1 ޖޫން 2010
ގުއަންޓަނާމޯބޭ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ބަޔަކު ރާއްޖެ ގެނައުމާމެދު އެމެރިކާ ސަރުކާރާއެކު މަޝްވަރާކުރެއްވި ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށާއި، އެމަޝްވަރާތައް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙައްމަދު ވަޙިދު ހަސަން މަނިކު ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ. ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީގެ އާންމު ޖަލްސާއެއްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ގުއަންޓަނާމޯބޭ ޖަލުން ގައިދީން ގެނައުމުގެ ބަދަލެއްގެ ގޮތުން، ދުނިޔޭގެ އެކި ބޭންކަތަކުގައި ކުރީގެ ސަރުކާރުގެ އިސްވެރިން ޖަމާކޮށްފައިވާ ދިވެހިރައްޔިތުންގެ ލާރި ހޯދައި ދިނުމުގައި އެމެރިކާއިން އެހީތެރިވެދިނުމަށް އެއްބަސްވެފައިވާ ކަމުގައެވެ. ރޭގެ ޖަލްސާގައި ގުއަންޓަނާމޯބޭ ޖަލުން ގައިދީން ގެންނަ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ބާއްވަމުން އަންނަ އެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީ ހިނގާގޮތާ ބެހޭގޮތުން މޫސަ ވަނީ ވަރަށް ތަފްޞީލުކޮށް ވާހަކަދައްކަވާފައެވެ. ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާ ބެހޭ މައްސަލަ ދިރާސާކުރުމަށް ޤައުމީ ސަލާމަތާބެހޭ ކޮމިޓީން މިހާތަނަށް ފަސް ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދަވާފައިވަނީ “މުޅިން އެހެން ރޫޙެއްގައި” ކަމަށް ވިދާޅުވެ މޫސަ ވަނީ ކޮމިޓީގެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގުއަންޓަނާމޯބޭ ޖަލުގައި ތިބި ޤައިދީންނާއިބެހޭ މައުލޫމާތު ހިމެނޭ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ޑީއާރުޕީގެ ނައިބު ލީޑަރ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީވަހީދަށް ލިބިވަޑައިގެންނެވިގޮތް އަލީ ވަޙީދު ވިދާޅުވެދެއްވަން ޖެހިވަޑައިގަންނަވާނެކަމަށާއި މީގެ އިތުރުން ފުލުހުން މިކަންކަން ތަޙްޤީޤުކުރަންޖެހޭނެކަމަށާއި، އަދި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައްވެސް އަޅަންޖެހޭނެކަމަށް މޫސަގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެކަންކަން އެމްޑީޕީ އިން ބަލާނެކަމަށާއި މިކަމުގައި ކުރިއަށް ދެވެން އޮތްގޮތަކަށް އެމްޑީޕީ އިން ކުރިއަށްދާން މަސައްކަތްކުރާނެ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޑީއާރުޕީގެ ނައިބު ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ޢަލީ ވަޙީދު މީޑިއާގައި ވިދާޅުވެފައިވަނީ އެލިޔުންތައް ވަގަށްނެގި ކަމަށް ބުނެ ފޮރިންގ މިނިސްޓްރީން ހުށަހަޅާފައިވާ މައްސަލައިގައި އިތުރު މަޢުލޫމާތުދެއްވަން ގަސްދުނުކުރައްވާ ކަމަށާއި، ގައުމީ ސަލާމަތާބެހޭ ކޮމިޓީގައި ވެސް މިމައްސަލަ ހިނގަމުންދާތީ މިލިޔެކިޔުންތައް ވަގަށްނަގާފައިވާ ކަމަށް ފޮރިންގ މިނިސްޓްރީން ބުނާ މައްސަލައިގައި ވާހަދައްކަން ބެނުން ނުވާ ކަމުގައެވެ.
ރޭގެ ޖަލްސާގައި މޫސަ ދެއްކެވި ވާހަކައިގައި މާލެތެރޭގައި ހިނގާ މާރީމާރީ ހުއްޓުވުމަށް މަޖިލިސް ހުޅުވުމާއެކު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި މަސައްކަތްކުރާނޭ ކަމަށާއި، މިމާރާމާރީތައް ހުއްޓުވުމަށް ވަރަށް ހަރުކަށި ބިލެއް ފާސްކުރާނޭ ކަމުގައި ވެސް މޫސަ ވިދާޅުވިއެވެ.