ” ބުނިވާހަކައެއް މިހާރުވެސް މީހުންގެ ހަނދާންތަކުން ފޮހެވިގެން ނުދެއެވެ. އަދި ކުރީގެ ދަންނަބޭކަލުން ” ފަހުންއަންނާނެ ދަންނަބޭކަލުން ކުރީގެ އެދުރުންގެ ކަށިހަފާކާނެ ” ކަމުގައި ބުނެފައިވާ ބުނުންތަކަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރެއިން އިވެމުންދާ އަޑުތަކުން ބާރުލިބިދޭ ކަންކަމެވެ.
އިސްލާމްދީނަކީ ބުއްދީގެ ދީނެވެ. ވަކިޒަމާނަކަށް އޮތްދީނެއް ނޫނެވެ. މުޅިއިންސާނިއްޔަތުގެ ދީނެވެ. އިސްލާމްދީން ގަބޫލުކުރާ ކޮންމެމީހަކީ އެދީނަކީ އެންމެ ފުރިހަމަ ދީންކަމުގައި ގަބޫލުކޮށްގެން އުޅޭމީހެކެވެ. އަނިޔާވެރިކަމާ ދިމާ އިދިކޮޅަށް މަސައްކަތް ކުރެވޭނެ ދުނިޔެ އާބާދުކުރުމުގައި އެންމެފުރިހަމަ ގޮތެއްގައި ކުރިމަގުއޮތީ އިސްލާމްދީނުގައި ކަން އެނގިއެކަން ގަބޫލުކުރާ މީހެކެވެ. ދީނުގައި އެކިއެކި ކަށްފާރާގެ ގޮތުގައި އަޅުން މިނިވަންކުރުން އޮންނާތީއޭބުނެ އަޅުން ގެންގުޅެން ޖެހޭނެކަމުގައި މިއަދަކު މުސްލިމުން ގަބޫލެއް ނުކުރާނެއެވެ. އެކަން ވިސްނައިދޭން އުޅުނަސް މީހަކު ގަބޫލެއް ނުކުރާނެއެވެ. އިސްލާމްދީން އައިދުވަސްވަރުގެ ސަގާފަތުގައި ހުރި ކިތަންމެކަމެއް މިއަދުގެ ދުނިޔޭގައި މިވަނީ ބަދަލުވެފައެވެ. ޕާސްޕޯޓުގައި ޖެހުމަށް ފޮޓޯނެގުން ހަރާމްކަމުގައި ވިދާޅުވާކިތައް އިލްމުވެރީން މިއަދު ތިބެދާނެ ހެއްޔެވެ؟
އޮޅުވާ ނުލައްވާށެވެ. އަޅުގަނޑަކީވެސް މުސްލިމަކަށްވީތީވެ ދީނީ އިލްމުވެރީންނަށް ނުހަނު އިހުތިރާމުކުރާ މީހަކީމެވެ. ނަމަވެސް ދީނުގެ ނަމުގައި ބައެއްމީހުން ދައްކާ ބުއްދި ގަބޫލުނުކުރާ ވާހަކަތަކަކީ އަޅުގަނޑުގެ ސިކުނޑި އެކަމެއް ނަގައިގަތުމާ އިދިކޮޅުހަދާ ކަންކަމެވެ. އަދި މުސްލިމުންގެ ނަމުގައި ހައްދުފަހަނަޅައިގޮސް އެހެންމީހުންނަށް އަނިޔާކުރާ މީހުންނާއި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިސްލާމްދީން ބޭނުންކުރާ މީހުންދެކެ ހަގީގަތުގައިވެސް ފޫހިވާ މީހަކީމެވެ. އިރާދަކުރެއްވީތީ ދުވަހަކުވެސް އިސްލާމްދީނުގައި ހައްދުކަނޑައެޅިފައިވާ ކުށަކަށް އަރައެެއް ނުގަންނަމެވެ. އެކަމަކު ކަނޑައެޅިގެން އިސްލާމްދީނާމެދު މީސްތަކުންގެ މެދުގައި ރުޅިވެރިކަން އުފެއްދުމަށް އެއްވެސްމީހަކު މަސައްކަތް ކުރާނަމަ އެމީހަކާ ދިމާއިދިކޮޅު ހަދާނަމެވެ. އެކަމަކު ދީނުގައި ހުއްދަ ނުކުރައްވާ ގޮތަކަށް އެމީހަކު ނައްތާލާކަށް ނުމެއުޅޭނަންވެސް މެއެވެ. ވީމާ ދިވެހިރާއްޖޭގެ ގާނޫނުގެ އިމުގެ ތެރެއިން އަޅުގަނޑަށްވެސް ލިބިފައި އޮންނަ މިނިވަން ކަމެއްގެ އިމުގެ ތެރެއިން އަޅުގަނޑުވެސް ލިބިފައި އޮންނަ ފުރުސަތެއްގެ ތެރެއިން ޚިޔާލުފާޅު ކުރަމެވެ. އެކަމަކު އަޅުގަނޑުގެ ޚިޔާލަކީ އަޅުގަނޑު ފިޔަވައި އެހެން ބައެއްގެ ޚިޔާލުކަމުގައި ބުނެ ރާއްޖޭގެ ޓީވީ ޗެނަލަކުން މާވަރަކަށް އަޑުއަރުވާތީވެ މިހެން ބުނެލަން މަޖުބޫރުވީއެވެ. އަޅުގަނޑުގެ ނަޒަރުގައި އިސްލާމްދީނުގެ ނަމުގައި ހަރުކަށިވެ ތިމާނޭދޭ ކޮންމެ ކަމަކީ ހަރާމްކަމެއްކަމުގައި ގޮވައި އިސްލާމްދީނާއިމެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރުމަކީ އެންމެ ބޮޑުފާފައިގެ ތެރޭގައި ހިމެނޭނޭ ކަންކަމެވެ. މިފަދައިން އަމަލުކުރާ ބަޔަކާމެދު ފިޔަވަޅުނާޅައި ދޫކޮށްލުމަކީ އިސްލާމީ މުޖުތަމައެއް ދިރުވައި ދަމަހައްޓާން ބޭނުންވާ ބަޔަކު ކުރާން ހެޔޮވާވަރުގެ ކަމެއް ނޫނެވެ