މެންބަރުންގެ ޚިޔާލު: ޓެކްސްނެގުމުން ހުރިހާ ފައިދާއެއް ރައްޔިތުންނަށް …

ފަހަލަ ސަޢީދު

maldives-tax

ޓެކްސްއަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ގާނޫނުއަސާސީއިން ލާޒިމްކުރާ އަސާސީ ޚިދުމަތްތަށް ދިނުމަށްޓަކާ ނަގަންޖެހޭ އެއްޗެކެވެ. ޓެކްސް ނަގަން ފެށުމުން މިހާތަނަށް ރައްޔިތުންނަށް ނުލިބިހުރި ގިނަ އަސާސީ ޙައްގުތަށް ފުރިހަމަވާން ފަށާނެއެވެ. ހާސްކަމެއްނެތް ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ލިބޭނީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ކަންކުރާގޮތަށް ކަންކޮށްގެންނެވެ. ޓެކްސްނެގޭނީ ރާއްޖެ އެތެރެކުރާމުދާ ވިއްކުމަށްފަހުއެވެ. ވިޔަފާރިވެރިޔާ ބޮޑުޚަރަދެއް ކޮށްގެން ބޭރުން މުދާގަނެގެން ރާއްޖެ އެތެރެކުރުމުން ޑިއުޓީގެގޮތުގައި، ގިނަ ޢަދަދެއްގެ ފައިސާ ސަރުކާރަށް ކުރިން ނަގައެވެ. މި ފައިސާ މުދާ އެތެރެވާއިރު ނުނެގުމުން ވިޔަފާރިވެރިޔާގެ ޖީބަށް އެފައިސާ ވަދެގެންދާނެއެވެ. ޓެކްސް ނެގެނީ ވިފާރިކުރުމަށްފަހު ފައިދާވާ މިންވަރަކުންނެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން ރީޓޭލްކޮށް ވިއްކާ މުދަލުން ނަގާނީ ހޯލްސޭލަރު އަތުން ރީޓޭލްކޮށް ގަތްއަގު އުނިކުރުމަށް ފަހުއެވެ. ޓެކްސް ނަގާއިރު އަމިއްލަ ފަރާތްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުން ޓެކްސް ނުނަގާނެއެވެ. މިސާލަކަށް އަމިއްލަ ފަރާތްތަކުން ދޭ ބޯފެނާ، ކަރަންޓާ ،ޞިއްޙީ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތުން ޓެކުހެއް ނުނަގާނެއެވެ. ޓެކުހަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތް ރަގަޅު ފެންވަރުގައި ދިނުމަށް ދައުލަތުން ނަގާ އެއްޗެކެވެ. ގައުމެއް ތަރައްގީވެގެންދާއިރު، ނޫންނަމަ، ފަގީރު ގައުމުތަކުގެ ލިސްޓުން އުނިވެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް އެރުމުން، ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވާން އެބަޖެހެއެވެ. އެހެންކަމުން ތަހުޒީބުވެފައިވާ ގައުމުތަކާ، އަދި ތަހުޒީބުވަމުން އަންނަ ގައުމުތަކުގައި ވެސް ޓެކްސްގެ ނިޒާމަކީ ކާމިޔާބު ނިޒާމަކަށް ވުމާއެކު ރާއްޖޭގައި ވެސް މިނިޒާމް ގާއިމް ކުރެވެނީ ރައްޔިތުން ކުރިއަރާ ދިއުމަށްޓަކައެވެ. ޓެކްސް ތަޢާރުފްވުމުން މިހާރުނަގަމުން މިއަންނަ ޑިއުޓީ ނެގުމެއް ނުއޮންނާނެއެވެ. ވިޔާފާރިކުރުމަށް ފަހު ލިބޭފައިދާއަކުން މެނުވީ ޓެކުހެއް ނުނަގާނެއެވެ. މިހެން ހެދުމުން ނުވިކޭ މުދަލުން ކުރިން ނެގެމުން އައި ޑިއުޓީގެ ގެއްލުމުން ވިޔަފާރިވެރިޔާ ސަލާމަތްވީއެވެ. އެއީ ގެންނަ ހުރިހާ މުދަލެއްގެ ތެރެއިން ނުވިކޭ ބައެއް ވެސް ހުންނާނެތީއެވެ. އެހެންކަމާ އެކު މުދާވިއްކުމަށް ފަހު ވެފައިވާ ފައިދާއިން ޓެކްސްނެގުމުން، ތަކެތީގެ އަގުއަތްފޯރާ ހިސާބަށް ތިރިވެ، ރައްޔިތުން ބޭނުންވެގެން އެއުޅޭ އަނެއް ދިވެހިރާއްޖޭގައި ބޯހާސްކަމެއް ނެތި އަބުރުވެރި ކަމާއެކު އުޅެލެވޭނެއެވެ.
ރާއްޖެއަށް ބޭނުންވާ އިގްތިޞާދީ ދުޅަހެޔޮކަމާ، ފުރާނައިގެ މިނިވަންކަމާ، މުދަލާއި ފައިސާގެންގުޅުމުގެ މިނިވަންކަމާއި، އަބުރު ރައްކާތެރިކުމުގެ މިނިވަންކަން މިހާރު ލިޔެވިފައި އޮތީ ފޮތުގައެވެ. މިހާރު ވެސް އަދި ކުރިންވެސް ދިވެހިންނަކަށް މިއިން އެއްވެސް މިނިވަންކަމެއް ލިބިފައެއް ނުވެއެވެ. އެހެންކަމާއެކު މިދެންނެވި މިނިވަންކަން ދިވެހިންނަށް ހޯދައިދިނުމަށްޓަކާ މެނުވީ ސަރުކާރެއް އޮތުމުގެ އެއްވެސް ބޭނުމެއްނެތެވެ. މި ކަންކަން ދިވެހިންނާ ހަމަޔަށް ގެނެސްދިނުމަށްޓަކާ މެނުވީ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާނެއެވެ. ތަރައްގީގެ މާސްޓަރ ޕްލޭނެއް ނެތި ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ދެތިން ރަށަށް ޖަނަރޭޓަރު ދީގެން ރައްޔިތުން އުންމީދެއްގައި ބައިތިއްބައިގެން ވެސް ވެރިކަންކުރެވިދާނެއެވެ. ނަމަވެސް ޒަމާން ބަދަލުވެ ދުނިޔޭގެ އުޅުމާއިވައްޓަފާޅި ވެސް ބަދަލުވިހިނދު ދިވެހިންނަކީ ވެސް ހަށިފޮޅާލާފައި ތެދުވެވިދާނެ ބައެއްކަން، ގަބޫލުކުރެވޭ ހިސާބަށް މިއޮތީ ވާޞިލްވެވިފައެވެ.
ވަކިއުޞޫލެއްނެތި، ވެރިކަން ޙިމާޔަތްކުރަން އުޅުމަކީވެސް ގައުމަށް ލިބޭ ބޮޑު ދެރައެކެވެ. ރައްޔިތުންގެ ވެރިކަން އައުމުން ރައްޔިތުންނަށް ގަބޫލުނުކުރެވިގެން އެއުޅެނީ މާޟީގެ ހިތިހަނދާންތަކުގެ ހިތިރަހަ އަދިވެސް ކަރުބުޑުގައި ހަރުލާފައި ހުރީތީއެވެ. ވެރިކަންކުރާ މީހާއާ ވެރިކަމުގެ ނިޒާމާ ،ވެރިކަމުގެ އެންމެހާ އަސާސީ ސިފަތައް ވެސް މިވަނީ ބަދަލެއްގެ ތެރޭގައެވެ. ދުނިޔެ ގަބޫލުކުރާ ފަދަ މިނިވަން ދައުލަތެއް ރައްޔިތުންނާ ހަމައަށް ގެނައުމަށްޓަކާ، ގައުމީ އެންމެހައި ސިޑިތައް އާކޮށް އެސިޑީގެ ހަރުފަތްތަކުން ރައްޔިތުމީހާއަށް ވަރުބަލިކަމެއް ނެތި އެރޭ ގޮތް ނުވަންޏާ، ވެރިކަން ބަދަލުވުމުން ވާ އެއްވެސް ފައިދާ ރައްޔިތުމީހާ އަކަށް ނެތެވެ. އެހެންކަމާ އެކު ޒުވާން ތަޢްލީމީ ވިސްނުން ތޫނު އިގްތިޞާދީ މާހިރުންތަކެއް ރާއްޖޭގައި އުފެދިގެން މިދަނީ ޒުވާނުން ނަކީ ގައުމީ ތަރިކަކަމަށް ގަބޫލުކޮށް ގައުމީ ތަނބުތަކުގެ ތެރޭގައި ގާބިލް ޒުވާނުން ޝާމިލްކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ. މިނިވަން އިންޞާފްވެރި ދުޅަހެޔޮ ތާހިރު ދިރިއުޅުމަކަށް ދިވެހިން ގެންދިއުމަށް ސަރުކާރުންކުރާ މަސައްކަތް ބަޔަކު އޮޅުވާލަން އުޅުނަސް ތިބޭފުޅުން ރަގަޅަށް ވިސްނާ ފިކުރުކޮށްފި ނަމަ ޙަގީގަތް ހާމަވެގެން ދާނެއެވެ.