ދެވަނަ ފުރުޞަތު ޕްރޮގްރާމް އޮފީސް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

ދެވަނަ ފުރުޞަތު ޕްރޮގްރާމް އޮފީސް” މި ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. މިއޮފީސް ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްގެ ދަށުންކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.

ދެވަނަ ފުރުޞަތު ޕްރޮގްރާމް އޮފީސް މި އުފެއްދެވީ، ޙުކުމް ތަންފީޒުކުރަމުންދާ ކުށްވެރިން، އުފެއްދުންތެރި އަދި ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ސަރުކާރުން އެކުލަވާލާފައިވާ “ދެވަނަ ފުރުޞަތު” ޕްރޮގްރާމްގެ ކަންކަން ހިންގަވައި ބެލެހެއްޓެވުމަށްޓަކައެވެ.

ދެވަނަ ފުރުޞަތު ޕްރޮގްރާމް އޮފީހުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި
މި ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުން، ނޭޝަނަލް ސަރވިސް ޕްރޮގްރާމްގައާއި، ސަރުކާރުން ހިންގާ މަސައްކަތް ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމުގެ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުމާއި، ފުރުޞަތުދެވޭ ފަރާތްތައް އެ ޕްރޮގްރާމްތަކުގައި ބައިވެރިވަމުން ދޭތޯ ބަލައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، މި ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުންގެ ހުނަރުތައް ވަޒަންކޮށް، އެ ހުނަރުތައް ބޭނުންވާ ސަރުކާރުގެ މަޝްރޫޢުތަކުގައާއި، ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު މިފަދަ މީހުންނަށް ހޯދާ ދިނުމަށް މަސައްކަތްކުރުމާއި، މި ތަންތަނުގައި އެ މީހުން މަސައްކަތްކުރަމުންދާގޮތް ބަލައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން ވެސް ހިމެނެއެވެ.

“ދެވަނަ ފުރުޞަތު” ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުން މުޖުތަމަޢަށް އަހުލުވެރިކޮށްދިނުމަށާއި، ދިރިއުޅުމުގެ ހުނަރުތަކާއި، ދީނުގެ އަސާސްތައް ދަސްކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގުމާއި، “ދެވަނަ ފުރުޞަތު” ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުންގެ ތެރެއިން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ފަރުވާ ބޭނުންވާ މީހުންނަށް އެ ފަރުވާ ދިނުމުގެ ކަންތައްތައް ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރީހެބިލިޓޭޝަން ސަރވިސަސް އާ ގުޅިގެން ކުރިއަށް ގެންދިއުން. މީގެ ތެރޭގައި، މިފަދަ މީހުންނަށް ބޭނުންވާ ފަރުވާ ދެނެގަތުމާއި، ފަރުވާ ދޭނެ ގޮތުގެ ތާވަލު އެކުލަވާލުމާއި، އެ ތާވަލާ އެއްގޮތަށް ފަރުވާ ހޯދަމުން ދޭތޯ ބަލައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން ހިމެނެއެވެ.
މީގެ އިތުރުން “ދެވަނަ ފުރުޞަތު” ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުންގެ ކަންކަން ކޮމިއުނިޓީ ލެވެލްގައި ބަލައި، އެމީހުންނަށް ލަފައާއި އިރުޝާދު ދިނުމަށްޓަކައި، “މެންޓޯރ”އެއް ނުވަތަ ލަފާދޭ މީހަކު ޢައްޔަންކުރުމާއި، މެންޓޯރއިންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، “ދެވަނަ ފުރުޞަތު” ޕްރޮގްރާމްގެ ދަށުން ފުރުޞަތުދެވޭ މީހުންގެ އުޅުން ހުންނަ ގޮތް ބަލައި ރިޕޯޓްކުރާނެ އުޞޫލުތަކާއި ތާވަލުތައް ކަނޑައެޅުމާއި، އެ އުޞޫލުތަކާއި ތާވަލުތަކާ އެއްގޮތަށް މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ފުރުޞަތު ދެވޭ މީހުންނަށް ޕްރޮގްރާމްތައް ރާވައި ހިންގުމާއި، މި ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުން މުޖުތަމަޢަށް އަނބުރާ ގެނައުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން މި ޕްރޮގްރާމުގެ ދަށުން، ފުރުޞަތުދެވޭ މީހުން، ސަރުކާރުން ކަނޑައަޅާ ޝަރުޠުތަކާ އެއްގޮތަށް، ސަރުކާރުން ކަނޑައަޅާ މުއްދަތުގައި ޢަމަލުކުރޭތޯ ބަލައި، ޝަރުޠުތަކާ އެއްގޮތަށް، އެ މުއްދަތު ފުރިހަމަކުރާ މީހުންނަށް މަޢާފުދިނުމުގެ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދިއުން. އަދި ޝަރުޠުތަކާ އެއްގޮތަށް އެ މުއްދަތުގެ ތެރޭގައި ޢަމަލުނުކުރާ މީހުން، “ދެވަނަ ފުރުޞަތު” ޕްރޮގްރާމުން ވަކިކޮށް، އެމީހަކަށް ތަންފީޒުކުރެވެމުން ދިޔަ ޙުކުމަށް އެމީހަކު ރުޖޫޢަކުރުމުގެ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.