ބޮޑު ތިލަދުންމަތީގެ އެމްޑީޕީ މެންބަރުންނަށް ޚާއްސަކޮށްގެން ބާއްވާ ބައްދަލުވުމެއް މި ހަފްތާ ބަންދުގައި މާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ

އިބްރާހީމް ރާމިޒް

adam-naseer-450-x-317

ބޮޑު ތިލަދުންމަތީ (މަތި އުތުރު ޕްރޮވިންސް) ގެ އެމްޑީޕީ މެންބަރުންނަށް ޚާއްސަކޮށްގެން ބާއްވާ ބައްދަލުވުމެއް މި ހަފްތާ ބަންދުގައި މާލޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ސަރަހައްދުގެ އެމްޑީޕީގެ ޕްރޮވިންސް ރައީސް އާދަމް ނަސީރު (އެޑަމް) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން އެޑަމް ވިދާޅުވީ ހއ، ހދ އަދި ށ. އަތޮޅު ހިމެނޭ ބޮޑު ތޮލަދުންމަތީގެ އެމްޑީޕީ މެންބަރުންނަށް ޚާއްސަކޮށްގެން ބާއްވާ މި ބައްދަލުވުމުގައި، އެ ސަރަހައްދުގެ ދާއިރާތަކުގެ ރައީސުންނާއި، މަތިއުތުރު ޕްރޮވިންސަށް ނިޞްބަތްވާ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނޭ ކަމަށާއި، މި ބައްދަލުވުމުގެ ބޭނުމަކީ ” ބޮޑު ތިލަދުންމަތީގައި ޕާޓީގެ ޙަރަކާތްތައް ވަރުގަދަކޮށް، 2013 އަށް ތައްޔާރުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފެށުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި މައްސަލަތައް ދެނެގަނެ، ޕާޓީ (އެމްޑީޕީ) އާ މެދު އާންމު މެންބަރުންގެ ޚިޔާލާއި، ޝުޢޫރުހުރި ނެތްގޮތް ބަލައި، މަތިއުތުރު ޕްރޮވިންސްގެ ރަށްރަށުގައި ގާއިމްކުރެވިފައިވާ އެމްޑީޕީގެ އިދާރީ އޮފީސް ތަކާއި ޑެސްކްތައް ޙަރަކާތްތެރި ކުރުވުމަށް އެފަރާތްތަކަށް އެހީފޯރުވިދާނޭ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާކުރުން” ކަމަށެވެ.
މަތި އުތުރު ޕްރޮވިންސްގެ ބޮޑެތި ހުރިހާ ރަށެއްގައި އެމްޑީޕީގެ ރަސްމީ އިދާރީ އޮފީސްތައް ގާއިމްކުރެވިފައިވާ އިރު، ކުދި ރަށްރަށުގައި އެމްޑީޕީގެ މެންބަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އިދާރީ ޑެސްކް ގާއިމްކުރެވިފައިވާ ކަމަށް ވެސް އެޑަމް ވިދާޅުވިއެވެ.
އެޑަމް އަދި ވިދާޅުވީ ކުދިރަށްރަށުގައި އިދާރީ އޮފީސްތައް ގާއިމްކުރުމުގައި، މާލީ ގޮތުންނާއި ވަޞީލަތުގެ ގޮތުން ވެސް ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި، އެ ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަންނަ ހަފްތާ ބަންދުގައި އެމްޑީޕީ ހަރުގޭގައި ބޮޑު ތިލަދުންމަތީގެ އެމްޑީޕީގެ މެންބަރުންނަށް ޚާއްސަކޮށްގެން ބާއްވާ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ ަމނިކު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.