ރައީސް ނަޝީދަކީ ޤައުމީ ބަޠަލެއް ކަމުގައި ޑރ.މުސްޠަފާ ލުތުފީ ވިދާޅުވެއްޖެ

1 ޖޫން 2010

haruge-31-05-2010-4-450-x-338

ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަކީ ޤައުމީ ބަޠަލެއް ކަމަށާއި، އެމަނިކުފާނު ނޫން ދެވަނަ ލީޑަރަކަށް ދިވެހިން އުއްމީދުކުރާ އަނެއް ދިވެހިރާއްޖެ ނުގެނެވޭނޭ ކަމުގައި ދާދި ފަހުން ޤައުމީ އިއްތިހާދު ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޑރ.މުސްޠަފާ ލުތުފީ ވިދާޅުވެއްޖެއެވެ.
ގައުމީ އިއްތިޙާދު ޕާޓީގެ ނައިބު ލީޑަރެއްގެ މަޤާމުގައި ހުންނެވުމަށްފަހު އެޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ސަރުކާރަށާއި، ރައީސް ނަޝީދަށް ފާޅުގައި ފާޑުވިދާޅުވުމާ ގުޅިގެން އެޕާޓީ ދޫކުރައްވައި އެމްޑީޕީއަށް ވަޑައިގެން، އެމްޑީޕީގެ ޕޯޑިއަމްގައި ވާހަކަފުޅުދައްކަވަމުން ޑރ.މުސްތަފާ ލުތުފީ ވިދާޅުވީ އެމްޑީޕީ އިއްތިހާދުގެ ސަރުކާރެއް ހިނގަމުންދާއިރު، އެސަރުކާރުގައި އިއްތިހާދުވެތިބެ ސަރުކާރަށް ފާޑުވިދާޅުވާ ޖަމާޢަތަކާއެކު އެމަނިކުފާނު ހުންނަވަން ބޭނުންފުޅުނުވާ ކަމަށާއި ޚާއްސަކޮށް ރައީސް ނަޝީދަށް ފާޑުވިދާޅުވާ ބަޔަކާއެކު އެއްޖަމާޢަތެއްގައި އުޅުއްވަން ބޭނުންފުޅުވެ ނުލައްވާ ކަމުގައެވެ.
ވަރަށް ޖޯޝާއެކު ވާހަކަފުޅު ދައްކަވަމުން ޑރ.މުސްޠަފާ ލުތުފީ ވިދާޅުވީ މިއަދުގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވަނީ ކުރީގެ ސަރުކާރަށް ނުކުރެވިހުރި ކަންތައްތައް މިސަރުކާރުން ކުރާތީ ކަމަށާއި، ރަށްރަށުގައި ބަނދަރު ހަދައި، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާތީ ކަމަށާއި، ދަތުރުފަތުރުގެ ޚިދުމަތް ފަށައި، މަދަނައިގެ ޚިދުމަތްދީ، މަންހަޖު އިސްލާޙްކުރުން ފަދަ މުހިއްމު ކަންތައްތައް މިސަރުކާރުން ކުރާތީ ކަމުގައެވެ.
ޑރ.މުސްޠަފާ އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް އެމްޑީޕީގެ ފިކުރު ހުންނަ އެމްޑީޕީގެ ބޭފުޅެއް ކަމަށާއި، އެމްޑީޕީއާ ގުޅިވަޑައިގަތީ ހިތާ ސިކުނޑި އެކަމަށް ބޭނުންވެގެން ކަމުގައެވެ. އެމަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގަތީ 29 މެއި 2009 ވީ ހޮނިހިރު ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. ޑރ.މުސްޠަފާ ލުތުފީގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ނައިބު އަހުމަދު އިނާޒް އާއި މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަމެންޓްގެ ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވި އާދަމް އުސްމާން ވެސް ހަމަ އެޙަފްލާގައި އެމްޑީޕީއަށް ސޮއިކުރެއްވިއެވެ.